ބޭކާރު މީޓިންތަކުން ރަނގަޅު ކަމެއް ފެނިއްޖެ

ވަޒީފާއަދާކުރާ ތަނުގެ އުފެއްދުންތެރިކަން ކުޑަވެފައި އެތަނުގެ މީޓިންތައް މާ ގިނަ ކަމަށް ފާހަގަކުރެވޭ ހެއްޔެވެ؟ މި ފަހަކަށް އައިސް މިއީ ވަރަށް ގިނަ އޮފީސްތަކުން ފެންނަ ކަމެކެވެ. މި ބައްދަލުވުންތަކަކީ ބޭކާރު ވަގުތެއް ކަމަށް ދެކޭ މީހުން ގިނަ އެވެ. ސަބަބަކީ މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުމެވެ.


ނަމަވެސް މީޓިންތަކާ ބެހޭ ގޮތުން މިފަހަރު ރަނގަޅު ވާހަކައެކެވެ.

ސްވިޑްންގެ މަލްމޯ ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނާ ގޮތުގައި މީޓިންތަކަކީ ބޭކާރު ކަމެއްގެ ގޮތުގައި ބެލެވުނަސް ހަގީގަތުގައި އެއީ މުވައްޒަފުންނަށް ލިބޭ "ތެރަޕީއެކެވެ." މައިގަނޑު ސަބަބަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ހިތްހަމަނުޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ޝަކުވާކުރަން ވެސް ފުރުސަތު ލިބުމެވެ.

އޭގެ ތެރޭގައި އެކީގައި މަސައްކަތްކުރާ މުވައްޒަފަކާ ދޭތެރޭ ހިތްހަމަނުޖެހުމެއް އޮތަސް އަދި އޮފީހުގެ މަސަައްކަތްތައް ރޭވިފައި ހުންނަ ގޮތާ ދޭތެރޭ ޝަކުވާތަކެއް ހުއްޓަސް، މީޓިންތަކުގެ ތެރެއިން އެ އުދާސްތައް ބޭރުކޮށްލުމުގެ ހިތްވަރު މުވައްޒަފުންނަށް ލިބުމެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސަރު ޕެޓްރިކް ހޯލް ވިދާޅުވިގޮތުގައި ވޯކްފޯސް މިހާރު ބައްޓަންވަމުން އަންނަ ގޮތަށް ބަލާއިރު ވެސް ބޮޑަށް ހުރީ "ވާހަކަތައް ގިނަ ކުރުމުގެ" އުސޫލުތަކާ ދިމާލަށެވެ. އެގޮތުން އޮފީސްތަކުގައި މިހާރު އެންމެ ނަގާކިޔާ ބަޔަކަށް ވަނީ ސްޓްރެޓެޖިސްޓުންނާއި އެޑްވައިޒަރުންނާއި މެނޭޖަރުންނާއި ކޮންސަލްޓަންޓުން ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ހަގީގަތުގައި މިހާރު މާ ބޮޑަށް ބިނާކުރުވަނި މަސައްކަތްތަކެއް ކުރެވޭ ތަނެއް ނުފެނޭ. ބަދަލުގައި މި އޮންނަނީ ވީހާ ވެސް ގިނައިން މީޓިންތައް ބާއްވައި ބައިސާކެނޑުން،" ޕެޓްރިކް ވިދާޅުވި އެވެ "މި ބުނާ ކަހަލަ މަގާމުތަކުގައި ތިބޭ މީހުންނަށް ގިނަ ފަހަރަކަށް ނޭނގޭ އެ މީހުން ކުރަން ޖެހޭ މަސައްކަތެއް އަދާކުރަން ޖެހޭ ޒިންމާތަކެއް. އެހެންވެ ކަމަކަށް މި އޮންނަނީ މުވައްޒަފުން އެއްތަންކޮށްގެން މީޓިން ބޭއްވުން."

އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ރަސްމީ ވަގުތުގެ ތެރޭގަ އާއި އޭގެ ފަހުން ވެސް މީޓިންއަކަށް ގޮވާލައިފި ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމަށް އިޖާބަދިނުމެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަށް "ޕޮޒިޓިވިޓީ" ލިބޭ ކަމަށް ބުންޏެވެ.

"މީޓިންތަކަކީ ތެރަޕީއެކޭ މި ބުނަނީ އުދާސްތައް ބޭރުކޮށްލަން ފުރުސަތު ލިބުމުން އަމިއްލަ މީހާގެ ނަފުސަށް ލިބޭ ހިތްހަމަޖެހުމާއި ލުއިކަމުގެ ސަބަބުން،" ޕެޓްރިކް ވިދާޅުވި އެވެ. "އެހެންވެ މީގައި އެންމެ މުހިއްމު ކަމަކީ މީޓިންތަކަކީ މާނައެއް ނެތް ބޭކާރު ކަމެއްގެ ގޮތުގައި މުވައްޒަފުން ނުދެކުން. އަދި މީޓިން ދިގުވި ވަރަކަށް މުވައްޒަފުންނަށް މިކަން ތެރަޕީއަކަށްވޭ."