މިނިވަންކަމުގެ ނަމުގައި ކޮންމެ ކަމެއް ކުރާކަށް ދީން ހުއްދައެއް ނުކުރޭ

ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންކަމާ މެދު އަމިއްލައަށް ގޮތްކަނޑައަޅައި ނިންމުމުގެ މިނިވަންކަން ބޭނުންވެ އެވެ. އަދި ބޭނުން ކޮންމެ އެއްޗެއް ބުނުމުގެ މިނިވަންކަން ބޭނުންވެ އެވެ. މިއީ އިންސާނީ ފިތުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެކެވެ. އެހެންވެ މި ބޭނުން ފުއްދުމުގައި އެއްވެސް ކަހަލަ ހުރަހެއް ނުވަތަ ގައިދެއް އޮތުމަކީ އިންސާނީ ތަބީއަތާ ހިލާފު ކަމެއް ކަމަށް ފަހަރެއްގައި ބައެއް މީހުންނަށް ހީވުން އެކަށީގެންވެ އެވެ. އަދި ހައިވާނުންނާއި ދޫނިސޫފާސޫފި އުޅޭފަދައިން މިނިވަންކަމާ އެކު އިންސާނާއަށް ވެސް ނޫޅެވެންވީ ކީއްވެގެންހޭ ސުވާލު އުފެދުމަކީ ވެސް ވެދާނެ ކަމެކެވެ.


އެހެން ނަމަވެސް އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާއަކީ ތަފާތު މަޚްލޫގެކެވެ. މާތް ﷲ ވަކި ބޭނުމަކު މި ދުނިޔެ އަށް ފޮނުއްވާފައިވާ މަޚްލޫގެކެވެ. އެއީ މާތް ﷲ އަށް އަޅުވެތިވެ މިބިން އާރާސްތު ކުރުމެވެ. މިބޭނުން ފުއްދުމުން މީގެ ހުރިހާ ފައިދާއެއް ވެސް އޮތީ އިންސާނާ އަށެވެ. އިންސާނުން މިބޭނުން ފުއްދިއަސް އަދި ނުފުއްދިއަސް ﷲ އަށް ލިބޭ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތެވެ. ﷲ އަށް އަޅުވެތިވެ ބިން އާރާސްތު ކުރުމުގެ މަސައްކަތް ކުރެވޭނީ އިންސާނުން އެކަކު އަނެކަކާ ގުޅިގެންނެވެ. އަދި އެކަކު އަނެކަކާ ނުވަތަ އެއްބަޔަކު އަނެއްބަޔަކާ ކުރާ މުއާމަލާތުތަކެއްގެ ތެރެއިންނެވެ. އެހެންކަމުން އެހެން ހުރިހާ މަޚްލޫގުންނާ ޚިލާފަށް އިންސާނާ ވާން ޖެހެނީ ވަރަށް ތަހުޒީބު މަޚްލޫގަކަށެވެ. މި ތަހުޒީބުކަން ހާސިލު ކުރެވޭނީ އިންސާނާގެ ކޮންމެ ބޭނުމެއް ވެސް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފުއްދައިގެންނެވެ. ވަކި ނިޒާމެއްގެ ތެރޭގައި އިންސާނާގެ އަމަލުތައް އިންތިޒާމު ކުރެވިގެންނެވެ. އިންސާނާގެ ކޮންމެ އަމަލަކަށް ވެސް އޭނާ މަސްއޫލުވާން ޖެހޭ ފަދަ ގޮތަކަށް އޮވެގެންނެވެ. ހައިވާނުންނާއި ދޫނިސޫފާސޫފި އެސޮރުމެންގެ މިނިވަންކަން ފުއްދާ އުސޫލުން އިންސާނުން މިނިވަންކަމުގެ ބޭނުން ހިފައިގެން ތަހުޒީބު ބަޔަކަށް ނުވެވޭނެ އެވެ.

ވީމާ އިންސާނާގެ މިނިވަންކަމުގައި ވަކި ގައިދުތަކެއް ނުވަތަ ހައްދުތަކެއް އޮތުން ލާޒިމުވެއެވެ. އެއްވެސް އިންސާނަކަށް އެކަނިމައިއެކަނި އުޅެވޭކަށް ނޯވެ އެވެ. އިންސާނާ ދިރިއުޅެން ޖެހެނީ އޭނާ ފަދައިން މިނިވަންކަން ބޭނުންވާ އެހެން ބަޔަކާ އެކުގައެވެ. ވީމާ މިނިވަންކަމުގެ ދަށުން ކޮންމެ އިންސާނަކުވެސް އެމީހަކު ބޭނުން ކޮންމެ ގޮތަކަށް ކަންކުރަން ވެއްޖެ ނަމަ ނުވަތަ ބޭނުން ކޮންމެ އެއްޗެއް ބުނަންވެއްޖެ ނަމަ އިންސާނުންގެ މެދުގައި މައްސަލަތައް އުފެދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހައިވާނުންގެ މެދުގައި ކަންހިނގާ ގޮތާ މެދު ވިސްނާލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެ އެވެ. އެކަމަކު އެސޮރުމެންނަކީ ތަހުޒީބު މަޚްލޫޤުންތަކަކަށް ނުވާތީ ގަދަފަދަ އެތި ނިކަމެތި އެތީގެ މައްޗަށް ބާރު ފޯރުވައިގެން އެގޮތުގައި އެސޮރުމެން އުޅެނީ އެވެ. އިންސާނުންގެ މެދުގައި މި އުސޫލު އޮތުމަކީ އިންސާނީ އިޖުތިމާއީ އުސޫލުތަކާ ފުށު އަރާ ކަމެކެވެ. ދެކޮޅުވެރިވުންތަކާ ތަޅާފޮޅުންތަކާ ހަނގުރާމަތަކުގެ އަސްލަކީ ހަގީގަތުގައި އިންސާނުން ހައިވާނުންނާ އެއްފަދައިން މިނިވަންކަން ބޭނުން ކުރަން އުޅުމެވެ.

ވީމާ މިފަދަ މައްސަލަތަކުން ސަލާމަތް ވުމަށްޓަކައި އިސްލާމް ދީން ރާވާފައި ވަނީ ވަކި ނިޒާމަކަށް ތަބާވެގެން ވަކި ގަވައިދުތަކެއްގެ ދަށުން އިންސާނާގެ މިނިވަންކަމުގެ ބޭނުން ހިފުމަށެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ އިސްލާމީ ހަމަތަކުގެ މަތިން އިންސާނާގެ މިނިވަންކަން ބޭނުން ކުރުމަށެވެ. އެގޮތަށް އެބޭނުން ކުރުމުން އިންސާނާއަށް ގެއްލުމެއް ލިބޭ ކަމަށް ހީވިއަސް ހަގީގީ ގެއްލުމެއް ނުލިބި އެހެން މީހުންގެ މަސްލަހަތަށް ވެސް ރިޢާޔަތް ކުރެވޭނެ އެވެ. އަދި އެހެން މީހުންގެ މިނިވަންކަމަށް އަރައިނުގަނެ އެންމެންގެ މިނިވަންކަން ވެސް ވަކި ގައިދުތަކެއްގެ ތެރޭ ހިފެހެއްޓޭނެ އެވެ. މިހެންވެ މިނިވަންކަމުގެ އެދުން ތަހުޒީބު ކުރުމަށް އިސްލާމް ދީނުގައި ވަރަށްބޮޑަށް ބާރުއަޅާފައިވެ އެވެ. މިގޮތުން މާތް ﷲ އާއި އާޚިރަތް ދުވަހާއި، އެދުވަހުގެ ހިސާބާއި އެންމެ އަދުލުވެރި ގޮތުގައި އެންމެ އަވަހަށް ހިސާބު ބައްލަވާ ފަރާތުން ލިބޭ ޖަޒާއަށް ބިރުވެތިވުމަކީ މިނިވަންކަމުގެ އެދުން ތަހުޒީބު ކުރުވާ އެންމެ ވަރުގަދަ ބާރެވެ.

އިންސާނުންގެ ތެރެއިން އެންމެ ކަރާމަތްތެރިކަން ލިބޭ ބަޔަކީ ތަޤުވާވެރިން ކަމުގައި އިސްލާމްދީން ބަލަ އެވެ. (އަލްޙުޖުރާތު 13) އަދި އެންމެހާ އިންސާނުންނަކީ ﷲ ގެ ކުރިމަތީ ހަމަހަމަ ވެގެންވާ ބައެއް ކަމަށް ވެސް ބަލަ އެވެ. އެހެންވެ އެއްވެސް އިންސާނަކަށް އެހެން އިންސާނެއް އަޅުވެތި ކުރުމުގެ ހައްގު އިސްލާމީ ނަޒަރުން ބަލާއިރު ލިބިގެނެއް ނުވެ އެވެ. ސަބަބަކީ އެހެން ބައެއްގެ އަޅުވެތިކަމަށް ވަދެއްޖެ ނަމަ އެހިސާބުން މިނިވަންކަން ގެއްލުނީ އެވެ.

ދެވަނަ ކަމަކީ އިސްލާމް ދީނުގައި މިނިވަންކަން އިންސާނާގެ ކަރާމަތްތެރި ކަމާ ގުޅުވާފައި ވުމެވެ. މިގޮތުން އިންސާނުންގެ ތެރެއިން އެންމެ ކަރާމަތްތެރިކަން ލިބޭ ބަޔަކީ ތަޤުވާވެރިން ކަމުގައި އިސްލާމްދީން ބަލަ އެވެ. (އަލްޙުޖުރާތު 13) އަދި އެންމެހާ އިންސާނުންނަކީ ﷲ ގެ ކުރިމަތީ ހަމަހަމަ ވެގެންވާ ބައެއް ކަމަށް ވެސް ބަލަ އެވެ. އެހެންވެ އެއްވެސް އިންސާނަކަށް އެހެން އިންސާނެއް އަޅުވެތި ކުރުމުގެ ހައްގު އިސްލާމީ ނަޒަރުން ބަލާއިރު ލިބިގެނެއް ނުވެ އެވެ. ސަބަބަކީ އެހެން ބައެއްގެ އަޅުވެތިކަމަށް ވަދެއްޖެ ނަމަ އެހިސާބުން މިނިވަންކަން ގެއްލުނީ އެވެ. އަދި އެހެން ވެއްޖެ ނަމަ އިންސާނާގެ ކަރާމަތްތެރިކަން ވެސް ގެއްލުނީ އެވެ. އިންސާނާ އަޅުވެތިވާން ޖެހޭ ހަމައެކަނި ފަރާތަކީ އިންސާނާ އުފައްދަވައި އޭނާއަށް ދިރިއުޅުމުގެ ހުރިހާ ވަސީލަތްތަކެއް ދެއްވަވާ އޭނާގެ ސާހިބުވަންތަ ވެރި ރަސްކަލާނގެ އެވެ. މި އަޅުވެތި ކަމަކީ ކަރާމަތްތެރިކަން ގެއްލޭ އަޅުވެތިކަމެއް ނޫނެވެ. އަދިކިއެއްތަ، އިންސާނާ އަށް ހަގީގީ ކަރާމަތްތެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. ސަބަބަކީ ތަޤުވާވެރި ވެވޭނީ ﷲ އަށް ފުރިހަމައަށް އަޅުވެތިވެވިގެން ކަމަށްވާތީ އެވެ. ޢިއްޒަތާއި ކަރާމަތްތެރިކަން ލިބިގެންވަނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށް ކަމަށްވާތީ އެވެ. (އަލްމުނާފިޤޫން 8). ވީމާ ކަރާމާތްތެރިކަން ހޯދަން ބޭނުންވާ ނަމަ މިނިވަންކަން އެއްވެސް ހައްދެއް ނެތި ބޭނުމެއް ނުކުރެވޭނެ އެވެ.

މިނިވަންކަން ވަކި ހައްދެއްގެ ތެރޭ ހިފަހައްޓައި އެގޮތަށް އިންސާނާ ތަރުބިއްޔަތު ވެވޭނީ ވަކި ނިޒާމެއްގެ މަތީ ހުރުމަށް އިންސާނާ ފަރިތަކޮށްގެންނެވެ. މިގޮތަށް އިންސާނާ ތަރުބިއްޔަތު ކުރުމަށްޓަކައި ބޭނުންވާ މުހިންމު ކަންތައްތަކެއްވެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަންކަމަކީ ކިޔަމަންތެރިކަން ދަސްކުރުމާއި، ވަގުތުން ވަގުތަށް ބަރާބަރަށް ކަންކުރަން އާދަކުރުމާއި، ނިޒާމަށް އިހުތިރާމުކޮށް އެ ދިފާއު ކުރުމަށްޓަކައި ފިދާވުމުގެ ޒަމީރެއް ބިނާކުރުމާއި، އެ ނިޒާމުގެ ސައްހަކަމާއި ތެދުކަން ހުއްޖަތާއި ދަލީލުން ސާބިތުކޮށްދެވޭ ފަދަ ބުއްދިއެއް އިންސާނާ އަށް ލިބުމެވެ.

އިސްލާމީ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤުގެ އެންމެހާ ހުކުމްތަކާއި އުސޫލުތަކާ މެދު ފުންކޮށް ވިސްނާލާއިރު މިދެންނެވި ހުރިހާ ކަންކަމެއް ވެސް ވަރަށް ފުރިހަމަ ގޮތުގައި ހާސިލު ކުރެވޭނެ މަގު އޮވެ އެވެ. މިގޮތުން އިސްލާމް ކަމަކީ އެންމެ ފުރަތަމަ ކިޔަމަންތެރިކަމެވެ. "އިސްލާމް" މި ލަފުޒުގެ މާނަތަކުގެ ތެރެއިން އެއް މާނަ އަކީ ބޯލަނބައި ކިޔަމަން ގަތުމެވެ. އިސްލާމްދީނަށް ތަބާވުން ކަމުގައި ބެލެވެނީ ﷲ ގެ ހުރިހާ އަމުރުތަކަށް ކިޔަމަންވެގެންނެވެ. މި އަމުރުތަކަށް ކިޔަމަންވުމުގެ ތެރެއިން އިންސާނާ އަށް ދަސްވާ އަނެއް ކަމަކީ ވަގުތުން ވަގުތަށް އަދި ބަރާބަރަށް ފުރިހަމައަށް ކަންކުރަން އާދަވުމެވެ. މީގެ އިތުރުން ރިވެތި އަޚްލާޤަށް ތަބާވުމާއި ޢަޤީދާގެ ނިޒާމުގެ ތެރެއިން އިންސާނާގެ ޒަމީރު ވަކި ހަމައަކުން ތަރުބިއްޔަތު ވެއެވެ. ވިސްނައި ފިކުރު ކުރުމާއި ބުއްދީގެ ހަމަތަކުން ކޮންމެ ކަމެއް ވެސް ކިރައި ވަޒަން ކުރުމަކީ އިސްލާމީ ވަރަށް މުހިންމު އުސޫލެކެވެ. އެހެންކަމުން ވަކި ނިޒާމެއްގެ މަތީ ހުރުމަށް އިންސާނާ އަށް ކިތަންމެހާ ރަނގަޅަކަށް ވެސް އިސްލާމް ދީން ދަސްކޮށްދެ އެވެ.

މިގޮތަށް އިންސާނާ ތަރުބިޔަތުވެގެންދާއިރު އޭނާގެ މިނިވަންކަމުން ބައެއް އުނިވާކަމުގެ އެއްވެސް އިހުސާސެއް ނުލިބޭނެ އެވެ. އެއާ ޚިލާފަށް އޭނާއަކީ ފުރިހަމަ މިނިވަނެއް ކަމުގެ އަދި ޢިއްޒަތާއި ކަރާމަތް ލިބިގެންވާ މީހެއް ކަމުގެ އިހުސާސް ލިބޭނެ އެވެ. ވީމާ އިންސާނާގެ މިނިވަންކަން ބޭނުންކުރަން އިސްލާމްދީން ކަނޑައަޅާފައިވާ ގައިދުތަކުގެ ތެރޭގައި ހިފެހެއްޓުމަކީ މިނިވަންކަން ގެއްލުން ކަމުގައި ބެލޭނެ ޖާގައެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން އިންސާނާ މިނިވަންކަމަށް ބޭނުންވާ ބޭނުން ފުއްދަން ޖެހޭނީ އިސްލާމްދީން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައިކަން ގަބޫލު ކުރެވޭނެ އެވެ.