ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް އެންމެ މޮޅަށް ބޭނުން ކުރަނީ ނެދަލެންޑްސްގައި

ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންކުރާ ގައުމުތަކުގެ ތެރެއިން އެންމެ ރީތިކޮށް އިނގިރޭސި ބަސް ބޭނުންކުރަނީ ނެދަލެންޑްސްގައި ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.


އިންޓަނޭޝަނަލް އެޑިއުކޭޝަން ކުންފުންޏެއް ކަމަށްވާ އީއެފް އެޑިއުކޭޝަން ފަސްޓުން ނެރުނު ރިޕޯޓްގައި ބުނާ ގޮތުން ރަސްމީ ބަހުގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންނުކުރާ ގައުމުތަކުގެ ތެރެއިން އެންމެ ރީތިކޮށް އަދި އެންމެ ފުރިހަމަ އަށް އިނގިރޭސި ބަސް ބޭނުން ކުރަނީ ނެދަލެންޑްސްގަ އެވެ. އެގޮތުން އެ ގައުމުގެ ގިނަ ރައްޔިތުން، ރަސްމީކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ގައުމުތަކުގެ މީހުންނާ އެއް ފެންވަރަށް ވާހަކަ ދައްކާ ކަމަށް ބުންޏެވެ. ރިޕޯޓްގައި އެ ގައުމަށް ދީފައި ވަނީ 100 އިން 70.72 އެވެ.

އިންގްލިޝް ޕްރޮފިޝެންސީ އިންޑެކްސްގައި ފާހަގަކޮށްފައިވާ ގޮތުގައި ނެދަލެންޑްސްގައި އިނގިރޭސި ބަސް އެހާ ރީތިކޮށް ބޭނުންކުރަން މަގުފަހިވެފައިވާ މައިގަނޑު ސަބަބަކީ އިނގިރޭސި ބަސް ދަސްކުރަން އޮންލައިންކޮށް ހިލޭ ލިބޭ ފުރުސަތުތަކާ ހެދި އެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ވަރަށް ގިނަ ބަޔަކު އަމިއްލަ އަށް އިސް ނަގައިގެން އިނގިރޭސި ބަސް ދަސްކުރާ ކަމަށް ބުންޏެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަކީ ތިން ވަނަ ނުވަތަ ހަތަރު ވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންކުރާ ގައުމުތަކެވެ. އެކަމަކު އިނގިރޭސި ބަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ދެވަނަ އަށް އެންމެ ގިނައިން ބޭނުންކުރާ ބަހެވެ. ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު މިހާރު 1.5 ބިލިއަނަށް އަރަ އެވެ.

އީއެފް އެޑިއުކޭޝަން ފަސްޓްގެ ރިޕޯޓްގައި ބުނީ ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ދެވަނަ އަށް އެންމެ ރީތިކޮށް ބޭނުން ކުރަނީ ސްވިޑްން (70.31 މާކްސް) ގަ އެވެ. ތިން ވަނައިގައި އޮތީ ނޯވޭ (68.38 މާކްސް) އެވެ. ހަތަރު ވަނައިގައި 67.4 މާކްހާ އެކު އޮތީ ޑެންމާކެވެ.

އީއެފް އެޑިއުކޭޝަން ފަސްޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފަސް ވަނަ އަށް އެންމެ ރީތިކޮށް އިނގިރޭސި ބަސް ބޭނުންކުރަނީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރްގަ އެވެ. އެ ގައުމަށް ލިބިފައި ވަނީ 100 އިން 68.63 އެވެ.

ލިސްޓްގެ ހަ ވަނައިގައި ދެކުނު އެފްރިކާ އޮތީ 66.52 ގެ ނަތީޖާއަކާ އެކީގަ އެވެ.

ލިސްޓްގައި ހިމެނޭ އިތުރު ގައުމުތަކަށް ބަލާ އިރު ނަތީޖާތަކަކީ ފިންލެންޑް (65.86)، އޮސްޓްރިއާ (63.13)، ލަގްޒެމްބާގް (66.33)، ޖަރުމަން (63.74)، ޕޮލެންޑް (62.45)، ޕޯޗްގަލް (60.02)، ބެލްޖިއަމް (63.53) އަދި ކްރޮއޭޝިއާ (60.16) އެވެ.

އީއެފް އެޑިއުކޭޝަން ފަސްޓް ރިޕޯޓްގައި ބުނިގޮތުގައި ރަސްމީ ބަހުގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންނުކުރާ ގައުމުތަކުގައި އިނގިރޭސިން މޮޅަށް ވާހަކަ ދައްކާ މީހުން އިތުރުވަމުން އަންނަނީ ކޮމްޕިއުޓަރާއި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުންކުރަން ލިބޭ މިންވަރު އިތުރުވަމުންދާތީ އެވެ.