ދައުވާތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ އިސްލާމީ މަންހަޖު

އިންސާނާ ގަބޫލުކުރާ އެއްވެސް ފިކުރެއް ބިނާކުރުމުގައި ޔަގީންކަމާ އެކު ބުއްދީގެ ހަމަތަކުން ދަލީލު ލިބެން ނެތްނަމަ އިސްލާމްދީން އެ ގަބޫލުނުކުރާނެ ކަމަށް ކުރީގެ ލިޔުމެއްގައި އަޅުގަނޑު ހާމަކޮށްފައިވާނެ އެވެ. އޭގެ ދަލީލަކީ ކީރިތި ޤުރްއާނުގެ އަލްއިސްރާއު ސޫރަތުގެ 36 ވަނަ އާޔަތެވެ. "އަދި ތިބާ އަށް އެކަމާމެދު އެނގުމެއް ނުވާ ކަމަކަށް ތަބާނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިކަންތައްތަކުގެ ތެރެއިން ކޮންމެ ކަމަކީ އެކަމަކާ މެދު ސުވާލު ކުރެއްވޭ ކަމެއްކަމުގައި ވެއެވެ." އަދި ޔޫނުސް ސޫރަތުގެ 36 ވަނަ އާޔަތުން ބައެކެވެ. "ހަމަކަށަވަރުން ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސް އެއްޗެއް ފުއްދައިދޭނެ އެއްޗެއް ނޫނެވެ." މިހެންވެ އަދި މިނޫންވެސް އެތައް ސަބަބަކާ ހުރެ ކަންކަމުގެ ހަގީގަތަށް ވާސިލުވުމުގައި އިސްލާމީ ޢިލްމުވެރިން ޢިލްމީ މަންހަޖެއް ގެންގުޅުއްވަ އެވެ. މިކަމަށް ބާރު ލިބޭ ސަބަބުތައް ކުރީގެ ލިޔުމުގައި ވާނެ އެވެ. މިދެންނެވި ޢިލްމީ މަންހަޖުގެ ޚުލާޞާއަކީ، ހަގީގަތެކޭ ބުނެ ނަގުލު ކުރެވޭ ޚަބަރެއް ނުވަތަ ރިވާޔަތެއް ނަމަ އޭގެ ޞައްޙަކަން ޔަގީންކަމާއެކު ސާބިތު ކުރެވެންވާނެ އެވެ. އަދި ހަގީގަތެކޭ ބުނެ ދައުވާއެއް ކުރާނަމަ އޭގެ ތެދުކަން ކަށަވަރު ކޮށްދޭނެ ޙުއްޖަތާއި ދަލީލު ލިބެންވާނެ އެވެ. މި ދެކަންތަކުގެ ތެރެއިން ރިވާޔަތްތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި އޮންނަ އިސްލާމީ މަންހަޖަށް ކުރީގެ ލިޔުމުގައި ވާނީ އަލިއަޅުވާލައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ދައުވާތައް ކަށަވަރު ކުރުމުގައި ގެންގުޅޭ މަންހަޖަށެވެ.


ދައުވާތައް ކަށަވަރު ކުރުމުގައި އިސްލާމީ ޢިލްމުވެރިން ގެންގުޅޭ މަންހަޖުގައި ބަލަނީ ޢިލްމީ ދަލީލު ތަކަށެވެ. ކަމާ ގުޅުންހުރި، ބުއްދި ގަބޫލު ކުރެވޭ އަދި އެއްވެސް ޝައްކު ކަމެއް ނެތް ދަލީލު ހުރިނަމަ އެ ދައުވާއަކީ ގަބޫލު ކުރެވޭނެ ދައުވާ އެކެވެ. މިގޮތުން ދަލީލުތައް ތަހުގީގު ކުރާއިރު ކަމުގެ ބާވަތުން އެކިފަހަރު އެކިގޮތަށް ބަލަން ޖެހިދާނެ އެވެ. މިސާލަކަށް ދައުވާ ކުރެވޭ ކަންތަކުގެ ހަގީގަތް ބިނާ ވެފައިވަނީ މާއްދީ ކަންތައްތަކެއް ނުވަތަ އެއްޗެތިތަކެއް ތަހުލީލުކޮށް ދިރާސާ ކުރުމުގެ މައްޗަށް ކަމުގައިވާނަމަ އެކަމުގެ ހަގީގަތް ހޯދުމަށް އެންމެ އިތުބާރު ކުރެވޭ ވަސީލަތަކީ އެކަންތައް ބަލައި ތަޖުރިބާކޮށް ހިއްސުތައް ބޭނުންކޮށްގެން ގެނެވޭ ދަލީލުތަކެވެ. ޢިލްމީ ގޮތުން ބުނާ ނަމަ އިންޑަކްޓިވް މެތަޑެވެ. މިއީ މިބާވަތުގެ ކަންތައްތަކުގެ ހަގީގަތް ދެނެގަތުމުގައި ބޭނުން ކުރުމަށް އިސްލާމްދީން ގޮވާލާ ވަސީލަތެވެ. މިކަން އެނގެނީ ކައުނުގައި ﷲ އުފައްދަވާފައިވާ ތަކެއްޗާމެދު ވިސްނައި ފިކުރުކޮށް ހޯދައި ބެލުމަށް އަންގަވާފައި ވާތީ އެވެ. ޤުރުއާނުގައި އެކަންތައްތަކުގެ ހަގީގަތް ތަފްސީލުކޮށްފައެއް ނުވެ އެވެ. ހަމައެކަނި އޮންނަނީ އިޝާރާތެކެވެ.

ދައުވާތައް ކަށަވަރު ކުރުމުގައި އިސްލާމީ ޢިލްމުވެރިން ގެންގުޅޭ މަންހަޖުގައި ބަލަނީ ޢިލްމީ ދަލީލު ތަކަށެވެ. ކަމާ ގުޅުންހުރި، ބުއްދި ގަބޫލު ކުރެވޭ އަދި އެއްވެސް ޝައްކު ކަމެއް ނެތް ދަލީލު ހުރިނަމަ އެ ދައުވާއަކީ ގަބޫލު ކުރެވޭނެ ދައުވާ އެކެވެ. މިގޮތުން ދަލީލުތައް ތަހުގީގު ކުރާއިރު ކަމުގެ ބާވަތުން އެކިފަހަރު އެކިގޮތަށް ބަލަން ޖެހިދާނެ އެވެ. މިސާލަކަށް ދައުވާ ކުރެވޭ ކަންތަކުގެ ހަގީގަތް ބިނާ ވެފައިވަނީ މާއްދީ ކަންތައްތަކެއް ނުވަތަ އެއްޗެތިތަކެއް ތަހުލީލުކޮށް ދިރާސާ ކުރުމުގެ މައްޗަށް ކަމުގައިވާނަމަ އެކަމުގެ ހަގީގަތް ހޯދުމަށް އެންމެ އިތުބާރު ކުރެވޭ ވަސީލަތަކީ އެކަންތައް ބަލައި ތަޖުރިބާކޮށް ހިއްސުތައް ބޭނުންކޮށްގެން ގެނެވޭ ދަލީލުތަކެވެ.

މިސާލަކަށް އަލްޣާޝިޔަތު ސޫރަތުގައި ޖަމަލަށާއި އުޑަށާއި ފަރުބަދަތަކަށާއި ބިމަށް ބެލުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް މީހަކު ހަމައެކަނި ލޮލުން ބަލައިލައިގެން މި ކަންކަމުގެ ހަގީގަތްތައް ދެނެ ނުގަނެވޭނެ އެވެ. އެހެންކަމުން މިއިން ކޮންމެ ކަމަކާ ގުޅޭ ޢިލްމު (މިސާލަކަށް ބައޮލޮޖީ، އެސްޓްރޮނޮމީ، ޖިއޮލޮޖީ، ޖެއޮގްރަފީ ފަދަ ޢިލްމުތައް) އުނގެނުން މަޖުބޫރު ކުރުވަ އެވެ. އިންސާނާގެ ހިއްސުތަކާއި ބުއްދި އަށް އިސްލާމްދީން ގަދަރުކުރާ މިންވަރު މިކަމުން ވަރަށް ބޮޑަށް ހާމަވެ އެވެ. ނަމަވެސް އިންސާނާ އަށް ކަންކަމާމެދު ވިސްނޭގޮތް ބިނާވެފައި ވަނީ އޭނާ އަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށެވެ. ކައުނުގައިވާ ހަގީގަތްތަކަށް ބަލާއިރު އިންސާނާ އަށް އެނގެނީ ވަރަށް މަދު މިންވަރެކެވެ. އަދި އެމަދު މިންވަރު ބިނާވެފައިވަނީ ހަމައެކަނި މާއްދީ ކަންތައްތަކުގެ މައްޗަށެވެ. މާއްދީ ދުނިޔެ ފިޔަވައި މި ކައުނުގައި ޣައިބުގެ ޢާލަމެއް ވާކަމީ ބުއްދީގެ ހަމަތަކުން ސާބިތު ކުރެވެން އޮތް ކަމެކެވެ. މާއްދީ ކަންތައްތައް ވެސް ވަކި ހިސާބަކުން ޣައިބަށް ދޫކޮށްލައި އެކަމުގެ ހަގީގަތާ މެދު އެއީ ޠަބީޢަތޭ ނުވަތަ ނޭޗައޭ ކިޔަ އެވެ. ވީމާ މިދެންނެވި ޣައިބުގެ ޢާލަމުގައިވާ، ހިއްސުތަކުން ސީދާކޮށް އެކަންކަން ބަލައި ތަޖުރިބާ ކުރެވެން ނެތް، ކަންކަމުގެ ހަގީގަތް ދެނެގަންނާނީ ކިހިނަކުންތޯ އެވެ؟

އާދެ، މިބާވަތުގެ ކަންތައް ދެބަޔަކަށް ބެހެ އެވެ. އެއްބަޔަކީ އެކަންކަމާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި ނުވަތަ ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ސާފުކޮށް ބަޔާންވެގެންވާ ނައްޞެއް އައިސްފައިވާ ކަންތައްތަކެވެ. އަނެއް ބަޔަކީ ކީރިތި ޤުރުއާނުގައި އަދި ސުންނަތުގައި ވެސް އެކަންކަމާ ބެހޭގޮތުން ސާފު ނައްޞެއް އައިސްފައި ނުވާ ކަންތައްތަކެވެ. މީގެ ތެރެއިން ނައްޞެއް އައިސްފައިވާ ކަންތައްތަކަކީ ޚަބަރުތަކުގެ ޞައްޙަކަން ސާބިތު ކުރުމުގައި އިސްލާމީ ޢިލްމުވެރިން ގެންގުޅުއްވާ މަންހަޖުގެ ދަށުން އޭގެ ޞައްޙަކަން ކަށަވަރު ކުރެވޭނެ ކަންތައްތަކެވެ. ނަމަވެސް މިފަދަ ކަންކަމުގައި ކަށަވަރުކަން ލިބޭނީ ހަމައެކަނި އެއީ ކީރިތި ރަސޫލާގެ ފަރާތްޕުޅުން އަހަރެމެންނާ ހަމައަށް ވާޞިލުވެފައިވާ އެއްޗެއް ކަމަށެވެ. ކީރިތި ރަސޫލާ އަށް އެ ޚަބަރުތައް ލިބިލެއްވި ގޮތެއް ކަމުގައި އެކަލޭގެފާނު ބަޔާންކުރައްވަނީ އެއީ ﷲ ގެ ވަޙީ ކަމަށެވެ. ނަމަވެސް ވަޙީއަކީ ޣައިބުގެ ޢާލަމުގައި ހިމެނޭ ކަމަކަށްވާތީ މިއީ ތަޖުރިބާކޮށްގެން ނުވަތަ ތާރީޚީ ދަލީލުތަކުން އެކަނި ކަށަވަރު ކުރެވެން އޮތް ކަމެއް ނޫނެވެ. މިކަން ކަށަވަރު ކުރުމަށް އިތުރު އެހެން މަންހަޖެއް ބޭނުންވެ އެވެ. އެއީ ނައްޞެއް އައިސްފައި ނުވާ ކަންކަން ތަހުގީގު ކުރުމަށް ގެންގުޅޭ މަންހަޖެވެ.

އިންސާނާ އަށް ކަންކަމާމެދު ވިސްނޭގޮތް ބިނާވެފައި ވަނީ އޭނާ އަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށެވެ. ކައުނުގައިވާ ހަގީގަތްތަކަށް ބަލާއިރު އިންސާނާ އަށް އެނގެނީ ވަރަށް މަދު މިންވަރެކެވެ. އަދި އެމަދު މިންވަރު ބިނާވެފައިވަނީ ހަމައެކަނި މާއްދީ ކަންތައްތަކުގެ މައްޗަށެވެ. މާއްދީ ދުނިޔެ ފިޔަވައި މި ކައުނުގައި ޣައިބުގެ ޢާލަމެއް ވާކަމީ ބުއްދީގެ ހަމަތަކުން ސާބިތު ކުރެވެން އޮތް ކަމެކެވެ. މާއްދީ ކަންތައްތައް ވެސް ވަކި ހިސާބަކުން ޣައިބަށް ދޫކޮށްލައި އެކަމުގެ ހަގީގަތާ މެދު އެއީ ޠަބީޢަތޭ ނުވަތަ ނޭޗައޭ ކިޔަ އެވެ.

އެކަމަކާ ބެހޭ ގޮތުން ނައްޞެއް (އާޔަތެއް ނުވަތަ ހަދީސެއް) އައިސްފައި ނުވާ ކަންކަން ތަހުގީގު ކުރުމަށް އިސްލާމީ ޢިލްމުވެރިން ގެންގުޅުއްވާ މަންހަޖަކީ ބުއްދީގެ ދަލީލުން އެކަން ސާބިތު ކުރުމެވެ. އިލްމީ ގޮތުން ބުނާނަމަ ޑިޑަކްޓިވް މެތަޑެވެ. މި ބުއްދީގެ ދަލީލު ބިނާވެފައިވަނީ ދެކަމެއް، އެއްކަމެއް އަނެއްކަމަކާ ހުންނަ ގުޅުމުގެ ދަލީލުގެ މައްޗަށެވެ. އެއީ އެ ދެކަމެއް ދިމާވާ ތަފާތު ހާލަތްތަކާއި ދަނޑިވަޅުތައް އޮބްޒާވް ކުރެވޭ އިރު އަބަދުވެސް އެ ދެކަންތައް ގުޅިފައިވާކަން ފާހަގަ ކޮށްގެންނެވެ. މިސާލަކަށް ހަށިގަނޑު އަނަރޫފަވުމާއި ބައްޔާ ހުރިގުޅުން، ނުވަތަ ރަށެއްގައި މިސްކިތްތައް ހުރުމުން އެ ރަށުގައި މުސްލިމުން އުޅޭކަމާ ހުރި ގުޅުން، ނުވަތަ އަލިފާންނިވާ ލޮރީގެ އެމެޖެންސީ އަޑާއި އަލިފާނުގެ ހާދިސާއެއް ހިނގުމާ ހުރި ގުޅުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން އޮބްޒާވް ކުރެވޭ ހިނދު އަބަދުވެސް އެ ދެކަމެއް ގުޅުން އޮންނަ ނަމަ އެއިން ކަށަވަރުކަން ލިބެނީ އެއިން އެއްކަމެއް ވުޖޫދުވެއްޖެ ނަމަ އަނެއް ކަމެއް ވުޖޫދުވާނެ ކަމެވެ. މިފަދަ ޙާލަތްތަކުގައި ދަލީލު ލިބޭ ކަންކަން ފެނުމާއި ނުވަތަ އެހެން ހިއްސުތަކާ ދުރުގައިވީ ނަމަވެސް ޖެހިލުމަކާ ނުލައި އެކަންކަން ގަބޫލު ކުރެއެވެ. އެއީ އެފަދަ ކަންކަން އޮބްޒާވް ކުރެވުނު ހިނދު އަބަދުވެސް ފެނިފައިވަނީ އެ ދެކަންތަކުގެ ގުޅުން އޮންނާތީ އެވެ. ވީމާ ބުއްދީގެ ހަމަތަކުން ބަލާއިރު އެކަން ގަބޫލު ކުރަން ޖެހެ އެވެ. ނަމަވެސް އެފަދަ ކަންކަން އޮބްޒާވް ކުރެވޭ ހިނދު ދާއިމީ ގޮތެއްގައި އެ ދެކަންތަކުގެ ގުޅުން ނޯންނަނަމަ ކަށަވަރު ކުރުމުގެ ބާރު ދަށްވާނެ އެވެ.

ބުއްދީގެ މިދަލީލުގެ އިތުރަށް ޑިޑަކްޓިވް މެތަޑްގައި ހިމެނޭ ޤިޔާސް ކުރުމުގެ ދަލީލު ވެސް އިސްލާމީ ޢިލްމުވެރިން ބޭނުން ކުރައްވަ އެވެ. ޤިޔާސް ކުރުން ބިނާވެފައިވަނީ ދެ އުޞޫލެއްގެ މައްޗަށެވެ. ފުރަތަމަ އުޞޫލަކީ ކޮންމެ ކަމަކަށްވެސް ސަބަބެއް ނުވަތަ ޢިއްލަތެއް ވާން ޖެހޭނެ ކަމުގެ އުޞޫލެވެ. ދެވަނަ އުޞޫލަކީ ކައުނުގެ އެކިއެކި ނިޒާމުތަކުގައި ފުރިހަމަކަން އެކުލެވިފައިވާކަން ގަބޫލު ކުރުމުގެ އުޞޫލެވެ. މި ދެ އުޞޫލުގެ މައްޗަށް ބިނާކޮށް ދަލީލު ހޯދުމުގައި ވެސް ކަންހިނގާގޮތް އޮބްޒާވް ކުރުން އެކުލެވިފައިވާނެ އެވެ. މިސާލަކަށް ހަނަފަސް ސަހަރާއެއްގެ ތެރެއިން މީހުން ދިރިއުޅޭ ފޭލިގެތަކެއް ނުވަތަ ޖިފުޓިތަކެއް ފެނިއްޖެ ނަމަ އެތަނުގައި ފެން ހުންނާނެކަން އެއީ ގިޔާސް ކުރުމުން އެނގި ކަށަވަރުވާ ކަމެކެވެ. އެހެނީ މީގެކުރިން މީހުން އުޅޭ ކޮންމެ ތަނެއް އޮބްޒާވް ކުރުވެނުއިރު ވެސް ފެނިފައި ވަނީ އިންސާނުންނަށް ފެނާ ނުލައި ނޫޅެވޭނެ ކަމެވެ. ވީމާ ގެތައް ހުރުމުން އެއީ މީހުން އުޅޭ ނުވަތަ އުޅެފައިވާ ތަނެއްކަން ކަށަވަރު ވުމާ އެކު މީހުން އުޅޭ ނަމަ އެ ތަނުގައި ފެން ހުންނާނެކަން ވެސް ކަށަވަރު ކުރެވެނީ އެވެ.

އާދެ، މިއީ އިސްލާމީ ޢިލްމުވެރިން ކަންކަމުގެ ހަގީގަތް ދިރާސާ ކުރުމުގައި ދައުވާއެއް އެކުލެވޭ ނަމަ އެކަން ސާބިތު ކުރުމަށް ގެންގުޅުއްވާ ހަރުދަނާ މަންހަޖެވެ. އިސްލާމީ ޢަޤީދާ އަދި އެނޫންވެސް ދީނީ ހުރިހާ ކަމެއް ސާބިތު ކުރުމުގައި މި މަންހަޖު ބޭނުން ކުރެވެ އެވެ. މިއާ އެކު، ޚަބަރުތަކުގެ ޞައްޙަކަން ކަށަވަރު ކުރެއްވުމަށް އެބޭފުޅުން ގެންގުޅުއްވާ މަންހަޖު އެކުވުމުން މިއީ ހަގީގަތްތައް ދިރާސާ ކުރުމުގައި މުސްލިމުން ގެންގުޅޭ ވަރަށް ފުރިހަމަ އަދި އެހާމެ ވަރުގަދަ މަންހަޖެއް ކަމުގައި ވެގެން ދެ އެވެ.