އާއިލީ ގުޅުން ކުޑަ މީހުން ބަލިވުމުގެ ފުރުސަތު ބޮޑު

އާއިލާއާ އޮންނަ ގުޅުން ކުޑަ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ފެމިލީ ސައިކޮލީ ޖާނަލްގައި ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނާ ގޮތުން އާއިލީ ގުޅުން ކުޑަ މީހުންނަކީ އެ ނޫން މީހުންނާ އަޅާބަލާ އިރު، އެކި ކަހަލަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. އެގޮތުން އާއިލީ ގުޅުން ކުޑަވުމާ އެންމެ ބޮޑަށް ގުޅެނީ ކްރޮނިކް އިލްނެސްތައް ކަމަށް ބުނެ އެވެ.

އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ހަކުރުބައްޔާއި ނޭވާއްހިއްލުމާއި އަލްޒެމާއި އާއި ކެންސަރާއި އާތުރައިޓްސް އާއި ސްޓްރޯކާއި ކްރޮނިކް އޮބްސްޓްރަކްޓިކް ޕަލްމަނަރީ ޑިޒީޒް (ސީއޯޕީޑީ) ފަދަ ބަލިތައް ހިމެނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުވައި މަބައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އާއިލާގެ އެ ނޫން ވެސް މީސްމީހުންނާ ގާތް ގުޅުމެއް ބޭއްވުމަކީ މީހާ ޖިސްމާނީ ގޮތުން ވަރުގަދަކޮށް ދިނުމުގެ އިތުރަށް ނަފުސާނީ ގޮތުން ދުޅަހެޔޮކޮށްދޭ ކަމެކެވެ.

އާއިލީ ގުޅުން ކުޑަވުމާއި ކްރޮނިކް ޑިޒީޒްތަކާ ގުޅުން ބޮޑު ނަމަވެސް ފިރިމީހާ/އަނބިމީހާ ނުވަތަ ބައިވެރިޔާއާ އޮންނަ ގުޅުން ހީނަރުވުމަކުން އެފަދަ ސިއްހީ މައްސަލަތައް ކުރިމަތިނުވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާއާ ހެދި ޓީމުގައި ހިމެނޭ ޔުނިވަސިޓީ އޮފް ޓެކްސަސް ސަދަންވެސްޓާން މެޑިކަލް ސެންޓަރުގެ އެސިސްޓަންޓް ޕްރޮފެސަރު އޮފް ފެމިލީ އެންޑް ކޮމިއުނިޓީ ސާރާ ވުޑްސް ވިދާޅުވި ގޮތުގައި ހަޔާތުގެ ބައިވެރިޔާއާ އޮންނަ ގުޅުން އެހާ ބަދަހި ނުވިޔަސް، ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިނުވާ ކަމަށް ދިރާސާ އިން ދެއްކުމަކީ ހައިރާންވާ ވަރުގެ ނަތީޖާއެކެވެ.

"އެހެންވީމަ ހަގީގަތުގައި މިއިން ސާބިތުވާ ކަމަކީ އުމުރު ދުވަހަށް އެކީގައި އުޅެން ކައިވެނިކުރާ މީހާއާ އޮންނަ ގުޅުމަށް ވުރެ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެ މީހެއްގެ އާއިލާގެ މީހުންނާ އޮންނަ ގުޅުން ވަރަށް މުހިއްމުކަން. އަދި އެއީ ލޭގެ ގުޅުމަކަށްވުމާ އެކު، އެއީ ދުވަހަކު ވެސް ވަކިނުވެވޭނެ ގުޅުމެއް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ބައިވެރިޔާއާ އޮންނަ ގުޅުން އެބަ ތަފާތުވޭ."

އާއިލާއެއްގެ ބަޔަކު އެކީގައި ވަގުތު ހޭދަކޮށްލަނީ.

ސާރާ ވިދާޅުވި ގޮތުގައި އާއިލާގެ މީހުންނާ އޮންނަ ގުޅުމަކީ ވަރަށް ޖަޒުބާތީ ގުޅުމަކަށްވާތީ އެއީ މީހާގެ ސިއްހީ ހާލަތާ ވެސް ވަރަށް ބޮޑަށް ގުޅުވައިދޭ ކަމެކެވެ. އެގޮތުން އާއިލާގެ މީހުންނާ އޮންނަ ގުޅުން ބަދަހި ނަމަ، ކުރިމަތިވާ އުނދަގޫ ދަތި ހާލަތްތަކުން އަރައިގަތުމަށް ފަސޭހަވުމާއި ހިތްވަރު އާލާވުމާއި ހާސްކަމާއި ފިކުރުތަކާއި ނުތަނަވަސްކަމުން މީހާ ދުރުކޮށްދެ އެވެ.

"އެހެންވީމާ ގުޅުން ވަރުގަދަކުރަން ޖެހޭ. އެކަމަށް ދެވޭ ސަމާލުކަން މިހާރު ކުޑަ ނަމަ އެއީ ވަރަށް ބޮޑަަށް ރަނގަޅުކުރަން ޖެހޭ ކަމެއް،" ސާރާ ވިދާޅުވި އެވެ.