ދިރިއުޅުމުގެ ހަޔާތަށް އިސްލާމީ މަންހަޖުގެ މުހިންމުކަން

އިންސާނާއަކީ ޠަބީޢީ ގޮތުންބަލާއިރު މަދަނީ މަޚްލޫޤެކެވެ. އެބަހީ އެހެންމީހުންނާ ގުޅިގެން ނޫނީ އިންސާނާ އަށް ދިރިއުޅުން ދަތިވާނެ އެވެ. އެހެންކަމުން އިންސާނާއާ އެހެން އިންސާނުންނާ ދެމެދު އެކިއެކި ގުޅުންތަކާއި މުޢާމަލާތުތައް އޮންނާނެ އެވެ. މި ގުޅުންތަކާއި މުޢާމަލާތުތަކުގެ ތެރެއިން ހައްގުތަކަކާއި ވާޖިބުތަކެއް އުފަންވެގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އެއްވެސް އިންސާނަކީ މުޠުލަޤު މިނިވަންކަމެއް ލިބޭނެ އަދި ބޭނުންހާ ގޮތަކަށް އުޅެވޭނެ މީހެއް ނޫނެވެ. ސަބަބަކީ އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެވި ތިމާގެ ވާޖިބުތައް އޭރުން އަދާ ނުކުރެވޭނެތީ އެވެ. ބޭނުންހާ ގޮތަކަށް ކޮންމެ މީހަކު އުޅެން ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ބަލާނީ ތިމާއަށް އެންމެ މަތީ ނަސީބު ހޯދޭތޯ އެވެ. މިކަމުގައި އަނެކަކަށް އަނިޔާވެރިވެ އަދުލާއި އިންސާފުން އެއްކިބާވިއަސް ވަރިހަމަ ވާނެ އެވެ. މިގޮތަށް ކަންތައްތައް ދާ ކަމަށް ވާނަމަ މުޅި މުޖުތަމަޢުގައި އެއްވެސް އިންތިޒާމެއް ނެތި ކަންކަން ބޮއްސުންލައިގެން ދާނެއެ ވެ. ފަސާދަ އާއި ހަމަނުޖެހުމާއި ތަޅާފޮޅުންތައް އަދި ހަނގުރާމަތައް ކުރަން ޖެހޭ ހިސާބަށް ދާނެ އެވެ. ޖަންގަލީގެ ނިޒާމު އާންމުވެ ގަދަބާރު ދައްކާ މީހާ އެހެން މީހުންގެ މައްޗަށް ގަދަވެގަންނާނެ އެވެ. މިއީ އިންސާފެއް ނޫނެވެ. އެހެންކަމުން މިކަމަށް ހައްލެއް ބޭނުންވެ އެވެ.


މިކަމުގެ ހައްލަކީ މުޖުތަމަޢުގައި އެންމެންނަށް ވެސް ހަމަހަމަ އިންސާފުވެރި އަދި އެންމެންގެ ހައްގުތައް ލިބިގެންދާ ފަދަ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. އަދި މިނިޒާމަށް އެންމެންވެސް ތަބާވާ ގޮތަށް އޮތުމެވެ. އެހެންނަމަވެސް މިފަދަ ނިޒާމެއް ހަމަޖެހިގެން ދެމިއޮންނާނީ އެ ނިޒާމަކީ ފުރިހަމަ ނިޒާމަކަށް ވާނަމަ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނުންނަކީ އުނިސިފަތަކާއި ޖާހިލުކަމުގެ ސިފަ ލިބިގެންވާ ބައެކެވެ. އޭގެ އިތުރަށް އިންސާނުންނަކީ އެމީހުންގެ ހަވާނަފްސުގެ އެދުންތަކަށް ކިޔަމަން ވުމަށް ހުށަހެޅިގެންވާ ބައެކެވެ. މިފަދަ ސިފަތަކެއް ލިބިގެންވާ ބަޔަކު މިދެންނެވި ފަދަ ނިޒާމެއް ތައްޔާރުކޮށްފިނަމަ ހަމަޔަގީނުން ވެސް އޭގައި އުނިކަން ހުންނާނެ އެވެ. އެހެންވިއްޔާ އުނިކަމެއް ނެތް ނިޒާމެއް އުފެއްދޭނީ ކިހިނަކުން ހެއްޔެވެ؟

އިސްލާމީ މަންހަޖަކީ އޭގައި ފަރުދީ މިނިވަންކަން ދެވިފައިވާ މަންހަޖެކެވެ. އެހެންނަމަވެސް ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އެއީ އެހެން މީހުންގެ މިނިވަންކަމަށް އަރައިނުގަނެވޭ ހިސާބަށެވެ. އިސްލާމީ މަންހަޖުގައި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި ނުކުޅެދޭ މީހުންނާއި ބޭނުންތައް ޖެހިފައިވާ މީހުންނަށް ހެޔޮގޮތުގައި މުޢާމަލާތު ކުރުމަށް ބާރުއަޅައެވެ. މަލާމާތްކުރުމާއި ޖާސޫސްކުރުމާއި ނުރުހޭ ލަގަބުތަކުން މުޚާޠަބު ކުރުމާއި ނެތިނުބައިމޮށުމާއި ދެބައުޑުވުން ފަދަ ނުބައި ސިފަތައް އިންކާރު ކުރެއެވެ. ޢަދުލާއި އިންސާފަކީ ދީނުގެ އަސާސީ ރުކުނެކެވެ. ތެދުވެރިކަމާއި އަމާނަތްތެރިކަމާއި ހަމަހަމަކަމާއި އެހީތެރިވުމާއި އެކުވެރިވެ އެކަތިގަނޑަކަށްވެގެން އުޅުން އެއީ އިސްލާމް ދީން ބާރުއަޅާ މުހިންމު ކަންތައްތަކުގެ ތެރޭ ހިމެނޭ ކަންކަމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނުން ދިރިއުޅުމުގެ މަންހަޖެއް އެންމެ ފުރިހަމަ ގޮތުގައި އިންސާނުންނަށްޓަކައި ތައްޔާރު ކުރެވޭނީ ހުރިހާ ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވާ ފަރާތަކަށެވެ. އެންމެހާ ފުރިހަމަ ސިފަތަކުން ސިފަ ލިބިވޮޑިގެންވާ ފަރާތަކަށެވެ. އިންސާނުން އުފެއްދެވި އަދި އެ އިންސާނުންގެ އެންމެހާ ހަގީގަތްތަކެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކަށެވެ. އަދި އެފަދަ މަންހަޖެއްގެ ސަބަބުން އެފަރާތަކަށް އެއިން އެއްވެސް ފައިދާއެއް ނުލިބޭނެ އަދި އެ މަންހަޖާ އެއްގޮތަށް މީސްތަކުން ޢަމަލު ނުކުރިޔަސް އެފަރާތަކަށް އެކަމުން އެއްވެސް ގެއްލުމެއް ނުވާނެ ފަރާތަކަށެވެ. އާދެ، އެއީ ޚާލިޤުވަންތަ ޢާލިމްވަންތަ މާތް ﷲ އެވެ. އެ ފަރާތުން އިންސާނުންގެ ދިރިއުޅުމުގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި ބާވާލެއްވޭ މަންހަޖު ފިޔަވައި މީސްތަކުން އަމިއްލަ އަށް ހަދާ މަންހަޖެއް (އިލާހީ މަންހަޖާ އެއްގޮތް ނުވާ ގޮތަކަށް އެކުލަވާލެވިފައިވާ ނަމަ) އިންސާނީ ދިރިއުޅުމަށް އެންމެ ކަމުދާ މަންހަޖެއް ކަމުގައި ނުވަތަ ނިޒާމެއް ކަމުގައި ނުވާނެ އެވެ. މީގެ ސަބަބުތައް ވަރަށް ގިނަ އެވެ.

އެންމެ ފުރަތަމަ ކަމަކީ ޙައްޤު އެކުލެވިގެންވާނީ އިލާހީ މަންހަޖުގައި ކަމަށް ވުމެވެ. ދެވަނަ ކަމަކީ މުޖުތަމައަށް ސަލާމަތްކަމާއި އަމާންކަން އަދި ބާއްޖަވެރިކަން ގެނެސްދީ އެންމެންގެ ހައްގުތައް ބަރާބަރަށް އިންތިޒާމު ކޮށްދޭނީ މި މަންހަޖުގައި ކަމަށް ވުމެވެ. އިންސާނީ ވިސްނުމާއި އޭނާގެ ދެނެގަތުމުގެ ހުރި އުނިކަމެއްގެ ސަބަބުން ފަހަރެއްގައި އިސްލާމީ މަންހަޖުގައިވާ ބައެއް ކަންކަން އެއީ އިންސާނިއްޔަތަށް އެންމެ ފައިދާހުރި ނުވަތަ އެންމެ މަޞްލަޙަތު ހުރިގޮތް ކަމަށް ގަބޫލު ނުކުރެވި ހިނގައިދާނެ އެވެ. ނަމަވެސް ވިސްނާ ފިކުރު ކޮށްލުން މުހިންމެވެ.

މަގުމަތީގައި އޮންނަ ގާކޮޅަކުން މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި އެ ގައުކޮޅު އެއްފަރާތްކޮށްލުންވެސް އެއީ ޞަދަޤާތެއް ކަމުގައި ބަލަ އެވެ. ހެޔޮބަހަކީ، "މޫތައް ބިމުގައި ހަރުލާފައި ހުންނަ، އަދި ގޮފިތައް ބިޔަކޮށް ހެދި މައްޗަށް އުފުލިފައިވާ ގަހެއް ފަދަ" އިން އެއިން މަންފާ ލިބެނިވި އެއްޗެކެވެ.

އިސްލާމީ މަންހަޖަކީ އޭގައި ފަރުދީ މިނިވަންކަން ދެވިފައިވާ މަންހަޖެކެވެ. އެހެންނަމަވެސް ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އެއީ އެހެން މީހުންގެ މިނިވަންކަމަށް އަރައިނުގަނެވޭ ހިސާބަށެވެ. އިސްލާމީ މަންހަޖުގައި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި ނުކުޅެދޭ މީހުންނާއި ބޭނުންތައް ޖެހިފައިވާ މީހުންނަށް ހެޔޮގޮތުގައި މުޢާމަލާތު ކުރުމަށް ބާރުއަޅައެވެ. މަލާމާތްކުރުމާއި ޖާސޫސްކުރުމާއި ނުރުހޭ ލަގަބުތަކުން މުޚާޠަބު ކުރުމާއި ނެތިނުބައިމޮށުމާއި ދެބައުޑުވުން ފަދަ ނުބައި ސިފަތައް އިންކާރު ކުރެއެވެ. ޢަދުލާއި އިންސާފަކީ ދީނުގެ އަސާސީ ރުކުނެކެވެ. ތެދުވެރިކަމާއި އަމާނަތްތެރިކަމާއި ހަމަހަމަކަމާއި އެހީތެރިވުމާއި އެކުވެރިވެ އެކަތިގަނޑަކަށްވެގެން އުޅުން އެއީ އިސްލާމް ދީން ބާރުއަޅާ މުހިންމު ކަންތައްތަކުގެ ތެރޭ ހިމެނޭ ކަންކަމެވެ.

އިންސާނާ އާއި މާތް ﷲ އާ ދެމެދު އޮންނަ ގުޅުންތައް އިންތިޒާމު ކުރުމަށްޓަކައި ރޭވިފައިވާ އަޅުކަންތައްތަކުން އެ ގުޅުން ގާއިމުވުމުގެ އިތުރަށް އެއީ އިންސާނީ ހަމަޖެހޭ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު ސިފަތަކެއް ދަސްކޮށްދޭ ކަންކަމެވެ. އިސްލާމީ އަޚްލާޤަކީ އޭގެ ދާއިރާ ޢާންމު ޚިދުމަތުގެ ތެރެއަށް ޝާމިލު ކުރެވިފައިވާ އެއްޗެކެވެ. މަގުމަތީގައި އޮންނަ ގާކޮޅަކުން މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި އެ ގައުކޮޅު އެއްފަރާތްކޮށްލުންވެސް އެއީ ޞަދަޤާތެއް ކަމުގައި ބަލަ އެވެ. ހެޔޮބަހަކީ، "މޫތައް ބިމުގައި ހަރުލާފައި ހުންނަ، އަދި ގޮފިތައް ބިޔަކޮށް ހެދި މައްޗަށް އުފުލިފައިވާ ގަހެއް ފަދަ" އިން އެއިން މަންފާ ލިބެނިވި އެއްޗެކެވެ. އަނެކާގެ ކުރިމަތީ ހިނިތުންވެލުން ވެސް އެއީ ސަދަގާތެކެވެ. އިސްލާމީ ނިޒާމަކީ ނަސްލީ ތަފާތުތައް އިންކާރު ކުރާ ނިޒާމެކެވެ. ގައިގެ ކުލަ އާއި ނަސަބާއި ހަސަބަކީ އިސްލާމް ދީނުގައި އެކަންކަމުގެ ސަބަބުން ތަފާތެއް ގެންނަން އޮންނަ މިންގަޑުތަކެއް ނޫނެވެ. ތަޤުވާވެރިކަމާއި، އަދި ތަޤުވާވެރިވުމުގެ ވަސީލަތެއް ކަމުގައިވާ ޢިލްމުވެރިކަން ފިޔަވައި އެކަކު އަނެކަކަށްވުރެ މަތިވެރި ކުރެވޭނެ އެހެން ގޮތެއް އިސްލާމީ ނިޒާމުގައި ނޯވެ އެވެ.

އިންސާނުންނަށްޓަކައި އެންމެ ހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ އިސްލާމް ދީނަށް ތަބާވެގެންނެވެ. އެ ދީނުގެ މަތީގައި ދެމި ތިބެގެންނެވެ. އެ ދީނުގެ މަންހަޖު މި ބިންމަތީ ދަމަހައްޓައިގެންނެވެ. މިފަދަ ނިޢުމަތެއްގައި ތިބެފައި އެ ނިޢުމަތް ދޫކޮށްލުމަށް ބުއްދި ހަމަޖެހޭ އެއްވެސް އިންސާނަކު ފިކުރެއް ނުކުރާނެ އެވެ.

ޢިލްމީ ކުރިއެރުންތަކަކީ އިންސާނިއްޔަތަށް ލިބޭ ތަރައްގީއެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އެ ކުރިއެރުންތަކާ އެކު ހަރުދަނާ އަޚްލާޤުތަކެއް މީސްތަކުންގެ ކިބައިގައި އަށަގެންފައި ނެތީވިއްޔާ އެ ކުރިއެރުންތައް އެއީ އިންސާނުންގެ ހަލާކު ކަމުގައިވެސް ވެދާނެ އެވެ. އިސްލާމީ މަންހަޖަކީ ހެޔޮގޮތުގައި ކުރެވޭ މުޢާމަލާތާއި ރިވެތި އަޚްލާޤުގެ މަންހަޖެކެވެ. އެހެންކަމުން ޢިލްމީ ތަރައްގީ ގެ ސަބަބުން ފަހަރެއްގައި އިންސާނިއްޔަތަށް ކުރިމަތިވެދާނެ ހަލާކަކުން ރައްކާތެރިކޮށްދޭނެ މަންހަޖެއް ކަމުގައި އިސްލާމީ މަންހަޖު ވެގެންދާނެ އެވެ.

މިހުރިހާ ކަމެއް އިސްލާމީ ނިޒާމުގައި ހިމެނޭއިރު އެނިޒާމަށް ތަބާވުން ބިނާވެފައިވަނީ އެހެން އެއްވެސް ނިޒާމެއްގައި އެކަން ނޯންނަ ގޮތަކަށެވެ. އެއީ އެ ނިޒާމަށް ތަބާވަނީ ފަރުދަކަށް އެއިން ދުނިޔެމަތީ ލިބެން އޮންނަ ފައިދާއަށް ނުވަތަ ލިބެން އޮންނަ ގެއްލުމަކުން ސަލާމަތްވުމަކަށް ނޫނެވެ. އެހެންނަމަވެސް މާތް ﷲ ގެ އަމުރުތަކަށް ކިޔަމަންވުމުގެ ގޮތުންނެވެ. އެ ނިޒާމަށް ތަބާވުމުން ދުނިޔެމަތީގައި ލިބޭ އެތައް މަންފާއެއް ވެސް ވެ އެވެ. އެހެން ނަމަވެސް ނިޒާމަށް ތަބާވުން ބިނާވެފައިވަނީ ދުނިޔަވީ ފައިދާ އަށް ވުރެ ބޮޑަށް އުޚްރަވީ ހަޔާތުގެ ފައިދާ އަށް ބަލައިގެންނެވެ. މިގޮތަށް މިކަން އޮތުމުން ދުނިޔެމަތީގައި ތިމާއަށް ފައިދާއެއް ލިބެން އޮންނަ ފަހަރު އެއަށް ތަބާވެފައި، ނުލިބޭ ފަހަރު އެއަށް ތަބާނުވުމުގެ އުޞޫލެއް ނޯންނާނެ އެވެ. އަބަދުވެސް އެ ނިޒާމަށް ފުރިހަމަ އަށް ތަބާވެވޭތޯ މަސައްކަތް ކުރާނެ އެވެ. ނަތީޖާ އަކަށް ވެގެންދާނީ އެންމެންނަށް ވެސް ހައްގުތައް ހަމަހަމައަށް ލިބިގެން ދިއުމެވެ. އާދެ، މިއީ އިސްލާމް ދީނުގެ ފުރިހަމަ ކަމެވެ.

އިންސާނުންނަށްޓަކައި އެންމެ ހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ އިސްލާމް ދީނަށް ތަބާވެގެންނެވެ. އެ ދީނުގެ މަތީގައި ދެމި ތިބެގެންނެވެ. އެ ދީނުގެ މަންހަޖު މި ބިންމަތީ ދަމަހައްޓައިގެންނެވެ. މިފަދަ ނިޢުމަތެއްގައި ތިބެފައި އެ ނިޢުމަތް ދޫކޮށްލުމަށް ބުއްދި ހަމަޖެހޭ އެއްވެސް އިންސާނަކު ފިކުރެއް ނުކުރާނެ އެވެ.