ކައިވެންޏަށް ޕްރޮޕޯޒް ކުރީ އަމިއްލަ އަށް ހެދި ވީޑިއޯ ގޭމަކުން

އެކި މީހުން ލޯބި ހުށަހަޅަނީ އެކި ގޮތްގޮތަށެވެ. މީގެ އެންމެ އާންމު ގޮތްތަކަށް ބަލާ އިރު ފިނިފެންމަލާއި ޗޮކްލެޓަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗިއްސެވެ. އަދި ކައިވެންޏަށް ޕްރޮޕޯޒް ކުރާ އިރު، އަނގޮޓި ވަރަށް މުހިއްމު އެއްޗަކަށް ވެ އެވެ.


އެކަމަކު މި ފަހަރު މި އޮތީ ލޯބިވެރިޔާ އަށް މުޅިން ތަފާތު ގޮތަކަށް ކައިވެންޏަށް ޕްރޮޕޯޒް ކުރި މީހެއްގެ ވާހަކަ އެވެ. މިއީ އެމެރިކާގައި ދިރިއުޅޭ ޑެނިސް ވެލްސް އެވެ. އޭނާ ލޯބިވެރިޔާ ޝެޔޭނަށް ޕްރޮޕޯޒް ކުރަން ބޭނުންކުރި އުކުޅަކީ ވީޑިއޯ ގޭމެކެވެ. އެކަމަކު، މާ އާދައިގެ ގޮތަކަށް ނޫނެވެ. އެއީ، ޑެނިސް އަމިއްލަ އަށް އިޖާދުކުރި 2ޑީ ގޭމެކެވެ. އޭގެ މައި ކެރެކްޓާތަކަކީ ޝެޔޭނާއި ޑެނިސް އެވެ.

ޖުމުލަ 15 މިނިޓްގެ ވީޑިއޯ ގޭމް ޑެނިސް ތައްޔާރުކުރީ ލޯބިވެރިޔާ ދުނިޔޭގެ އެކި ތަންތަނަށް ގެންގޮސް ދެމުންނެވެ. ގޭމް ނިންމައިލާ އިރު ސްކްރީނަށް އަރަނީ "ވިލް ޔޫ މެރީ މީ؟" އެވެ. މި ވީޑިއޯ ގޭމް ލޯބިވެރިޔާ އަށް ދައްކާލައިގެން ކަންވީ ގޮތް، ޑެނިސް ވަނީ ޔޫޓިއުބް މެދުވެރިކޮށް ދައްކާލައިފަ އެވެ.

އޭގައި ފެންނަނީ ޝެޔޭން ވީޑިއޯ ގޭމް ތަޖުރިބާކުރާ އިރު، ޑެނިސް ކައިރީގައި ހުންނަ ތަނެވެ. އަދި ގޭމް ނިމެން ކައިރި ކޮށްފައި، ޑެނިސްގެ މެސެޖަކާ އެކު އަރަނީ "އަހަންނާ ކައިވެނިކޮށްފާނަންތޯ؟" އެވެ.

އެއާ އެކު ޝެޔޭން އުފަލުން ގޮސް ފެންކަޅިވެ ޑެނިސްގެ ގައިގައި ބައްދައިލަ އެވެ. އަދި އާނއެކޭ ބުނެ އެވެ. ގޭމް އެ ހިސާބުން ހުއްޓުމަކަށް އަޔަސް އޭގައި ބުނާ ގޮތަށް އެ ދެ މީހުންގެ ހަޔާތް "އަދި ކުރިއަށް އޮތީ" އެވެ.