އެންމެ ބިޒީ އެޓްލާންޓާ އެއާޕޯޓް

ފާއިތުވި އަހަރު ވެސް ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓްގެ މަގާމު އެމެރިކާގެ ޖޯޖިއާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.


މިއީ މި މަގާމު، ޖެހިޖެހިގެންއެ އެއާޕޯޓަށް ލިބުނު 21 ވަނަ ފަހަރެވެ.

އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްގެ ދަ ވޯލްޑް އެއާޕޯޓް ޓްރެފިކް ރިޕޯޓް ބުނާގޮތުން މިދިޔަ އަހަރު އެޓްލާންޓާ އެއާޕޯޓުން 107.4 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދީފައިވެ އެވެ. އެ އެއާޕޯޓުން ހިދުމަތް ދިން ޕެސެންޖަރުންގެ ނިސްބަތަށް މިދިޔަ އަހަރު 6.4 ޕަސަންޓްގެ ކުރިއެރުމެއް އައިސްފައިވާ އިރު، ކާގޯ ޝިޕްމަންޓްގެ ނިސްބަތަށް 3.4 ޕަސެންޓްގެ އިތުރުވުމެއް އައިސްފައިވެ އެވެ.

ޓްރެފިކް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ގައުމުތަކުގެ ކުދިކުދި އެއާޕޯޓްތަކުން އަހަރެއްގެ ތެރޭގައި ހިދުމަތް ދޭ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވަމުންދާ ކަމަށް ދައްކަ އެވެ. އެގޮތުން އަހަރެއްގެ މައްޗަށް 40 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިން އެއާޕޯޓްގެ އަދަދު 2008 އާ ހަމައަށް 16 ގައި އޮތް ނަމަވެސް އެ އަދަދު މިހާރު 54 އަށް މައްޗަށް ޖެހިލާފައިވެ އެވެ.

މީގެ އިތުރުން ރިޕޯޓުން ފާހަގަކުރެވުނު އަނެއް ކަމަކީ 2017 އިން ފެށިގެން އެންމެ ބިޒީ އެއާޕޯޓްތަކުގެ ލިސްޓްގައި އޮތް ތިން އެއާޕޯޓްގެ ރޭންކިން އަށް ބަދަލެއް ނާންނަކެމެވެ. އެގޮތުން އެޓްލާންޓާ އެއާޕޯޓްގެ ފަހަތުން އެންމެ ބިޒީ އެއާޕޯޓްތަކުގެ ގަދަ ތިނެއްގައި ހިފަހައްޓަމުން އަންނަ އަނެއް ދެ އެއާޕޯޓަކީ ޗައިނާގެ ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ޑުބާއީ އިންޓަނެޝަނަލް އެއާޕޯޓެވެ.

މި ދެ އެއާޕޯޓުން މިދިޔަ އަހަރު ހިދުމަތްދިން އަދަދަށް ބަލާ އިރު، ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުން 101 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ދިން މީހުންގެ އަދަދު އުޅެނީ 89.1 މިލިއަންގަ އެވެ.

ލިސްޓް ގަދަ 10 ގައި ދެން ހިމެނޭ އެއާޕޯޓްތަކަށް ބަލާ އިރު ހަތަރު ވަނައިގައި އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓް އޮތީ 87.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދީގެންނެވެ. ފަސް ވަނަ އިން ޖަޕާނުގެ ޓޯކިއޯގެ ހަނޭޑާ އެއާޕޯޓް 86.9 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީގެން ޖާގަ ހޯދި އިރު، ހަ ވަނަ އިން އެމެރިކާގެ ޝިކޯގެ އޯ ހައާ އިންޓަނޭޝަނަލް އެއާޕޯޓުން 83.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނެވެ.

ޖުމްލަ 80.1 މިލިއަން ފަސިންޖަރުންނަށް ހިދުމތް ދީގެން އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓް ހަތް ވަނައިން ޖާގަ ހޯދި އިރު، އަށް ވަނައިގައި އޮތީ ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއީ މިދިޔަ އަހަރު 74.5 ފަސިންޖަރުންނަށް ހިދުމަތް ދީގެންނެވެ.

ލިސްޓްގެ ނުވައަކުން ޗައިނާގެ ޝަންހާއީ ޕުޑޯންގް އިންޓަނޭޝަނަލް އެއާޕޯޓް 74 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީގެން ޖާގަ ހޯދި އިރު، 10 ވަނައިގައި އޮތީ ފްރާންސްގެ ޗާލްސް ޑެ ގޯލް އެއާޕޯޓެވެ. އެއީ 72.2 މިލިއަން ފަސިންޖަރުންނާ އެކީގަ އެވެ.