އިރާންގެ "އެންޖެލީނާ ޖޮލީ" ހައްޔަރުކޮށްފި

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީއާ ވައްތަރުވާން ޕްލާސްޓިކް ސާޖަރީތަކެއް ހަދައިގެން ބިރުވެރި ސިފައަކަށް ބަދަލުވި ކަމަށް ބުނެ މީގެ ކުރިން ވާހަކަތަކެއް ހަދައިގެން ދެއްކި އިރާން މީހާ ހައްޔަރުކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަހަރް ތާބަރު ކިޔާ 22 އަހަރުގެ މީހާ ހައްޔަރުކުރީ ދީނަށް ފުރައްސާރަކުރުމާއި ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ކަހަލަ ވާހަކަތައް ދައްކާ މައްސަލައިގަ އެވެ. ބައެއް ނޫސްތަކުން ބުނީ އޭނާ ހައްޔަރުކުރީ އިންސްޓަގްރާމްގައި ދީނަށް ފުރައްސާރަކޮށް، ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ވާހަކަތަކާއި އިރާނުގެ ޑްރެސް ކޯޑަށް ފާޑުކިޔުމުގެ އިތުރަށް ޒުވާނުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ގޮތަށް ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކަތަކާ ގުޅިގެންނެވެ.

ތަހަރްގެ އިންސްޓަގްރާމް އެކައުންޓް މިހާރު ވަނީ ޑިލީޓްކޮށްލައިފަ އެވެ.

އޭނާ އަށް މީގެ ދެ އަހަރު އަހަރު ކުރިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޖޮލީއާ ވައްޔަރުވާން 50 ޕްލާސްޓިކް ސާޖަރީ ހަދައި ފޮޓޯތައް އިންސްޓަގްރާމްގައި އާންމުކުރުމާ ގުޅިގެންނެވެ. އޭނާގެ ފޮޓޯތައް ފެނުމާ އެކު ގިނަ ބަޔަކު ސަހަރް ސިފަކޮށްފައި ވަނީ ޒޮމްބީއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭނާ އެންޖެލީނާ ޖޮލީއާ ވައްތަރުވާ ގޮތަށް ހަދާފައިވާ ފޮޓޯތައް ހުރީ އެޑިޓްކޮށްފަ އެވެ.