މަޔަންކް: އިންޑިއާގެ އެންމެ ޒުވާން ފަނޑިޔާރު

އިންޑިއާގެ ކޯޓްތަކުގެ ފަނޑިޔާރަކަށް ވެވޭ އެންމެ ހަގު އުމުރު، 23 އިން 21 އަހަރަށް ދަށްކުރި ފަހުން އެންމެ ހަގު ފަނޑިޔާރުގެ މަގާމު 21 އަހަރުގެ ޒުވާނަކަށް ލިބިއްޖެ އެވެ.


ރާޖަސްތާނަށް ނިސްބަތްވާ މަޔަންކް ޕްރަތާބް ސިންގް އެ ޝަރަފު ހޯދައި، އިންޑިއާގެ ގާނޫނީ ދާއިރާގެ ތާރީހުން ޖާގަ ހޯދީ ރާޖަސްތާން ޖުޑިޝަރީ ސާވިސަސް އެގްމިނޭޝަނުގައި ބައިވެރިވެ، އިމްތިހާނުން އެއް ވަނަ ހޯދައިގެންނެވެ.

ގާނޫނީ ދާއިރާ އިން ރާޖަސްތާން ޔުނިވަސިޓީން ފުރިހަމަ ކުރި ފަސް އަހަރުގެ ކޯހަށް ފަހު، އިންޑިއާގެ އެންމެ ޒުވާން ފަނޑިޔާރުގެ މަގާމު ލިބުން މަޔަންކް ހުރީ ވަރަށް އުފަލުންނެވެ. މިއީ އޭނާގެ ހުވަފެން ހަގީތަކަށްވުމެވެ.

"އަހަރެން އިމްތިހާނުން ފާސްވާން ވަރަށް ބުރަކޮށް މަސައްކަތްކުރިން. އެކަމަކު އެއްގޮތަކަށް ވެސް އުންމީދެއްނުކުރަން މުޅި އިމްތިހާނުން އެއް ވަނަ ލިބޭނެ ކަމަކަށް،" ދުވާލަކު 12 ގަޑިއިރު ކިޔެވުމަށް ހޭދަކުރިކަން ފާހަގަކުރަމުން މަޔަންކް ބުންޏެވެ.

މަޔަންކް އާއިލާއާ އެކު.

އޭނާ ބުނީ އިންޑިއާގެ ތާރީހުން ހާއްސަ ޖާގައެއް ލިބުނީ ކިޔެވުމަށް ދިން ޝައުގުވެރިކަމާއި އަހައްމިއްޔަތުގެ ސަބަބުން ކަމަށެވެ.

"ކުރުކޮށް ބުނަންޏާ ކިޔެވުން ނޫން ކަމެއް މިހާތަނަށް އަހަރެން ނުކުރަން،. ދުވަހަކު އަދި ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބޭނުމެއް ވެސް ނުކުކުރަން،" މަޔަންކް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރާތީ ވަރަށް ގިނަ ރައްޓެހިން ދިމާކޮށް މަލާމަތް ވެސް ކުރެ އެވެ.

"ރައްޓެހިން ބުނާގޮތުގައި އަހަންނަކީ ދުނިޔެއާ ގުޅުން ކެނޑިފައި ހުންނަ މީހެއް. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ސޯޝަލް މީޑިއާ އަށް ވަގުތު ހުސްކުރި ނަމަ މި ވަރުގެ ނަތީޖާއެއް އަހަންނަށް ނުހޯދުނީސް،" މަޔަންކް ބުންޏެވެ. "އަހަރެން މިހާތަނަށް ހަމައެކަނި އިންޓަނެޓް ބޭނުންކުރީ ކޯހުގެ އެސައިންމަންޓަކަށް ސުޕްރީމް ކޯޓްގެ ނިންމުން ދިރާސާކޮށް މުރާޖާކުރަން."

އޭނާ ބުނީ ގާނޫނީ ދާއިރާ އިން ކުރިއަށް ދާން ނިންމި މައިގަނޑު ސަބަބަކީ ރައްޔިތުންނަށް އިންސާފު ލިބޭކަން ކަށަވަރުކޮށް ދިނުމެވެ. އެހެންވެ މަސައްކަތުގެ މައިދާނުގައި، ގާނޫނީ ދާއިރާގައި ހުރި މައްސަލަތައް އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަކީ އެންމެ ބޮޑު ހުވަފެން ކަމަށް ބުންޏެވެ.

"އިންސާފު ނުލިބިގެން އެއް ތަނުން އަނެއް ދުވެ، ރައްޔިތުން ގަނެތެޅޭކަށް ނުޖެހޭ. ޖުޑިޝަރީ އަށް ރައްޔިތުންގެ އިތުބާރު އޮންނަ ނަމަ އިންސާފު ލިބޭކަން ރައްޔިތުންނަށް އިހުސާސްކުރެވޭނެ،" ސަރުކާރުގެ ސްކޫލެއްގެ ޕްރިންސިޕަލެއްގެ މަގާމު އަދާކުރާ ބައްޕައަކާއި ޓީޗަރެއްގެ ވަޒީފާއަދާކުރާ މައެއްގެ ދަރިފުޅު ބުންޏެވެ.