ރަނގަޅަށް ނިދިޔަސް ލޯ ވަރުބަލިވެފައި: ކީއްވެ؟

ރޭގަނޑު އަށެއްކަ ގަޑިއިރު ނިދާާފައި ހޭލައިގެން އަންނަ ތަނުން، އަދިވެސް ތިޔަ ހުރީ ނިދާފައި ނޫންހޭ، ނިދި ހަމަ ނުވެޔޭ މީހުން ބުނޭ ދޯ އެވެ. ކިތަންމެ ރަނގަޅަށް ނިދާފައި ހޭލިޔަސް ލޯ ވަރުބަލިވެފައި ހުރުމާއި ލޯ ކައިރި ކަޅުވެފައި ހުރުން ފަދަ ކަންކަން ފާހަގަވާ ނަމަ މީހުން ބުނާނީ އެހެންނެވެ.


ރަނގަޅަށް ނިދިޔަސް ލޮލުން އެކަން ނޭނގި، ވަރުބަލިކަމުގެ އިހްސާސް ފެންނަން ހުންނަ މައިގަނޑު ފަސް ސަބަބެއް ފާހަގަކޮށްލާނަމެވެ.

އެލާޖީ

އެކި ފާޑުގެ، ލޮލަށް އުނދަގޫވާ ކުނޑި އާއި ހިރަފުސް ފަދަ ތަކެއްޗާއި ބުޅަލުގެ ކެހެރި ފަދަ ތަކެތި ލޮލު ތެރެއަށް ގޮސް ހުރި ނަމަ ހިސްޓަމިން ކެމިކަލް ލޮލު ތެރޭގައި އަމިއްލަ އަށް އުފެދޭނެ އެވެ. މި ކެމިކަލުން ލޮލުގެ ތިރީ ކައިރީގައިވާ ލޭ ނާރުތައް ފުއްޕާނެ އެވެ. އެހެންވުމުން ލޭ ދައުރުވުން އިތުރުވެ ލޯ ކައިރި ފެންނާނީ ފުފިފައި ވަރަށް ވަރުބަލިކޮށެވެ.

ފެން މަދުވުން

ހަށިގަނޑުން ފެން މަދުވެފައިވާ ނަމަ މީހާ ވަރަށް ބޮޑަށް ވަރުބަލިވާނެ އެވެ. އަދި ލޯ ކައިރި ފުއްޕާނެ އެވެ. އެއީ ލޯ ކައިރި ނާޒުކުކަމުން، ހަށިގަނޑުގެ ވަރުބަލިކަން އެ ހިސާބުން ފާޅުވާލެއް ބޮޑުކަމުންނެވެ. އެހެންވެ 7-8 ގަޑިއިރު ނިދިޔަސް، ފެން މަދުވުމުގެ ވަރުބަލިކަން ލޮލަކުން ނުފޮރުވޭނެ އެވެ.

ލޮނު ގިނަވުން

ލޮނު ރަހަލާ ކާނާ ގިނައިން ކެއުމުން، ހަށިގަނޑުގައި ލޮނު އިތުރުވެ ހަށިގަނޑުގެ އެކި ހިސާބުގައި ފެން ހަރުލާނެ އެވެ. ހާއްސަކޮށް، ލޯ ކައިރީގައި މިގޮތަށް ދިމާވުމުގެ ފުރުސަތު ބޮޑެވެ. މިގޮތަށް ފެން ހިފެހެއްޓުމުން ލޯ ކައިރި ދުޅަ ކަމަށް ފާހަގަވެ، ވަރުބަލިކަމުގެ އިހްސާސްތައް ފެންނާނެ އެވެ.

ކެފެއިން ގިނަވުމުން

ހެނދުނުގެ ކޮފީ ވަރަށް މުހިންމެވެ. އެކަމަކު ކޮފީ ބުއިމުގައި ވެސް ހައްދެއް އޮންނަންވާނެ އެވެ. ކެފެއިން ލިއްބައިދޭ އެންމެ އާންމު ބާވަތް ކަމަށްވާ ކޮފީގެ 4-5 ތައްޓަށް ވުރެ ގިނައިން ދުވާލެއްގެ މައްޗަށް ބޮއެފި ނަމަ އެއީ ކޮފީ ގިނަވުމެވެ. މުޅި ދުވަހު ބުއި ކޮފީތަކުގެ އަސަރު ނިދާ ހޭލާއިރު ވެސް ހުންނަ ނަމަ، ލޯ ފެންނާނީ ވަރަށް ވަރުބަލިކޮށެވެ.