ކުޑަ ކާރަކަށް ވުރެ ބަރު ބަރަބޮލެއް

ދުނިޔޭގެ އެންމެ ބަރު ބަރަބޮލުގެ ރެކޯޑް ނުލިބުނަސް މިއީ އާދައިގެ ބަރަބޮލެއް ނޫނެވެ. ބަރުދަނުގައި 2,294.5 ޕައުންޑް (1،040.8 ކިލޯ) އެބަ ހުއްޓެވެ. ބަރުދަނަށް ބަލާ އިރު މިއީ ކުޑަވަރެއްގެ މިޓްސުބިޝީ މިރާޖް ބްރޭންޑްގެ ކާރަކަށް ވުރެ ވެސް ބަރު ބަރުބޮލެކެވެ. އެ ބްރޭންޑްގެ ކާރެއްގެ ބަރުދަނުގައި ހުންނަނީ 2،018 ޕައުންޑް (915 ކިލޯ) އެވެ.


މި ފަހަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ބަރަބޮލަކީ އެމެރިކާގެ ނިއު އިންގްލެންޑްގައި މިހާރު ކުރިއަށްދާ ޓޮޕްސްފީލްޑް ފެއާގައި ދައްކައިލި އެއްޗެކެވެ. އާދަޔާހިލާފު ބޮޑު ބަރަބޯތައް ގެންނަ ފެއާގައި ދައްކައިލި ބޮޑު ބަރަބޮލަށް އިނާމެއްގެ ގޮތުގައި 8,519 ޑޮލަރު ލިބުނެވެ.

އެ ބަރަބޯ ހައްދާފައި ވަނީ ކަނެކްޓިކަޓަށް ނިސްބަތްވާ އެލެކްސް ނޮއެލް އެވެ. އޭނާ ބުނި ގޮތުގައި އަމާޒަކަށްވީ ދުނިޔޭގެ އެންމެ ބަރު ބަރޯބޯ ހައްދަން ކަމަށް ވިޔަސް މި ފަހަރު އެކަން ކާމިޔާބެއް ނުވި އެވެ. އެކަމަކު އެ ބަރަބޯ ހައްދަން ކުރި މަސައްކަތް ހަނދާނުން ނުފިލާނެ ކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި ބަރަބޯ ހައްދަން ކުރި މަސައްކަތަކީ ބުރަ މަސައްކަތެކެވެ. އެގޮތުން އެކަމަށް ނިދި ނަގާލި ކަމަށް ބުންޏެވެ.

"ރެކޯޑް މުގުރާ ނުލެވުނަސް އަހަންނަށް މިހާރު ހަމަޖެހިލައިގެން ނިދާލެވޭނެ،" އެލެކްސް ބުންޏެވެ. "ފެއާ ކާމިޔާބުވެއްޖެ."

އެންމެ ބޮޑު ބަރަބޮލުގެ ދުމިޔޭގެ ރެކޯޑް އޮތީ 2016 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފެއާއެއްގައި ދައްކައިލި ބެލްޖިއަމްގައި ހެދި ބަރަބޮލެއްގަ އެވެ. ގްރޭޓް ޕަމްޕްކިން ކޮމަންވެލްތު (ޖީޕީސީ) ގެ ނަމުގައި އޮކްޓޯބަރު 9، 2016 ގައި ބޭއްވި ފެއާގައި ދައްކައިލި ބަރަބޮލުގެ ބަރުދަނުގައި 2,624.6-ޕައުންޑް (1,190.49 ކިލޯ) ހުއްޓެވެ. އެ ބަރަބޯ ހެއްދީ މެތިއަސް ވިލެމިންސް ކިޔާ މީހެކެވެ.

ނިއު އިންގްލެންޑްގައި ކުރިއަށްދާ ޓޮޕްސްފީލްޑް ފެއާ 2019 މި މަހުގެ 14 އާ ހަމައަށް ކުރިއަށްދާނެ އެވެ.