2050 ގައި ޗައިނާ ކާބަން ނިއުޓްރަލްވެދާނެ

ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަކާ ދުރުވުމަށް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާ އިން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން 2050 ހަމަށް އަންނަ އިރު އެ ގައުމަކީ ކާބަން ނިއުޓްރަލް ގައުމަކަށް ވެދާނެ ކަމަށް އެނަޖީ ޓްރާންސްމިޝަން ކޮމިޝަން (އީޓީސީ) އިން ހުކުރު ދުވަހު ބުނެފި އެވެ.


ރޮކީ މައުންޓެއިންސް އިންސްޓިއުޓާ ގުޅިގެން އެތަނުން ނެރުނު ރިޕޯޓްގައި ބުނީ އިގުތިސާދީ ގޮތުން ޗައިނާ މިހާރު ހޯދަމުން އަންނަ ކުރިއެރުންތައް ގުރުބާން ނުކޮށް، ޗައިނާ އަކީ 2050 އާ ހަމައަށް އަންނަ އިރު ކާބަން ނިއުޓްރަލް ގައުމަކަށްވުމުގެ ފުރުސަތު ބޮޑު ގައުމެއް ކަމަށެވެ.

އެގޮތުން، އިޔާދަކުރަވަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ޗައިނާގައި މިހާރު ވަރަށް ފުޅާކޮށް ހަަކަތަ އުފައްދައި ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ދިއުމަކީ ވަރަށް އެދެވޭ މަސައްކަތެއް ކަމަށް އީޓީސީން ބުންޏެވެ. ޗައިނާ އިން އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، ވީހާ ވެސް ގިނަ ބަޔަކަށް އެފަދަ ހަކަަތަ ބޭނުންކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުން ހަކަތައިގެ އަގު ވެސް އަންނަނީ ދަށްކުރަމުންނެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި އީޓީސީގެ ޗެއާ އަދި އިނގިރޭސިވިލާތުގެ ފައިނޭޝަން ސާވިސް އޮތޯރިޓީ އާއި އެ ގައުމުގެ ކްލައިމެޓް ކޮމިޓީގެ ކުރީގެ ޗެއާ އެޑެއާ ޓާނާ ވިދާޅުވީ ޗައިނާ އިން ކުރަމުން އަންނަނީ އުންމީދީ މަސައްކަތެއް ކަމަށެވެ.

"ދުނިޔޭގެ އިގުތިސާދުގައި ޗައިނާ އަދާކުރާ ރޯލާއި އެ ގައުމުން އިޔާދަކުރަނިވި ހަކަތަށް ދެމުން އަންނަ ސަމާލުކަމަށް ބަލާ އިރު ޗައިނާ އަކީ ހަކަތަ ބޭނުންކުރާ ގޮތަށް އިންގިބާލެއް ގެނެސް ކާބަން މަދުކުރަން ކުރާ މަސައްކަތަށް ނަމޫނާ ގައުމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ދެހާސް ފަނަރައިގައި ސޮއިކުރި ޕެރިސް އެގްރިމަންޓްގައި ޗައިނާ ހިއްސާވާ އިރު، އޭގައި ސޮއިކުރި 187 ގައުމުގެ ތެރެއިން ޗައިނާ އަކީ ވިހަ ގޭސްތައް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ އެއް ގައުމެވެ. އަދި ޕެރިސް އެގްރިމަންޓްގެ ފަހުން ޗައިނާ އިން އަންނަނީ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"ޕެރިސް އެގްރިމަންޓްގައި ސޮއިކުރި ގައުމުތަކަށް ބަލާއިރު ޒީރޯ އެމިޝަން އަށް ދާން އެ ގައުމު ކުރާ މަސައްކަތްތައް ވަރަށް ފާހަގަކޮށްލެވޭ،" ޓާނާ ވިދާޅުވި އެވެ. "ދެހާސް ފަންސާހާ ހަމައަށް އަންނަ އިރު، ޗައިނާގެ ކާބަން އެމިޝަން ޒީރޯ އަށް ތިރިވުމުގެ ނަތީޖާއަކަށްވާނީ އެ ގައުމުގެ އިގުތިސާދު އިތުރަށް ވަރުގަވަގެން ދިއުން."

އީޓީސީގެ ރިޕޯޓްގައި ވަނީ ޗައިނާ ކާބަން ނިއުޓްރަލް ގައުމަކަށް ވާން ދަތުރުކުރާ މިސްރާބަށް އިތުރަށް ފޯކަސްކުރުމުގެ ގޮތުން ހެވީ އިންޑަސްޓްރީތައް ކަމަށްވާ ސްޓީލާއި ސިމެންޓާއި ކެމިކަލް ފަދަ އިންޑަސްޓްރީތަކުން ކާބަން މަދުކޮށް، ރިސައިކަލް ކުރެވޭ މާއްދާތައް ބޭނުންކުރުމަށް ވެސް ލަފާ ދީފަ އެވެ. މީގެ އިތުރުން އޭވިއޭޝަން ދާއިރާ އާއި ރޭލާއި ޝިޕިން ދާއިރާގެ އިތުރުން މަގުތައް ދިއްލުން ފަދަ ކަންކަމަށް ވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ދެގުނަ މަތިކުރަން ލަފާ ދީފައިވެ އެވެ.