އަބޫ ދާބީ އެއާޕޯޓަށް ސެލްފް-ޑްރައިވިން ވީލްޗެއާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން އަބޫ ދާބީ އެއާޕޯޓްގައި މުޅިން އަލަށް ސެލްފް-ޑްރައިވިން ނުވަތަ އަމިއްލަ އަށް މަސައްކަތްކުރާ ފުރޮޅުލީ ގޮނޑި ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.


އަދި ޓެސްޓްކުރުމުގެ މަރުހަލާގައި އޮތް މި ޕްރޮޖެކްޓް ފެށުމަށް ފަހު މި އަހަރުގެ ބާކީ މި އޮތް މުއްދަތުގެ ތެރޭގައި އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 3 ގައި ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ. މީހެއްގެ އެހީއަކާ ނުލައި މީގެ ގޮނޑި، ނުކުޅެދުންތެރިންކަން ހުންނަ މީހުންނަށް ބޭނުން ކުރެވޭނެ އެވެ. އެތަކެތި ފަރުމާކޮށްފައި ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

މިއީ އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓާއި އިއްތިހާދު އެއާވޭޒް ގުޅިގެން ފެށި މަޝްރޫއެކެވެ.

އަބޫ ދާބީ އެއާޕޯޓަށް ތައާރަފުކުރާ ވީލްޗެއާ ދައްކައިލަނީ.

މިކަމާ ބެހޭ ގޮތުން އިއްތިހާދު އެއާވޭޒްގެ ސީއޯއޯ މުހައްމަދު އަލް ބުލޫކީ ވިދާޅުވީ އަމާޒަކީ ހުރިހާ ގިންތިއެއްގެ ދަތުރުވެރިންނަށް ވެސް އަމިއްލަ މިނިވަންކަމާ އެކު އެއާޕޯޓް ތެރޭގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ.

"އެގޮތުން ސެލްފް-ޑްރައިވިން ވީލްޗެއާތައް ވެގެން ދާނީ ހިނގުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަރަށް ބޭނުންތެރި ވަސީލަތަކަށް. މީގެ ސަބަބުން އެފަދަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

އަބޫ ދާބީ އެއާޕޯޓަށް ތައާރަފުކުރާ ވީލްޗެއާ ދައްކައިލަނީ.

މުހައްމަދު ވިދާޅުވީ މިހާރު ޓެސްޓްކުރަން ތައްޔާރުވަމުން އަންނަ ގޮނޑިތަކުގެ ތަޖުރިބާ އަށް ބަލައިފައި ކުރިއަށް އޮތް ތަނުގައި އެތަކެއްޗަށް އިތުރު ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ. މި ގޮނޑިތައް ތައްޔާރުކޮށްފައި ވަނީ ޓެކްނޮލޮޖީ ކުންފުނި ސީތާ އާއި އިލެޓްރިކް ވެހިކަލް ސަޕްލައިކުރާ ކުންފުނި ވިލް ގުޅިގެންނެވެ.

އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ އެކްޓިން ސީނިއާ ވައިސް ޕްރެޒިޑެންޓް އަބްދުލް ވާހިދު އަމީރީ ވިދާޅުވި ގޮތުގައި އަބަދު ވެސް ތަފާތު އާ ހިދުމަތްތައް ދަތުވެރިންނަށް ހާއްސަކޮށްގެން ތައާރަފުކުރުމަކީ އެ އެއާޕޯޓަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.