ކަންކަމުގައި ހުކުމް ކުރުމުގެ ހަމަތައް ޚިޟްރުގެފާނުގެ ވާހަކައިން

މޫސާގެފާނާއި ޚިޟްރު (ނުވަތަ ޚަޟިރް) ގެފާނުގެ ވާހަކަ އަކީ އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ވާހަކައެކެވެ. މިގޮތުން ޢިލްމުގެ މުހިންމުކަމާއި އޭގެ މާތްކަމާއި އުނގެނުމާއި އުންގަންނައިދިނުމުގެ އަދަބުތަކާއި ޢިލްމު ހޯދުމުގައި ކެތްތެރިވުން ފަދަ ކަންކަން ހިމެނެ އެވެ. ކުރީގެ ދެތިން ލިޔުމެއްގައި މިކަންކަމަށް ވާނީ އަލިއަޅުވާލެވިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ކަންކަމުގައި ހުކުމް ކުރުމުގައި ގެންގުޅެން ޖެހޭ ހަމަތަކާ ބެހޭގޮތުން މި ވާހަކަ އިން ދަސްވެގެންދާ ކަންކަމަށެވެ.


މާތް ﷲ ބާވާލެއްވި ހުރިހާ ޝަރީޢަތްތަކެއްގައި ވެސް ކަންކަމުގައި ހުކުމްކުރުން ބިނާ ކުރަން ޖެހެނީ އިޖުތިހާދު ކުރެވެން ހުރި އެންމެ މަތީ ދަރަޖައަކަށް އިޖުތިހާދު ކުރުމަށް ފަހު ބޭރުފުށަށް ފެނިގެންދާ ހަގީގަތްތަކެއްގެ މައްޗަށެވެ. އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ނުވަތަ އެކަންކަމާ ވިދިގެން މުސްތަގުބަލުގައި ކަންހިނގާނެ ގޮތްތަކުގެ މައްޗަކަށް ނޫނެވެ. އެހެނީ ﷲ ގެ ޙަޟްރަތުން ވަޙީއެއް ނުވަތަ އިލްހާމެއް ލިބިގެން މެނުވީ މި ފަދަ ހަގީގަތްތައް އިންސާނުންނަށް ނޭނގޭނެތީ އެވެ. މިހެންވެ މިވަރުގެ ތަކުލީފެއް ﷲ ނުޖައްސަވަ އެވެ. މިކަން މިހެން އޮތް ނަމަވެސް މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިން ފެނިގެން ދިޔައީ މުސްތަގުބަލުގައި ކަންވެގެންދާނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް ކުރެވުނު ހުކުމްތަކެކެވެ.

ހަގީގަތުގައި ޚިޟްރުގެފާނު މިގޮތަށް ޙުކުމް ކުރެއްވެވީ އަދި މި ހުކުމްތައް ތަންފީޒު ކުރެއްވެވީ ފޮރުވިފައިވާ ހަގީގަތްތަކެއް ﷲ ގެ ޙަޟްރަތުން ޚިޟްރުގެފާނަށް އެނގިވަޑައިގެންފައިވާތީ އެވެ. މި ހަގީގަތްތައް މޫސާގެފާނަށް އެނގިވަޑައި ނުގަންނަވާތީ މިކަންކަމުގައި ކެތް ނުކުރެއްވޭނެ ކަމަށް، ޚިޟްރުގެފާނު މޫސާގެފާނަށް ދެންނެވި އެވެ. (އަލްކަހްފު 68-69). ވަރަށް ޔަގީން ކަމާއެކު މޫސާގެފާނު ވިދާޅުވީ ކެތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ. (އަލްކަހްފު 69). މޫސާގެފާނު މިގޮތަށް ވިދާޅުވިއަސް ކެތްތެރިވެ ވަޑައިނުގެންނެވޭނެ ކަން ޚިޟްރުގެފާނަށް އެނގިވަޑައިގަންނަވާތީ ޝަރުތެއް ކުރެއްވެވި އެވެ. އެއީ ކުރިމަތިވާ ކަންކަމުގައި އެކުލެވޭ ހަގީގަތްތައް ބަޔާންކޮށްދިނުމުގެ ކުރިން، އެކަންކަން ހިނގަމުންދާ ވަގުތުގައި އެއްވެސް ކަމަކާ ދޭތެރޭ ސުވާލު ނުކުރެއްވުމުގެ ޝަރުތެވެ. (އަލްކަހްފު 70).

ކޮންމެއަކަސް މިގޮތަށް އެއްބަސްވެވަޑައިގެން ދަތުރުފުޅު ފެއްޓެވި ނަމަވެސް އެންމެ ފުރަތަމަ ހާދިސާގައި ވެސް މޫސާގެފާނަށް ކެތެއް ނުކުރެއްވުނެވެ. ސަބަބަކީ ބަޔަކު ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަން ގެންގުޅުނު އެމީހުންގެ މައިގަނޑު ވަސީލަތް ކަމުގައިވާ ނައު ހަލާކު ކޮށްލުން ވެގެންދާނީ ހައްގެއް ނެތި އެމީހުންގެ މުދަލަށް އަރައިގަތުން ކަމަށް ވާތީ އެވެ. މިއީ ﷲ ގެ ޝަރީޢަތުގައި ޙަރާމް ކަމެކެވެ. މިހެންވެ މޫސާގެފާނު ސުވާލު ކުރެއްވެވީ "އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ އަހުލުވެރިން ޣަރަޤު ކޮށްލެއްވުމަށްތޯ" އެވެ؟ އަދި ވިދާޅުވީ "ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކޭ" އެވެ. (އަލްކަހްފު 71). ހައްގެއް ނެތި ބައެއްގެ މުދަލެއް ހަލާކު ކޮށްލުމާއި، ބަޔަކު ޣަރަޤުވެގެން ހިނގައިދާނެ ފަދަ ކަމެއް ކުރުމާއި، ހިލޭސާބަހަށް އެމީހުންގެ ނަވުގައި ދަތުރު ކުރެއްވުމަށް ފުރުސަތު ދިން ބަޔަކަށް މިގޮތަށް އިހާނެތިކޮށް ހިތުމާއި މިހުރީ ހައްތާވެސް މޫސާގެފާނު އިންކާރު ކުރެއްވުމަށް ހުރި ސަބަބުތަކެވެ. އަދި މި ނަވުގައި މަސައްކަތް ކުރާ މީހުންނަކީ މިސްކީނުންތަކެއްކަން އޭރު މޫސާގެފާނަށް އެނގިވަޑައިގަތް ނަމަ މިކަމަށް ކުރެއްވެވި އިންކާރު ވަކިން ވަރުގަދަ ވީހެވެ.

މާތް ﷲ ބާވާލެއްވި ހުރިހާ ޝަރީޢަތްތަކެއްގައި ވެސް ކަންކަމުގައި ހުކުމްކުރުން ބިނާ ކުރަން ޖެހެނީ އިޖުތިހާދު ކުރެވެން ހުރި އެންމެ މަތީ ދަރަޖައަކަށް އިޖުތިހާދު ކުރުމަށް ފަހު ބޭރުފުށަށް ފެނިގެންދާ ހަގީގަތްތަކެއްގެ މައްޗަށެވެ. އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ނުވަތަ އެކަންކަމާ ވިދިގެން މުސްތަގުބަލުގައި ކަންހިނގާނެ ގޮތްތަކުގެ މައްޗަކަށް ނޫނެވެ. އެހެނީ ﷲ ގެ ޙަޟްރަތުން ވަޙީއެއް ނުވަތަ އިލްހާމެއް ލިބިގެން މެނުވީ މި ފަދަ ހަގީގަތްތައް އިންސާނުންނަށް ނޭނގޭނެތީ އެވެ.

ދެވަނަ ހާދިސާގައި ކުއްޖަކު ގަތުލުކޮށްލުންވެސް ވެގެން ދިޔައީ މޫސާގެފާނަށް ކެތް ނުކުރެއްވުނު ކަމަކަށެވެ. ސަބަބަކީ، "އެކަކުވެސް މަރާފައި ނުވާ، ކުށެއް ނެތް ޠާހިރު ނަފްސެއް" (އަލްކަހްފު 74) ގަތުލު ކޮށްލުން ވެގެންދާނީ ހަމަ ޔަގީނުންވެސް ހައްގަކާ ނުލައި މީހަކު މަރާލުން ކަމަށް ވާތީ އެވެ. މިއީވެސް ﷲ ގެ ޝަރީޢަތުގައި ޙަރާމް ކަމެކެވެ. ތިންވަނަ ހާދިސާގައި މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅަ ބަޔަކު އުޅުނު ރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް ޚިޟްރުގެފާނު ތެދުކުރެއްވުމުން މި ކަމަށް އުޖޫރައެއް ހިއްޕަވަން ލަފާފުޅު އެރުއްވި އެވެ. (އަލްކަހްފު 77).

އިމާމް އަލް ޤަސްޠަލާނީ ވިދާޅުވާ ގޮތުގައި މި ހުރިހާ ހާލަތްތަކެއްގައި ވެސް މޫސާގެފާނުގެ ހުކުމް ކުރެއްވުން ބިނާވެފައިވީ ބޭރުފުށުން ފެންނަން ހުރި ހަގީގަތްތަކުގެ މައްޗަށެވެ. މިއީ ޝަރުޢީ ހަމަތަކުގެ މަތިން ބަލާއިރު މިކަން ކުރަން ވެސް ޖެހޭނެ ގޮތެވެ. ނަމަވެސް މިއާ ޚިލާފަށް ޚިޟްރުގެފާނުގެ ޙުކުމް ކުރެއްވުން ބިނާކުރެއްވީ ފޮރުވިފައިވާ ހަގީގަތްތަކެއް ﷲ ގެ ޙަޟްރަތުން އެކަލޭގެފާނަށް ލިބިލައްވާފައިވާތީ އެ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މިގޮތަށް މި ހަގީގަތްތައް އެނގުމުން އޭގެ މައްޗަށް ހުކުމް ބިނާ ކުރަން ޖެހެއެވެ. ސަބަބަކީ ނަވުގެ ހާދިސާގައި އެ ހަލާކު ނުކޮށްލެއްވި ނަމަ އެކަން ވެގެންދާނީ އެ ނައު އޭގެ އަހުލުވެރިންގެ އަތުން ފޭރިގަނެވި އެމީހުންނަށް ގެއްލުން ލިބުމަށް އޮތް ފުރުސަތަކަށެވެ. (އަލްކަހްފު 79). ހަމައެފަދައިން ކުއްޖަކު ގަތުލު ކޮށްލެއްވި ހާދިސާގައި ގަތުލު ނުކޮށް ދޫކޮށްލެއްވި ނަމަ ހެޔޮލަފާ މުއުމިނުން ކަމުގައިވި، އޭނާގެ މައިންބަފައިން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާ ދީފާނެ އެވެ. (އަލްކަހްފު 80).

ވީމާ މި ދެ ހާލަތުގައި މޫސާގެފާނުގެ ނަޒަރުން މުންކަރެއް ކަމުގައި ބެލެވުނު ދެކަން ވެގެން އެ ދިޔައީ ޚިޟްރުގެފާނުގެ ނަޒަރުން ބަލާއިރު ދެ ގެއްލުމުން ކުރެ ކުޑަ ގެއްލުން ކަމަށެވެ. ދެ ގެއްލުމެއް ކުރިމަތިވާ ހިނދު އެތަނުން ބޮޑު ގެއްލުމުން ސަލާމަތް ވުމަށްޓަކައި ކުޑަ ގެއްލުމަށް އަރައިގަތުމަކީ ޝަރުޢީގޮތުން ހުއްދަ ކަމެކެވެ. އެހެންކަމުން ޚިޟްރުގެފާނުގެ ޙުކުމް ކުރެއްވުން ވެސް ޝަރުޢީ ހަމައަށް ފެތެ އެވެ. އެއީ މިއިން ކޮންމެ ހާލަތެއްގައި ވެސް ޚިޟްރުގެފާނު ކަންކުރެއްވީ ބޮޑު ގެއްލުމުން ސަލާމަތްވުމަށްޓަކައި ކުޑަ ގެއްލުން ލިބޭ ކަންކަން ކަމަށްވާތީ އެވެ.

ތިންވަނަ ހާދިސާގައި ޚިޟްރުގެފާނު ކުރެއްވެވީ ހެޔޮ ޢަމަލެކެވެ. އެއީ އުޖޫރައަށް ކުރެއްވެވި މަސައްކަތެއް ނޫނެވެ. އެހެންކަމުން އެކަމުގައި ޚިޟްރުގެފާނަށް ގެއްލުމެއް ނެތެވެ. ނަމަވެސް އުޖޫރައަށް އެކަން ކުރައްވައި އުޖޫރައެއް ނެންގެވުމަކީ ހުއްދަވެގެންވާނެ ކަމެކެވެ.

މި ބަޔާންކުރެވުނު ކަންކަމުން ލިބިގެންދާ ފިލާވަޅުތަކަށް ބަލާއިރު އެއް ކަމަކީ، ކަންކަމާ މެދު ހުކުމް ކުރުމުގައި އަސްލަކީ ބޭރުފުށަށް ފެންނަން ހުންނަ ހަގީގަތްތަކުގެ މައްޗަށް ބަލައިގެން ހުކުމް ކުރުމެވެ. ފޮރުވިފައިވާ ކަންކަން ހޯދައިގެން ހުކުމް ކުރަންވެއްޖެ ނަމަ ހުކުމްކުރުން ހުއްޓިގެންދާނެ ކަމެވެ. ދެވަނަ ކަމަކީ، އެއްވެސް ގޮތަކުން ހެއްކާއި ދަލީލާ އެކު އެހެން ހަގީގަތެއް ފެނިއްޖެ ނަމަ އެ ހަގީގަތުގެ މައްޗަށް ބިނާކޮށް ހުކުމް ބަދަލު ކުރަން ޖެހޭނެ ކަމެވެ. އެހެނީ މޫސާގެފާނުގެ ހުކުމް ކުރެއްވުންތައް މޫސާގެފާނުގެ ނިސްބަތުން ސައްހަ ކަމުގައި ވިއަސް ޚިޟްރުގެފާނުގެ ހުކުމް ކުރެއްވުންތައް ބިނާ ކުރެއްވެވި ސަބަބުތައް އެނގިވަޑައިގަތުމުން މޫސާގެފާނުގެ ހުކުމް ކުރެއްވުންތައް ގޯސް ކަމަށް އަދި ޚިޟްރުގެފާނުގެ ޙުކުމް ކުރެއްވުންތައް ރަނގަޅު ކަމަށް މޫސާގެފާނު ގަބޫލުފުޅު ކުރެއްވެވި އެވެ. ތިންވަނަ ކަމަކީ، ކަމެއް ހިނގާ ދިޔަ ގޮތުގެ ހަގީގަތް އެކަން ކުރި މީހަކަށް ނުވަތަ އެހެން މީހަކަށް އެނގުނަސް ފަނޑިޔާރާ ހަމައަށް އެ ހަގީގަތްތައް ނުގެންދެވޭ ނަމަ ފަނޑިޔާރު ކުރި ހުކުމް ބަލައިގަންނަން ޖެހޭނެ ކަމެވެ. ﷲ ގެ ޝަރީޢަތުގައި ވަނީ އެގޮތަށެވެ. ހަމައެފަދައިން ކަމެއްގައި އެކުލެވޭ ހަގީގަތެއް އެކަން ކުރި މީހަކަށް ވެސް އަދި އެހެން މީހަކަށްވެސް ނޭނގުނަސް ފަނޑިޔާރަށް އެނގޭނަމަ އެއަށް ބުރަވެ ހުރެ ފަނޑިޔާރު ކުރާ ހުކުމް ސައްހަވާނެ ކަމެވެ. އަދި މިގޮތަށް ކުރާ ހުކުމަށް ފަނޑިޔާރަށް ފާޑުކިޔުމުގެ ބަދަލުގައި ކަމުގެ ހަގީގަތް އޮޅުންފިލުވަން ޖެހޭނެ ކަމެވެ.

ޚިޟްރުގެފާނުގެ ހުކުމް ކުރެއްވުމަށް މޫސާގެފާނު އިންކާރު ކުރެއްވެވި އިރު ހަގީގަތް ހޯއްދެވުމަށް ސުވާލު ކުރެއްވެވި އެވެ. ހަތަރުވަނަ ކަމަކީ، ޝަރުޢީ ހުކުމްތައް އޭގެ މައްޗަށް ބިނާކުރެވިފައިވާ ހަގީގަތްތައް އަހަރެމެންނަށް ފޮރުވިފައި އޮތުމަކީ އެ ހުކުމްތަކަށް އަހަރެމެން އިންކާރު ކޮށްގެންވާނެ ކަމެއް ނޫން ކަމެވެ. ހިކުމަތްތައް ދެނެގަތުމަށް ސުވާލު ކުރުމަކީ ނެތް ކަމެއް ނޫނެވެ. އެކަމަކު ހަގީގަތްތައް އެނގޭ ހިސާބުން އަހަރެމެންގެ ބޭރުފުށުގެ ހުކުމް ގޯސްވެދާނެ ކަން އަބަދުވެސް ގަބޫލު ކުރަންޖެހޭނެ އެވެ. ވީމާ ކަންކަމާ މެދު ހުކުމް ކުރުމުގައި މި ވާހަކައިން ދަސްވެގެންދާ ހަމަތަކާ އަދި މި ވާހަކާގައި ނެތަސް އެކަމުގެ ހުރިހާ ހަމަތަކަށް އަޅުގަނޑުމެން ސަމާލުވާން ޖެހޭނެ އެވެ.