ރާނީ އެލިޒަބަތު މޭކަޕް ކުރައްވަނީ އަމިއްލަފުޅަށް

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތުގެ ކޮންމެ ކަމަކަށް މުވައްޒަފުން ތިބި ނަމަވެސް މޭކަޕްކުރައްވަނީ އަމިއްލަފުޅަށް ކަމަށް ރާނީގެ ހެދުންކޮޅުތަކާ ހަވާލުވެގެން ހުންނަ އެންޖެލާ ކެލީ ބުނެފި އެވެ.


މިދިޔަ މަހުގެ 29 ވަނަ ދުވަހު "ދި އަދާ ސައިޑް އޮފް ދަ ކޮއިން: ދި ކްއީން، ދަ ޑްރެސާ އެންޑް ދަ ވޯޑްރޯބް" ގެ ނަމުގައި ކެލީ ނެރުނު ފޮތުގައި ބުނީ 93 އަހަރުގެ ރާނީ މޭކަޕްކުރެއްވުމައި މީހެއްގެ އެހީ ހޯއްދަވަނީ އަހަރަކު އެންމެ ފަހަރަކު ކަމަށެވެ. އެއީ އެނުއަލް ކްރިމަސް ސްޕީޗް ހަފުލާއަށެވެ.

"އެ ނޫން ހުރިހާ ދުވަހެއްގައި އެކަމަނާ އަމިއްލަފުޅަށް މޭކަޕްކުރައްވަނީ،" ކެލީ ބުންޏެވެ.

އޭނާގެ ފޮތުގައި ކިޔައިދީފައިވާ ގޮތުގައި އަބަދު ވެސް ވަރަށް ޗާލުކޮށް ހެދުން އަޅުއްވައި، ބޫޓްކޮޅު ތުރުކުރައްވައި، ރީތި ކުލަކުކައިގެ ތޮފިކޮޅު ވެސް އަޅުއްވާ ކްރިސްމަސް ސްޕީޗަށް ރާނީގެ މޭކަޕްކޮށް ދެއްވަނީ ޓީވީ މޭކަޕް އާޓިސްޓް މެރިލީން ވިޑެސް އެވެ.

"އެކަމަނާ މޭކަޕްކުރައްވާ އިރު ގަދަ ކުލަކުލައިގެ ހެދުންކޮޅުތަކާއެކު ތުންފަތުގައި ޖައްސަވަން ލޯބި ކުރައްވަނީ ރަތާއި ފިޔާތޮށި ލިޕްސްޓިކް،" 2002 އިން ފެށިގެން ރާނީގެ ޕާސަނަލް އެސިސްޓަންޓް އަދި ސީނިއާ ޑްރެސާގެ މަގާމު އަދާކުރަމުން އަންނަ ކެލީ، 51، ބުންޏެވެ.