ދުވަސްވީ އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ

އިއްދައިން ކެނޑުމަށް ފަހު އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ ކަށީގެ ބާރު ދަށްވުން ނުވަތަ ކަށި ފީވުމުގެ މައްސަލަ އަވަސްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


ދިގު މުއްދަތަކަށް، 11،000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާ އިން އެނގުނު ގޮތުގައި އިއްދައިން ކެނޑުމަށް ފަހު ރެޔަކު ފަސް ގަޑިއިރަށް ވުރެ މަދުން ނިދި އަންހެނުންގެ ކަށީގެ ބާރު، ރެޔަކު ހަތްގަޑިއިރު ނިދި އަންހެނުންނާ އަޅާބަލާއިރު ދަށެވެ. ޖާނަލް އޮފް ބޯން އެންޑް މިނެރަލް ރީސާޗްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި، އިއްދައިން ކެނޑުމަށް ފަހު ނިދި މަދުވާ އަންހެނުންނަށް ޅިނދު އަދި މައިބަދައިގެ ކަށިތަކުގެ ބާރު ދެރަވެ ފީވުމުގެ މައްސަލަ ބޮޑެވެ.

ނިދި މަދުވާ އަންހެނުންނާއި ރަނގަޅަށް ނިދާ އަންހެނުންގެ ކަށީގެ ބާރުގެ ތަފާތު ނިސްބަތުން ވަރަށް ކުޑަ ކަމަށާއި އެކަމަކު ނިދި މަދުވުމުން ކަށީގެ އުމުރު ގާތްގަނޑަކަށް އެއް އަހަރު ދޮށިވެ، ބާރު ދެރަވާކަން ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތަކީ ނިދި މަދު އަންހެނުންގެ ހަށިގަނޑުގެ އެކި ތަންތަން ބިނދޭ ނިސްބަތް އިތުރުކަން ފާހަގަވާތީ އެކަން ބެލުން. ދިރާސާގައި އިސްކޮށް ހުންނެވި ސްޓޭޓް ޔުނިވަސިޓީ އޮފް ނިއު ޔޯކް، ބަފަލޯގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ހީތާ އޮކްސް-ބެލްކަމް ވިދާޅުވި އެވެ.

"މިފަހަރު މި ބެލީ ކަށީގެ މިނެރަލް ޑެންސިޓީ އަށް އަންނަ ބަދަލު. އެއީ ކުރީގެ ދިރާސާ އިން ފާހަގަވި ކަންކަމަށް ބާރު ލިބޭތޯ ބެލުމަށް،" ރޮއިޓާސް އަށް ފޮނުއްވި އީމެއިލްއެއްގައި ޑރ. ހީތާ ވިދާޅުވެފައިވެ އެވެ.

މިއީ 161،808 އަންހެނަކު ބައިވެރިކޮށްގެން ކުރި ދިރާސާއެކެވެ. މީގެ ތެރޭގައި ހިމެނެނީ 50-79 އަހަރާ ދެމެދުގެ އަންހެނުންނެވެ.