"މާސްޓަ ޝެފް އިންޑިއާ" ގެ އާ ސީޒަނެއް އަންނަ މަހު ފަށަނީ

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ގައުމުތަކަށް ނިސްބަތްކޮށް ގެނެސްދޭ މަޝްހޫރު ކައްކާ ޝޯ "މާސްޓާ ޝެފް" ގެ އިންޑިއާ ވާޝަނުގެ އާ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ އޮޑިޝަންތައް ފަށައިފި އެވެ.


ސްޓާ ޕްލަސް އިން ގެނެސްދޭ ޝޯގެ އޮޑިޝަންތައް އިންޑިއާގެ ބޮޑެތި ބައެއް ސިިޓީތަކުގައި ކުރިއަށް ގެންދަން ނިންމައި، ޝޯގެ ޕްރޮމޯއެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ.

"މާސްޓަ ޝެފް އިންޑިއާ" އަކީ 2010 ގައި ދައްކަން ފެށި ޝޯއެކެވެ. މީގެ ފަސް ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާ އިރު، އެންމެ ފަހުގެ ސީޒަން ގެނެސްދިނީ 2016 ގަ އެވެ. އެ ފަހަރު ޝޯ ކާމިޔާބުކުރީ ކިރުތީ ބުޓީކާ އެވެ.

"މާސްޓަ ޝެފް އިންޑިއާ" ގެ ހަ ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ޝޯ ފަށާނެ ތާރީހެއް ރަސްމިކޮށް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ޝޯ ދައްކަން ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 30 ގަ އެވެ.

މި ޝޯއަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް އަބަދު ވެސް ލިބޭ ޝޯއެކެވެ.

"މާސްޓަ ޝެފް އިންޑިއާ" ގެ ފުރަތަމަ ސީޒަނުގައި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވެސް ޖަޖްކަންކޮށްފައިވާ އިރު، މި ފަހަރުގެ ސީޒަނުގައި ވެސް ކުރިން ޖަޖްކަންކޮށްފައިވާ ބައެއް މީހުން ފެންނާނެ އެވެ. ޝޯގައި ހިމެނޭނީ ތިން ޖަޖުންނެވެ. ހަ ވަނަ ސީޒަނުންގެ ޖަޖުންގެ ޕެނެލްގައި ހިމެނޭނީ މަޝްހޫރު ތިން ޝެފެކެވެ. އެއީ ވިކާސް ކަންނާ، ރަންވީރު ބްރާރް އަދި ވިނީތު ބާޓިއާ އެވެ.

"މާސްޓަ ޝެފް އިންޑިއާ" ކާމިޔާބުކުރާ މީހަކަށް 10،000،000 ރުޕީސް (140,065 ޑޮލަރު) އާ އެކު ކައްކާ ފޮތެއް ނެރުމުގެ ފުރުސަތާއި އަމިއްލަ ކައްކާ ޝޯއެއް ތައްޔާރުކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

"މާސްޓަ ޝެފް" އަކީ 1990 ގައި އިނގިރިރޭސިވިލާތުން އުފަންވި ކައްކާ ރިއަލިޓީ ޝޯއެކެވެ.