ރާމާމަކުނާއި އޫރުގެ ހައިބްރިޑް އުފަންކުރި ނަމަވެސް ހަފުތާއެއްގެ ތެރޭގައި ވަނީ މަރުވެފައި
ސިއްހީ ކަންކަމުގައި އިންސާނުންނަށް ބޭނުންވާ ގުނަވަންތައް ޖަނަވާރު ބޭނުންކޮށްގެން ހެއްދުމަށް ޗައިނާގެ ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތުގައި ރާމާމަކުނާއި އޫރު އެއްކޮށްގެން (ހައިބްރިޑް) ޖަނަވާރެއް އުފަންކޮށްފި އެވެ.
މިގޮތަށް އުފަންކުރި ދެ އޫރު ހަފުތާއެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެކަމަކު މި ދެ ޖަނާވާރުގެ ވެސް ހިތާއި ފުރަމެޔާއި ހުންކޮއްޓާއި ފުއްޕާމެޔާއި ހަމުގައި ވެސް ރާމާމަކުނުގެ ޑީއެންއޭ ހުއްޓެވެ.
މި ދެ ޖަނަވާރު އުފަންވީ އައިވީއެފް ހަދައިގެން، 4،000 އެމްބްރިއޯ ބޭނުންކޮށްގެން ކަމަށް ނިއު ސައިންޓިސްޓްގައި ބުނެފައިވެ އެވެ.
ޗައިނާގެ ސްޓޭޓް ކީ ލެބޮރަޓަރީ އޮފް ސްޓެމް ސެލްސް އެންޑް ރިޕްރޮޑަކްޓިވް ބަޔޮލޮޖީގެ ސައިންސްވެރިންގެ ޓީމުން ވަނީ ރާމާމަކުނު ޖެނެޓިކް ގޮތުން ބަދަލުކޮށް ފްލޮރިސެންޓް ޕްރޮޓީންއެއް އުފައްދާ ގޮތަށް ހަދައިފަ އެވެ. މިގޮތަށް ހެދުމުން އެއް ޖަނަވާރުން އަނެއް ޖަނަވާރަށް ވާރުތަވާ "ޑިސެންޑެންޓް ސެލްސް" އާއި އެ ނޫން ސެލްތައް ފަސޭހަކަމާ އެކު ދެނެގަނެވުނެވެ.
މިގޮތަށް މޮޑިފައިކުރި ސެލްތައް އޫރުގެ އެމްބްރިއޯ އަށް އިންޖެކްޓްކޮށް ދަރިމައިކޮށް ވިއްސި އެވެ.
ސައިންސްވެރިން މިހާރު ނިންމާފައިވަނީ މި އެކްސްޕެރިމަންޓް އަލުން ކޮށް، ރާމާމަކުނުގެ ޑީއެންއޭ މިފަހަރަށް ވުރެ ބޮޑަށް ހުންނާނެ ގޮތަށް ޖަނަވާރު ވިއްސާށެވެ. ބޭނުމަކީ މިގޮތަށް ޑީއެންއޭ އިތުރުކުރަމުން ގޮސް އޫރުގެ ގުނަވަންތަކުގައި ހަމައެކަނި ރާމާމަކުނުގެ ޑީއެންއޭ ހުންނަ ވަރު ކުރުމެވެ.
މިއީ މިގޮތަށް ހައިބްރިޑް ޖަނަވާރު އުފަންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާގެ ކެލިފޯނިއާގެ ސްޓެންފަޑް ޔުނިވަސިޓީގައި 2010 ވަނަ އަހަރު މީދަލާއި ހިކަނދީގެ ހައިބްރިޑެއް ހެދި އެވެ. އަދި ކެލިފޯނިއާގެ ސޯކް އިންސްޓްޓިއުޓްގައި 2017 ވަނަ އަހަރު އިންސާނުންނާއި އޫރުގެ އެމްބްރިއޯ ވެސް ހެދި އެވެ. އެކަމަކު އެމްބްރިއޯތައް މަސް ދުވަސް ފަހުން ވަނީ ނައްތާލައިފަ އެވެ.
ޗައިނާ ސައިންސްވެރިންގެ މަސައްކަތާ އެކު، އިންސާނުންނަށް ބޭނުންވާ ގުނަވަން ޖަނަވާރު ބޭނުންކޮށްގެން އުފެއްދުމަށް ކުރަމުން އަންނަ އުންމީދު އިތުރަށް އާވެއްޖެ ކަމަށް ސައިންސްވެރިން ދެކެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް ހާއިލް
09 December 2019
މި މީހުން ހަދާ ބޭސްތަކާއި ވެކްސިންތަކުގައި ވެސް ހުންނާނީ މީއެއްޗެތި .. ހޫރަކާ ހެދި މާވަރެއް ހުރެގެން މިއުޅެނީ ކީރިތި ޤުރުއާންގައި އެ ޙަރާމް ކުރައްވާފައިވާކަން އެނގޭތީ ކަންނޭގެ.. ސަލާމަތް ކުރައްވާށި.
ޟޮޕްލިފްޓަރ777
09 December 2019
އަސްލުވާގޮތަކީ އޫރަކީ ވަރަށް އިންޓެލިޖެންޓް އެނިމަލްއަކަށް ވެފައި އޭގެ ގުނަވަންތައް ރަނގަޅުސައިޒަކަށް ބޮޑުވުމާއި ޒަމާންތަކެއްވަންދެން މެޑިކަލް ތަހުލީލުތަކުގައި އެ ބޭނުންކުރާތީވެ ފަސޭހަވާނެތީވެ..
ޟޮޕްލިފްޓަރ777
09 December 2019
ވެކްސިނާ ސައްކުއުފެދޭގޮތަށް ވާހަކަދެއްކުން ރަނގަޅެއްނޫން..
ނޫރާނީމާ
09 December 2019
މި ފާޑަށް އުޅޭތީ ކުރިން އިންސާނުން ނުދެކޭފަދަ ނުރައްކާތެރި ބަލިތައް އަންނަނީ.. ކޮންފަދަ ކަމެއް..
ގޮބޮޅި
09 December 2019
ކީއްވެ އޫރު މަކުނު ބޭނުންކުރަނީ ތަހުލީލްތަކުގައި!؟ ޚާއްސަކަމެއް މިދެ ޖަނަވާރުންގެ ހުއްނަނީބާ!؟
ވަންނަ
08 December 2019
ފޮޓޯއިން ތިޔަ ފެންނަނީ އޫރެއް!
އިބުރޭތަ
08 December 2019
މާތް ﷲ ހެއްދެވި މަހުލޫގުން އެއީ
ދޮންދީދީ
08 December 2019
މީގެ މަސްވެސް މިމީހުން ކައިފާނޭ
އަލީން
08 December 2019
ޗީޑި... އެންމެ ފަކުރު ދެ ޖަނަވާރު
ކީކޭބުނާނީ
08 December 2019
މާތް ﷲ ހެއްދެވި މަހުލޫގުން އެއީ