ސްޓްރޯކް: ދިވެހިންގެ ތެރޭގައި އާއްމުވަމުން ދާ ނުރައްކަލެއް!

އެ ޒުވާން އަންހެން ކުއްޖާއަށް ހަކުރު ބަލީގެ ނުރައްކާ އޮތީ ބޮޑުވެފަ އެވެ. ގަވައިދުން ބޭސްކާން ވެސް ޖެހެ އެވެ. ނަމަވެސް އޭނާ ދިޔައީ އެކަންކަމަށް ފަރުވާ ކުޑަކުރަމުންނެވެ. އޭގެ ސަބަބުން އެކި އުނދަގޫތައް ވެސް ކުރިމަތިވި އެވެ. ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދާ އުޅުނީ އެވެ. އޭގެ ނަތީޖާއަކަށް ވީ އޮފީހުގައި މަސައްކަތުގައި އުޅެނިކޮށް ބޮޑު ސްޓްރޯކެއް ޖެހުމެވެ. ޒުވާން އުމުރުގައި މަރުވީ އެވެ.


ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ބުނާގޮތުގައި ރާއްޖޭގައި ސްޓްރޯކް ޖެހުން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ސްޓްރޯކް ޖެހޭ އުމުރު ވެސް ހަގެވެ. ދިރާސާއެއް ހަދާފައިނުވާތީ ސީދާ އަދަދުތަކެއް ނޭނގެ އެވެ. ނަމަވެސް އެ ބަލީގައި ނުކުޅެދޭ ހާލުގައި ތިބި އެތައް ބަޔަކު ފެންނަން އެބަ ތިއްބެވެ. އޭގެ ތެރޭގައި ޒުވާނުން ވެސް ގިނަ އެވެ.

އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ސްޓްރޯކް ޖެހޭ ގިނަ ދިވެހިންގެ ތެރޭގައި ހިމެނެނީ މެދު އުމުރުގެ މީހުންނާއި ދުވަސްވީ މީހުންނެވެ.

ބަލި މީހުންގެ ފަރާތުން ލިބޭ މައުލޫމާތުތަކާ ހަވާލާދެއްވައި ޑރ. މުހައްމަދު ވިދާޅުވީ ގިނަ މީހުންނަށް ސްޓްރޯކް ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކަމަށެވެ.

"ސިނގިރޭޓް ބުއިމާއި ދުންފަތް ބޭނުން ކުރުމާއި ކޮލެސްޓްރޯލް މަތިވުމާއި ލޭ މައްޗަށް ދާއިރު ބޭސް ނުކައި ހުރުމާއި ހަކުރު ބަލި ހުންނައިރު ބޭސް ބޭނުން ނުކުރުމަކީ ބައެއް ސަބަބުތައް ސްޓްރޯކް ޖެހެން ދިމާވާ،" އޭނާ ވިދާޅުވި އެވެ.

ސްޓްރޯކް ޖެހުމުން ފެންނާނެ އަލާމާތްތައް: ލަސްނުކޮށް ފަރުވާ ހޯދުން ބުއްދިވެރި---

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ އިން ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ 81 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އަދި އެފަދަ މައިގަނޑު ހަތަރު ބަލީގައި، (ހިތާއި ލޭ ހޮޅިތަކުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލި) މާ އަވަހަށް (އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދު) މަރުވުމުގެ ފުރުސަތު 16 ޕަސެންޓަށް މައްޗަށް ދެ އެވެ.

މިއީ ކިހާވަރެއްގެ ނުރައްކަލެއް؟

ސްޓްރޯކް ޖެހުމަކީ ހަށިގަނޑުގެ ބަޔަކުން ބާރު ކެނޑުމެވެ. އެބަލީގެ ސަބަބުން ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުން ސިކުނޑިއަށް ލޭ ލިބުން ދަށްވެ މައްސަލަތައް ކުރިމަތިވެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓެ އެވެ. އަދި ހަށިގަނޑުގެ އެއްފަރާތް ވާގިނެތުމާއި ވާހަކަ ދެއްކުމުގެ ގާބިލްކަން ނެތުން ފަދަ ކަންކަން ވެސް ދިމާވެ އެވެ.

ދެ ވައްތަރެއްގެ ސްޓްރޯކް ޖެހެ އެވެ. އޭގެ ތެރެއިން އެއް ވައްތަރަކީ ލޭ ހޮޅިއެއް ފަޅައިގެން ދިއުމެވެ. ދެވަނަ ވައްތަރަކީ ސިކުނޑީގައި ގަނޑު ލޭކޮޅެއް އުފެދުމެވެ.

ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ކިޔައި ދެއްވަމުން އާއްމު ބަލިތަކުގެ ތަޖުރިބާކާރު ޑރ. އަބުދުލް އަޒީޒު ހަމީދު ވިދާޅުވީ ލޭމައްޗަށް ދާ ނަމަ ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް އެނގި އެކަމަށް ސަމާލުވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކުރުން ބުއްދިވެރި ކަމަށް ވިދާޅުވި އެވެ.

ސްޓޯކްގެ ދެ ވައްތަރު--

ސްޓްރޯކެއް ޖެހުމުން ފެނިދާނެ އަލާމާތްތައް:

* ހަށިގަނޑުގެ އެއްފަރާތުގެ އަތާއި ފައި އަދި މޫނު ވާގިދަށްވެ އައްސިވާހެން ހީވުމާއި މޫނުގެ އެއްފަޅިން

ވާގިނެތޭހެން ހީވުން ނުވަތަ ވަރުދެރަވުން

* އެއް ލޮލުގެ ނުވަތަ ދެ ލޮލުގެ ފެނުން ކުއްލިއަކަށް ދަށްވެ ނުވަތަ ފުސްވުން

* ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ހަރަކާތް ނުކުރެވި ވާވުން

* ކުއްލިއަކަށް އަނބުރައި ގަންނަ ގޮތް ވުމާއި، މޭނުބައިކުރުމާއި ހޮނޑުލެވުމާއި ބޮލުގައި ރިހުން

* ވާހަކަ ދައްކަން އުނދަގޫވުމާއި ދައްކާ ވާހަކަ އޮޅުން ނުފިލުން

ޑރ. އަޒީޒު ވިދާޅުވި ގޮތުގައި އެ ބަލިން ސަލާމަތް ވުމަށް ލޭގެ ޕްރެޝަރު މައްޗަށް ދިޔަނުދީ ހިފެހެއްޓުން ކޮންމެހެން މުހިންމެވެ. އެގޮތުން ދުޅަހެޔޮ އާދަތަކުގެ ތެރޭގައި ދިރުއުޅެން ދަސްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެއުމުގައި ސިއްހީ ގޮތްތައް ހިޔާރުކުރުމާއި ކަސްރަތުކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ވިޔަސް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތް ކުރުން މުހިންމު. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން، މާ ބޮޑަށް ފަލަވިޔަނުދިނުން، ހަކުރު ބަލި ކޮންޓްރޯލްގައި ބެހެއްޓުން ފަދަ ކަންކަމަކީ ވެސް ސްޓްރޯކް ޖެހުމުން މިންޖުވެ ހުރުމަށް މުހިއްމު ކަންތައްތައް،" ޑރ. އަޒީޒު ވިދާޅުވި އެވެ.

ސްޓްރޯކް ޖެހުމުގެ ނުރައްކަލާ ކުރިމަތިވާ ސަބަބު ގުޅިފައި މިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ އެވެ. ހެލިފެލިވެ އުޅުން މަދުވުމާއި ރަނގަޅު ކާނާ ނުކެއުން ފަދަ ކަންކަމާ އެވެ. ދުވަހުން ދުވަހަށް އެ ނުރައްކާ ބޮޑުވަމުން ދާއިރު މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.