ހުދުހަނޑުލު ބަތުން، ފޮނި ބުއިންތަކާ އެއްވަރުގެ ނުރައްކަލެއް

ދިވެހިންގެ އާންމު ކެއުމުގެ އެންމެ މައިގަނޑު އެއް ބާވަތަކީ ބަތެވެ. މުޅި އޭޝިއާގައި ވެސް ބަތަކީ އެންމެ އާންމު ކާނާ އެވެ. އެކަމަކު މީގެ ސިއްހީ ނަތީޖާއާ ބެހޭ ގޮތުން ކަންބޮޑުވާ ވަރުގެ ހޯދުމެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.


ސިންގަޕޫރުގެ ހެލްތު ޕްރޮމޯޝަން ބޯޑުން ބުނި ބަތަކީ އޭޝިއާގެ މީހުން ހަކުރުބައްޔަށް މަގުފަހިކުރާ މައިގަނޑު ކާނާ އެވެ. އަދި ހުދުހަނޑުލު ބަތް އެތަނުން ސިފަކުރަނީ ހަކުރު އެޅި ފާޑުފާޑުގެ ތައްޔާރީ ފޮނިބުއިންތަކަށް ވުރެ ނުރައްކާތެރި އެއްޗެއްގެ ގޮތުގަ އެވެ.

އެހެންވެ މިއީ ސޮޑާ ފަދަ ބުއިންތަކާ އެއްވަރަށް ގެއްލުން ބޮޑު ކާނާއެއް ކަމަށް ހެލްތު ޕްރޮމޯޝަނުން ބޯޑުން ބުންޏެވެ.

ސިންގަޕޫރްގެ ހެލްތު ޕްރޮމޯޝަން ބޯޑްގެ ޗީފް އެކްޒެކެޓިވް ޒީ ޔޫންގް ކަންގް ވިދާޅުވި ގޮތުގައި ހުދު ހަނޑުލު ބަތް ކާ ނަމަ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވެ، ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. މިކަމަށް މެދުވެރިވަނީ ބަތުގައި އެކުލެވޭ މާއްދާތާއެއް ކަމަށްވާ އޫލިންގެ ސަބަބުންނެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން ހަދާފައިވާ ދިރާސާއަކަށް ވެސް އިޝާރާތްކުރައްވައި ޒޫ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު މަދުވެގެން އެއް ތަށި ބަތް ކާ ނަމަ އެއީ ހަކުރު ބައްޔަށް މީހާ ހުށަހެޅުމުގެ ފުރުސަތު 11 ޕަސެންޓަށް އިތުރުވާ ކަމެކެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާ ކަހަލަ ގައުމުތަކުގެ މީހުންނަކީ ދުވާލެއްގެ މައްޗަށް މަދުވެގެން ހަތަރު ފަހަރު ބަތްކާ މީހުންނެވެ. އެއާ ހިލާފަށް އެމެރިކާ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ މީހުން ބަތްކަނީ ހަފުތާއެކު އެންމެ ފަސް ފަހަރު އެވެ. ނަތީޖާ އަކީ އެ ގައުމުގެ މީހުން ބަތްކައިގެން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ނިސްބަތުން އެތައް ގުނަ އޭޝިއާގެ މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ގިނަވުމެވެ.

ޒޫ ވިދާޅުވި ގޮތުގައި މީގެ ބަތް ކެއުމަށް އާދަވެފައިވާ ނަމަ އޮތް އެއް ހައްލަކީ ބާސްމަތީ ހަޑުލަށް 20 ޕަސެންޓް ރަތް ހަނޑޫ އެއްކޮށްގެން ކައްކައިގެން ކެއުމެވެ. އެހެން ހެދުމުން ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު 16 ޕަސެންޓް ދަށްކޮށްދޭ ކަމަށް ވިދާޅުވި އެވެ.

"ބަތަކީ ކެއުމުގެ ވަރަށް މައިގަނޑު ބާވަތަކަށްވެފައި އެއީ ހަކަތަ ލިއްބައިދޭ މުހިއްމު ކެއުމަކަށްވާތީ ހުއްޓާލަވޭނެ ކަމެއް ނޫން. އެހެންވީމަ އެންމެ ރައްކާތެރި ގޮތަކީ ބަތް ކެއުން ކޮންޓްރޯލްކުރުން. އަދި ހަމައެކަނި ބާސްމަތީ ރައީސަސް ބަރޯސާވުމުގެ ބަދަލުގައި އެހެން ބާވަތްތަކުގެ ބަތް ވެސް ކެއުން." ޒޫ ވިދާޅުވި އެވެ.