ސެމްސަންގުން ފޯނުތަކަށް ދޭނީ ލޮލަށް ނުފެންނަ ކީބޯޑެއް

ސްމާޓްފޯނުތައް ކިތަންމެ މޮޅުވިޔަސް ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕުން އަތް ދޫކޮށްލެވެން ނެތް އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ފޯނުތަކުގެ ކީބޯޑް މާ ކުޑަވުމެވެ. އެހެންވެ މިކަން ހައްލުކުރަން، ލޮލަށް ނުފެންނަ ކީބޯޑެއް ސެމްސަންގުން އީޖާދުކޮށްފި އެވެ.


ސެމްސަންގުގެ އިންކިއުބޭޝަން ޕްރޮގްރާމް ސީ-ލެބްގެ މި އީޖާދުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ގެނެސްދެނީ ވާޗުއަލް ކީބޯޑެކެވެ.

"ސެލްފީޓައިޕް" ގެ ނަން ދީފައިވާ ކީބޯޑް މަސައްކަތްކުރާނީ ފޯނު ނުވަތަ ޓެބްލެޓްގެ ކުރިމަތީ ކެމެރާއާ އެކީގަ އެވެ. އިނގިލިތަކަށް ގެންނަ ހަރަކާތްތައް އެ ކެމެރާއިން ދެނެގަނެ ޑިވައިސްގެ ޓަޗް ސްކްރީންގައި ފެންނަ ކީބޯޑާ ކުޅެމުން ދާނެ އެވެ. މި ކީބޯޑް ބޭނުންކުރުމަށް އިތުރު ސޮފްޓްވެއާއެއް ވެސް ބޭނުމެއް ނުވާނެ އެވެ. އެހެންވެ މިއީ ލެޕްޓޮޕް ގެންގުޅުން ނުވަތަ ފުލް ސައިޒްގެ ބޮޑެތި ކީބޯޑް އުފުލަން ޖެހުން ނިމުމަކަށް ގެންނާނެ އެއްޗެއް ކަމަށް ވަނީ ބެލެވިފަ އެވެ.

މި އަހަރުގެ ކަންސިއުމާ އިލެކްޓްރޯނިކްސް ޝޯގައި ސެމްސަންގުން ދައްކާލި މި ކީބޯޑާ ބެހޭ މާ ގިނަ ތަފްސީލެއް އަދި ނެތެވެ.