ބަރުދަނުން 80 ކިލޯ ލުއިކުރީ ފުލުހަކަށްވާން

އެމެރިކާގެ މި ޒުވާނާ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ފުލުހަކަށް ވުމެވެ. އެކަމަކު އޭނާގެ ބަރުހަލިކަމާ ހުރެ، އެކަން ކާމިޔާބުވާނެތޯ އަމިއްލަ ނަފްސާ ސުވާލުކުރެވެ އެވެ.


އެ ސުވާލަށް އަމިއްލަ އަށް ޖަވާބު ހޯދީ ފުލުހަކަށް ވާން ބޭނުންވެގެން ބަރުދަނުން 176 ޕައުންޑް (80 ކިލޯ) ލުއިކޮށްގެންނެވެ.

އެމެރިކާގެ ރިޗްމޮންޑް ޕޮލިސް ޑިޕާޓްމަންޓްގައި މިހާރު ޒިންމާދާރު ފުލުހެއްގެ ވަޒީފާ އަދާކުރަމުން އަންނަ ރޮމާރް ލައިލް ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށިއިރު އޭނާގެ ބަރުދަނުގައި 400 ޕައުންޑް (181 ކިލޯ) ހުއްޓެވެ.

އެހެންވެ އެ ސައިޒުގައި ހުރެގެން ފުލުހަކަށް ނުވެވެނޭ ކަމަށް ލައިލް ގަބޫލުކުރި އެވެ. ނަތީޖާ އަކީ ގަދަ ހިތްވަރާ އެކު މަސައްކަތްކޮށްގެން، ނަތީޖާ ނެރެ، ފުލުހުންގެ ޔުނިފޯމް ލުމުގެ ޝަރަފު ހޯދުމެވެ.

"އަހަރެން އަބަދު ވެސް އެންމެ ބޭނުންވީ ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރަން. އެހެންވެ ފުލުހަކަށްވުމަކީ އެންމެ ބޮޑު ހުވަފެން އަބަދު ވެސް،" އިންވެސްޓިގޭޓިވް ފޮރެންސިކުން ޑިގްރީ ހާސިލުކޮށްފައިވާ ލައިލް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ބަރުދަން ލުއިކުރީ ކްރޮސްފިޓް ކިޔާ ޕްރޮގްރާމެއްގައި ބައިވެރިވެގެންނެވެ. އެކަމަކު ބަރުދަން ލުއިކުރަން ކުރި ދަތުރު އެހާ އޮމާން ނޫން ކަމަށް ބުންޏެވެ. ނަމަވެސް ވަކި ލަނޑުދަނޑިއެއް ހާސިލުކުރުމުގެ އުންމީދު އޮތްލެއް ބޮޑުކަމުން ކެއުމާއި ކަސްރަތަށް ގެނައި ބަދަލުން ނަތީޖާ ފެންނަން ފެށުމުން، ހިތްވަރު އިތުރަށް އާވަމުން ދިޔަ ކަމަށް ލައިލް ބުންޏެވެ.

"އަހަރެން މިހާރު އެންމެ އުފާކުރާ އެއް ކަމަކީ މީހާ ފިޓްވެ ޑްރީމް ޖޮބް ލިބި، ފިހާރަތަކަށް ގޮސް ބޭނުންވާ ކަހަލަ ހެދުން ވެސް ގަނެލެވޭތީ،" ލައިލް ބުންޏެވެ.

ފުލުހަކަށްވާން އޭނާ ކުރި ހިތްވަރު ގަދަ މަސައްކަތުގެ ވާހަކަ ރިޗްމޮންޑް ޕޮލިސް ޑިޕާޓްމަންޓްގެ ފޭސްބުކް ޕޭޖްގައި މީގެ ހަފުތާއެއް ކުރިން ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށް ތައުރީފުކޮށްފައިވެ އެވެ.