ކޭޓީ ޕެރީގެ ފުރަތަމަ ބޫޓު ކަލެކްޝަން ނެރެނީ، އަގު ބޮޑެއް ނޫން

ކޭޓީ ޕެރީ އަކީ މޮޅު ލަވަކިޔުންތެރިއެއްގެ އިތުރުން ހެދުން އެޅުމުގެ ސްޓައިލުން ވެސް ފާހަގަވާ ކުޅަދާނަ ފަންނާނެކެވެ. ކޭޓީގެ މިޔުޒިކް ޝޯއެއް ފެޝަން ޝޯއެއް ފަދަ އެވެ. ކޮންމެ ލަވައަކަށް އެކި ވައްތަރުގެ ހެދުންތައް ލައި ނަލަ ބޫޓުތަކަށް އަރަ އެވެ.


ލަވަކިޔުންތެރިއަކަށް ނުވި ނަމަ ވާނީ ޓައިލިސްޓަކަށް ކަމަށް ބުނެފައިވާ މި ފަންނާނު މިހާރު ތައްޔާރުވަމުން ދަނީ އޭނާ ފަރުމާކޮށްފައިވާ ބޫޓު ކަލެކްޝަނެއް ތައާރަފް ކުރުމަށެވެ. މީގެ ކުރިން ބައެއް އިންޓަވިއުތަކުގައި ކޭޓީ ބުނެފައިވާ ގޮތުގައި އެކި ގޮތްގޮތަށް ފަރުމާކޮށްފައި ހުންނަ ބޫޓަށް އޭނާ އަބަދުވެސް ޝައުގުވެރިވެ އެވެ.

"އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެކި މީހުންނަށް ކަމުދާނެ އެކި ވައްތަރުގެ ބޫޓު ސްޓައިލްތައް ބާޒާރުގައި އަތް ފޯރާ ފަށުގައި ހުރުން،" ކޭޓީ ބުނެފައިވެ އެވެ.

ހޮންގް ކޮންގުގެ ފެޝަން ބްރޭންޑިން ކުންފުނި ގްލޯބަލް ބްރޭންޑްސް ގްރޫޕާ އެކު ކޭޓީގެ އަމިއްލަ ބޫޓު ކަލެކްޝަން ރަސްމީކޮށް ލޯންޗުކުރަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

ކޭޓީ ބޫޓު ޑިޒައިން ކުރިއިރު ހިޔާލު ހޯދާފައި ވަނީ ޝާލޮޓް އޮލިމްޕިޔާ، ސޮފިޔާ ވެބްސްޓާ ފަދަ ބޫޓު ޑިޒައިނަރުންގެ މަސައްކަތުންނެވެ. ނަމަވެސް އޭނާގެ ބޫޓު ޑިޒައިންތަކުގެ އަގު 59 ޑޮލަރާއި 299 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ޕޮމް ޕޮމް ޖަހާފައި ހުރި މިޔުލްސް، ކުލަ ގަދަ ފްލެޓްސް އަދި ގްލިޓާ ހީލްސް ފަދަ ކޭޓީ ޕެރީގެ މިޒާޖު ރަމްޒުކޮށްދޭ އެކި ޑިޒައިންތަކުގެ ބޫޓު މި ކަލެކްޝަނުގައި ހިމެނެ އެވެ. ކޭޓީ ފެޝަންގެ ދުނިޔެއަށް މިސްރާބު ޖެހުމުން ގިނަ ބައެއްގެ ފާޑު ކިޔުން ރައްދުވުން އެކަށީގެންވެ އެވެ. އެކަމަކު އެ ފަދަ މީހުންނަށް އޭނާ ރައްދު ދެމުން ބުނެފައި ވަނީ މިހެންނެވެ.

"އަހަންނަކީ އެނާ ވިންޓުއާއެއް ނޫން. އަހަންނަކީ ކާލް ލަގަފެލްޑެއް ނޫން. އަހަންނަކީ އެ ދުނިޔޭގެ މީހެއް ނޫން. އެކަމަކު އަހަރެން ވަރަށް ވިސްނައިގެން އެކަންކަން ބަލަން،" މަޝްހޫރު ފެޝަން ޑިޒައިނަރުންނާ ވާދަކުރަން ނޫޅޭ ކަމަށް އިޝާރާތް ކުރަމުން ކޭޓީ ބުނެފައިވެ އެވެ.