ދުބާއީ ޕޮލިހަށް ޓެސްލާ ސައިބާޓްރަކެއް

މިވީ ގޮތެއް ނޭނގުނެވެ. ޓެސްލާ އިން ބުނީ ސައިބާޓްރަކް އަދި ފުރިހަމަނުވާ ކަމަށެވެ. އެހެންވެ، 2021 ގައި ނޫނީ ސައިބާޓްރަކްތައް ގަނޑުކޮށް އުފައްދަން ނުފެށޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، ސައިބާޓްރަކް ދައްކާލަން އުޅުމުގެ ތެރޭގައި، ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ރެނދު ވެސް ވަނީ ލައިފަ އެވެ. ނަމަވެސް، އަންނަ އަހަރު ދުބާއީ ޕޮލިހަށް ސައިބާޓްރަކް ލިބޭނެ ކަމަށް އެބަ ބުނެ އެވެ. އެ ވާނީ ދުބާއީ ޕޮލިހުންނާ ޓެސްލާއާ ވަރަށް ގާތް ގުޅުމެއް އޮންނަނީ ކަމަށެވެ.


ދުބާއީ ޕޮލިހަކީ ހައިޓެކް ބައެކެވެ. ދުނިޔޭގެ އެހެން ގައުމެއްގެ ޕޮލިހުން ބޭނުންނުކުރާ ޒާތްޒާތުގެ އުޅަނދުފަހަރު އަދި ޒަމާނީ އާލާތްތައް، ދުބާއީ ޕޮލިހުން ބޭނުންކުރެ އެވެ. މަގުތައް ބެލެހެއްޓުމަށް ޑްރޯން ބޭނުންކުރެ އެވެ. މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ޓޫރިސްޓުންނަށް މެހެމާންދާރީ އަދާކުރުމަށާއި މަންޒިލް އޮޅުންފިލުވައިދިނުމަށް މަގުތަކުގައި ރޮބޮޓްތައް ހިންގުވަ އެވެ. ވަގުން ފަހާ ދުއްވުމަށް، މަޝްހޫރު މަރުކާތަކުގެ ސްޕޯޓްސް ކާރާއި މައުންޓަން ސައިކަލްތައް ވެސް ބޭނުންކުރެ އެވެ.

ޓެސްލާއިން ބުނީ، ސައިބާޓްރަކަށް މިހާރު ވެސް 250،000 އޯޑަރު ލިބިއްޖެ ކަމަށެވެ. އުޅަނދު ދައްކާލަން ބޭއްވި ހަފުލާގައި، ބިއްލޫގަނޑަށް ލިބުނު ގެއްލުމާ ގުޅިގެން ބަޔަކު މަލާމާތްކުރި ނަމަވެސް، ސައިބާޓްރަކްތައް އުފައްދަން ފެށުމުގެ ކުރިން މި ވަރުގެ އޯޑަރެއް ލިބޭނެ ކަމަށް ހީކުރެވިފައި ނުވާ ކަމަށް ޓެސްލާއިން ބުންޏެވެ.

ބަލާބެލުމަށް ސިފަ ހުތުރު ނަމަވެސް، ސައިބާޓްރަކްގެ ބޭނުންތެރިކަން ފިތްކަނޑައިގެންދާހާ ވެ އެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ އޭގެ ދުވެއްޔެވެ. ބުނެވޭ ގޮތުގައި ގަޑިއަކު 60 މޭލަށް، ތިން ސިކުންތުގެ ތެރޭގައި ދުވެލި އުފުލާލަ އެވެ.