ރާޅާއަޅާ މީހުންނަށް އާޓިފިޝަލް ލޭކެއް

ރާޅާއަޅާ މީހުންނަށް ހާއްސަކޮށްގެން އިނގިރޭސިވިލާތުގެ ބްރިސްޓަލްގައި ދުނިޔޭގެ ފެންވަރުގެ އާޓިފިޝަލް ސާފް ލޭކެއް ތައްޔާރުކޮށް ބޭނުންކުރަން ފަށައިފި އެވެ.


ބްރިސްޓަލްގެ އީސްޓަ ކޮމްޕްޓަން ވިލެޖްގައި 75 އޭކަރުގެ ސަރަހައްދަކަށް ފެތުރިގެންވާ މި ސާފް ލޭކްގެ ނަމަކީ "ދަ ވޭވް" އެވެ. ރާޅާއަޅާ މީހުންނަށް ހެޔޮވަރުގެ ރާޅުތައް އެތަނުގައި ނަގާނީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ބިޔަ ރާޅުތަކުންނެވެ. އެގޮތުން ގަޑިއަކު ހާހެއްހާ ރާޅު ނަގާނެ އެވެ.

ސައްބީސް މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ހޭދަކޮށްގެން ހަދާފައިވާ "ދަ ވޭވް" ސާފް ލޭކްގެ ދިގުމިނުގައި 180 މީޓަރު އަދި ފުޅާމިނުގައި 200 މީޓަރު ހުރެ އެވެ.

"ދަ ވޭވް" ޕްރޮޖެކްޓް ހިޔާލީ ތަސައްވުރެއްގެ ގޮތުގައި ސިކުނޑީގައި މީގެ 10 އަހަރު ކުރިން ކުރަހައި، އެކަން ހަގީގަތަކަށް ހެދުމުގައި އިސްކޮށް ހުރި ރާޅާ އެޅުންތެރިޔާ ނިކް ހިއުންޒްފީލްޑް ބުނިގޮތުގައި މިއީ ތިމާވެއްޓާ ރައްޓެހި، ގިނަ ބަޔަކަށް ފައިދާކުރާނެ ކަމެއް ކުރަން ހިންގި މަޝްރޫއެކެވެ.

އޭނާ މި ޕްރޮޖެކްޓް ސިފަކުރަނީ ތިމާވެށީގެ މައްސަލަތަކަށް ބަހުސްކުރަން އެންމެ ރަނގަޅު "ކުލާސްރޫމެއް" ގެ ގޮތުގަ އެވެ. އަދި މިއީ ސިޓީގެ ދިރިއުޅުމާ ހިލާފަށް ރަށްފުށުގެ ތަޖުރިބާ ވެސް ވަރަށް ފުރިހަމަ އަށް ލިއްބައިދޭނެ ތަނެއް ކަމަށް ބުންޏެވެ.

މަތިން ބަލައިލާ އިރު "ދަ ވޭވް" ފެންނަނީ ގުޑިއެއްގެ ސިފައިގަ އެވެ. އަދި މިއީ ހިތްފަސޭހަކަން އެތައް ގޮތަކުން ގެނުވައިދޭނެ ތަނެކެވެ. އެގޮތުން ލޭކްގެ ވިލު ނޫކުލައިގެ ފެންގަނޑާއި ވަށައިގެންވާ ފެހިކަން ގަދަ މާހައުލުން ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވައިދޭނެ އެވެ.

"މީގެ އެންމެ ބޮޑު އެއް މަގުސަދަތީ ތިމާވެއްޓަށް ހޭލުންތެރިކަން އުފެއްދުން. އޭގެ ތެރޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ އާއި ކާޝަން އެމިޝަންގެ މައްސަލަތައް ހިމެނޭ،" ނިކް ބުންޏެވެ. "އަހަރެން އުންމީދުކުރަނީ ދަ ވޭވްގެ ސަބަބުން ސޯޝަލް ޗޭންޖެއް ގެނެވޭނެ ކަމަށް."

ނިކް ކިޔައިދިން ގޮތުގައި "ދަ ވޭވް" ތަރައްގީކޮށްފައި ވަނީ ވެސް ތިމާވެއްޓާ ރައްޓެހި ސާމާނު ބޭނުންކޮށްގެން ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ގޮތަކަށެވެ. އެތަން ހުޅުވައި މިހާރު ބޭނުންކުރަން ފަށާފައިވާ އިރު، "ދަ ވޭވް" ތަޖުރިބާކޮށްލަން ފުރަތަމަ ފުރުސަރު ދިނީ ހޮވައިލި ބަޔަކަށެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެ އެވެ.

"އަހަރެމެން މި ޕްރޮޖެކްޓުން ހާސިލުކުރަން ބޭނުން އެންމެ މުހިއްމު ކަމަކީ ވެއްޓަށްދޭ ސަމާލުކަން އިތުރުކުރުމާ އެކު ކުދިންނާއި ޒުވާނުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދުން. އެގޮތުން ހަރަކާތްތެރި ދިރިއުޅޫމަށް ލޯބިޖައްސައި ނަފުސާނީ މައްސަލަތަކުން އެ މީހުން އެއްފަރާތްކުރުން،" ނިކް ބުންޏެވެ.

އަންނަ އަހަރު ޖަޕާނުގެ ޓޯކިއޯގައި ބާއްވާ އޮލިމްޕިކްސްގެ ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ އެ މުބާރާތުގައި ވާދަކުރާ އިނގިރޭސި ޓީމްގެ ތަމްރީނު ވެސް "ދަ ވޭވް" ގައި ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.