ދެ ޖިންސްގެ މެދުގައި އުޖޫރައިގެ ފަރަގު ކުޑަކުރަން ގޮވައިލުމުން ރީނދޫ ކާޑު ދައްކައިފި

އެމެރިކާގެ ހައި ސްކޫލްތަކެއްގެ މެދުގައި ކުރިއަށްދާ އަންހެން ދަރިވަރުންގެ ފުޓްބޯޅަ މުބާރާތެއްގެ މެޗެއްގެ ތެރޭގައި، ކުޅިވަރުގައި އަންހެނުންނާއި ފިރިހެނުންގެ އުޖޫރައިގެ ފަރަގު ކުޑަކުރަން ގޮވައިލާ ޓީޝާޓްތަކެއް ދެއްކި ދަރިވަރުންތަކަކަށް ރީނދޫ ކާޑު ދެއްކުމަށް ފަހު މުބާރާތުން ސަސްޕެންޑްކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިޗާ ގޮތުގައި "#ޕޭ އީކްއަލް" ޖަހާފައިވާ ހުދު ކުލައިގެ ޓީޝާޓް ދަރިވަރުން ދައްކައިލީ މެޗްގެ ރަސްމީ ނޫ ޖާޒީ ބޭލުމަށް ފަހު އެވެ. މިއީ މުބާރާތުގެ ގަވައިދާ ހިލާފު އަމަލެއް ކަމަށް ބުނެ ރެފްރީ ވަނީ ވާމަންޓްގެ ބާލިންޓަން ހައި ސްކޫލް (ބީއެޗްއެސް) ގެ ހަތަރު ދަރިވަރަކަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

މުބާރާތް އިންތިޒާމުކުރި ފަރާތުން ބުނީ ސްލޯގަން ޖަހާފައިވާ ޓީޝާޓް މެޗެއްގެ ތެރޭގައި ބޭނުންކުރުން މަނާ ކަމަށެވެ. އެހެންވެ ދަރިވަރުންގެ އެ އަމަލު ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ.

އީކްއަލް ޕޭ ޖަހާފައިވާ ޓީޝާޓް ދައްކައިލުމުން ވަނީ ރީނދޫ ކާޑު ދައްކާފައި.

މި މައްސަލާގައި ޓީމަށް ފިޔަވަޅު އެޅި ނަމަވެސް ދަރިވަރުން ވަނީ ކުޅިވަރުގައި ދެ ޖިންސްގެ މީހުންގެ އުޖޫރަ ހަމަހަމަކުރަން ގޮވައިލާ ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އަދި ސްލޯގަން ޖަހާފައިވާ ޓީޝާޓް އަންނަނީ ވިއްކަމުންނެވެ.

އަންހެނުންނަށް ޓީޝާޓެއް ވިއްކަނީ 25 ޑޮލަރަށް ކަމަށް ވިޔަސް ފިރިހެނުންނަށް ވިއްކަނީ 16 ޕަސެންޓް ބޮޑުކޮށް 29.8 ޑޮލަރަށެވެ. އަދި މި ޓީޝާޓްތަކަށް އޯޑަރު ލިބޭ ވަރަކުން ވިއްކަން ވަނީ ނިންމައިފަ އެވެ. ޓީޝާޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރާނީ ވާމަންޓްގެ ލޯކަލް ކޮމިއުނިޓީއަށެވެ.

ބީއެޗްއެސްގެ ޓީމް އީކްއަލް ޕޭ ޖަހާފައިވާ ޓީޝާޓް ލައިގެން.

ބީއެޗްއެސްގެ އަންހެން ފުޓްބޯޅަ ޓީމުން ބުނީ ވަކިން ހާއްސަކޮށް، ފުޓްބޯޅަ ކުޅޭ ދެ ޖިންސްގެ ކުޅުންތެރިންގެ މެދުގައި އުޖޫރައިގެ ބޮޑު ތަފާތެއް ގެންގުޅުމަކީ އަންހެނުންގެ ހައްގުތަކަށް ވެވޭ އިހުމާލެއް ކަމަށެވެ. އެހެންވެ އެކަމުގައި އަޑު އުފުލުން ހުއްޓައިނުލާނެ ކަމަށް ބުންޏެވެ.

ދަރިވަރުންތަކެއް، ދެ ޖިންސްގެ ކުޅުންތެރިންގެ އުޖޫރަ ކުޑަކުރަން ގޮވާލައި ކެމްޕޭނެއް ފަށާފައި ވަނީ އެމެރިކާގެ މަޝްހޫރު އަންހެން ފުޓްބޯޅަ ތަރި މެގަން ރެޕިނޯ ވެސް އެ މައްސަލާގައި ކުރާ ކެމްޕޭނުން ހިތްވަރު ހޯދައިގެންނެވެ.