އިޓަލީގެ ގޮނޑުދޮށަކުން 14 ފުޅި ވެލި ނެގުމުން ޖަލު ހުކުމެއްގެ ބިރު

އިޓަލީގެ ސާޑީނިއާގެ ގޮނޑުދޮށުން ސުވެނިއާއަކަށް ވެލި ނެގި ފްރާންސްގެ ދެމަފިރިއަކަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވަފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.


މީޑިއާތަކުން ބުނި ގޮތުގައި ސާޑިނިއާ އަށް ޗުއްޓީއަކަށް ދިޔަ ދެމަފިރިން އެތަނުގެ ގޮނޑުދޮށުން ވެލި ނެގީ އެއީ މަނާ ކަމެއް ކަމަށް ނޭނގި އެވެ. ނަމަވެސް އެ މީހުން ވެލި ނެގި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ވެލި އަޅާފައި ހުރި 14 ފުޅި ދެ މީހުންގެ އަތުން ފެނިފައިވެ އެވެ. އެ އެއްޗެހީގައި ހުރި ވެލީގެ ބަރުދަން 40 ކިލޯ އަށް އަރަ އެވެ.

ވެލީގެ މައްސަލާގައި ދެމަފިރިންނަށް ދައުވާކުރަން ސަސާރީ ސިޓީގެ ކޯޓަށް ހުށަހަޅާފައި ވާއިރު އެ މައްސަލާގައި އެ މީހުން ހަ އަހަރަށް ޖަލަށް ލައި، 3،300 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފާނެ ކަމަށް ބެލެވެ އެވެ.

ފްރާންސްގެ ދެމަފިރިން އަތުން ފެނުނު ވެލިފުޅިތަކެއް ފުލުހުން ދައްކައިލަނީ.

ފުލުހުން ބުނި ގޮތުގައި ވެލި ނެގީ މަނާ ކަމެއްކަން ނޭނގި ކަމަށް ދެމަފިރިން ބުންޏަސް އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. ސަބަބަކީ ސާޑިނިއާގެ ގޮނޑުދޮށުގެ އެކި ސަރަހައްގައި އިންޒާރުގެ ބޯޑްތައް އެކި ބަސްބަހުން ވެސް ބަހައްޓާފައި ހުރުމެވެ. އަދި ވެލި ނެގުމަކީ މަނާކަމެއްކަން އަންގައި ދިނުމުގެ ގޮތުން އެކަމަށް ހާއްސަ ފޭސްބުކް ޕޭޖެއް ވެސް ހަދާފައި ހުންނަކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.

އިޓަލީން 2017 އިން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއްގެ ދަށުން ދޮންވެއްޔާއި ބޮލި ފަދަ ތަކެތި އެ ގައުމުގެ ސަރަހައްދުތަކުގެ ގޮނޑުދޮށުން އެއްވެސް ބޭނުމެއްގައި ނެގުމަކީ މަނާކަމެކެވެ.