ގްރޫޕް ހަދައިގެން ކަސްރަތަށް ދިއުން މާ ރަނގަޅު

ކަސްރަތުކުރަނީ އެކަނި ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ މިއީ ވެދާނެ ގޮތްތަކެކެވެ. އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރެވިދާނެ އެވެ. ނެރެން ބޭނުންވާ ނަތީޖާއާ ހަމައަށް ދިއުމުގައި ލަސްވެދާނެ އެވެ. ކަސްރަތަށް ދޭ ސަމާލުކަން ކުޑަވެދާނެ އެވެ. މިއަދު ކަސްތަރު ނުކޮށް މާދަމާ އަށް ފަސްކޮށްލާނީ އެވެ. މާ ބޮޑަށް ވަރުބަލިވެއްޖެ އެވެ. ދެން ހުއްޓާލަންވީ އެވެ.


މިއީ އެކަނި ކަސްރަތުކުރާ ނަމަ ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ބުނާ ބައެއް ކަންކަމެވެ. އެހެންވެ ޝައުގުވެރިކަން ބަހައްޓައިގެން ދިގު މުއްދަތަކަށް ކަސްރަތުގައި ދެމިހުންނަން ބޭނުންވާ ނަމަ މިކަމަށް އޮތް އެންމެ މޮޅު ހައްލަކީ ގިނަ ބަޔަކާ އެކު ކަސްރަތުކުރުމެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ގިނަ ބަޔަކާ އެކު ކަސްރަތުކުރާ ނަމަ މީހާ މޯޓިވޭޓްކޮށް ދެ އެވެ. ވާދަވެރިކަން އުފައްދައި، ނަތީޖާ ނެރެން ކުރާ މަސައްކަތަށް އިިތުރު ހިތްވަރެއް ލިބެ އެވެ.

ބަޔަކު ކަސްރަތުކުރަނީ.

އެކަމަކު ގިނަ ބަޔަކާ އެކު ކަސްރަތުކުރުމުގެ މާނަ އަކީ ކޮންމެހެން ޖިމަކަށް ގޮސް، ގިނަ ބަޔަކާ އެކު ވޯކައުޓް ކުލާސްތަކެއް ނެގުމެއް ނޫނެވެ. ދުވަން، ހިނގާލަން، ފަތާލަން ނުވަތަ ކަސްރަތާ ގުޅޭ އެހެން ކަމެއް ކުރިޔަސް ގްރޫޕެއްގެ ތެރޭގައި ހިމެނޭނެ ނަމަ ޖޯޝާއި ފޯރި އިތުރުކޮށްދެ އެވެ. ކަމާވެގެން ކަސްރަތުކުރުމުގެ ލޯބި ވެސް އުފައްދައިދެ އެވެ.

އެހެންވެ ގިނަ ބަޔަކާ އެކު ކަސްރަތުކުރުމުން ޖިސްމާނީ ގޮތުން މީހާ ދުޅަހެޔޮކޮށް ދިނުމާ އެކު، ނަފުސާނީ ގޮތުން ވެސް މީހާ ވަރުގަދަކޮށްދޭން ބާރަކަށްވެ އެވެ.

ސްޕޯޓްސް ސައިކޮލޮޖީން ހާއްސަވެފައިވާ ކްލިނިކަލް ސައިކޮލޮޖިސް ޑރ. ބޮބް ކޯޕް ވިދާޅުވި ގޮތުގައި ގްރޫޕް ވޯކައުޓްތަކަކީ އަބަދު ވެސް ވަކި ނަތީޖާއެއް ނެރެން ކަސްރަތުކުރާ މީހުންނަށް އޮތް އެންމެ ރަނގަޅު ހައްލެވެ.

ބަޔަކު ކަސްތަރުކުރަނީ

"އޭގެ އެންމެ ބޮޑު އެއް ފައިދާ އަކީ މީހާގެ ކިބައިގައި ވާދަވެރިކަން އުފައްދައިދިނުން. އެކަނި ކަސްރަތުކުރާ ނަމަ މިކަމެއް ނޯންނާނެ. އޭގެ ނަތީޖާއަކަށް ވާނީ ކަސްރަތަށް ދެވޭ ސަމާލުކަމާއި ޝައުގުވެރިކަން ވެސް ކުޑަވުން،" އޭނާ ވިދާޅުވި އެވެ.

ބޮބް ވިދާޅުވި ގޮތުގައި ބަޔަކާ އެކު ކަސްރަތުކުރާ ނަމަ އަބަދު ވެސް އެކަމަކަށް ވަގުތު ހުސްކުރަން ބޭނުންވާނެ އެވެ.

"މިސާލަކަށް އަހަރެމެންނަށް ވަރަށް ހާއްސަ މީހަކަށް ވަގުތު ހުސްކޮށް އޭނާ އަށް އަބަދު ވެސް އިންތިޒާކޮށް އެ ގުޅުމަށް ކޮމިޓްމަންޓްދެވޭ ގޮތަށް، ގިނަ ބަޔަކާ އެކު ކަސްރަތުކުރީމަ އެކަމަށް ކޮމިޓްވެވޭނެ. މާނަ އަކީ ފަރުވާ ކުޑަކޮށްލުމުގެ ބައި ދަށްވާނެ،" އޭނާ ވިދާޅުވި އެވެ. "ކަމާވެގެން ކަސްރަތުކުރަން ހިތްވަރު ލިބޭނެ. އަނެކާ އަށް ވުރެ ރަނގަޅަަށް މަސައްކަތްކުރުމުގެ ރޫހު އިތުރުކޮށްދޭނެ."

ބަޔަކު ކަސްރަތުކުރަނީ.

ބޮބް ވިދާޅުވި ގޮތުގައި ގިނަ ބަޔަކާ އެކީ ކަސްރަތުކުރާ ނަމަ އެކަމުގައި ދެމިހުންނަން ބޭނުންވެ، ކަސްތަރުގެ ފައިދާ އާއި މުހިއްމުކަން އިހުސާސްކުރެވޭނެ އެވެ.

"އެހެންވެ ކަސްރަތުކުރާ އިރު އަބަދު ވެސް ބަޔަކާ އެކީގައި މިކަން ކުރުމަކީ އެންމެ ފައިދާހުރި ގޮތް،" އޭނާ ވިދާޅުޅި އެވެ. "އެންމެ މުހިއްމު އެކަނި ކުރުމަށް ވުރެ އިތުރު މީހަކާ ބައިވެރިވެގެން ކަސްރަތުކުރުން."