ހެރީގެ ދެކަނބަލުންގެ ނިންމެވުމަށް ރާނީ ރުހުން ދެއްވައިފި

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ އާއިލާއާ ފެއަށް ވަޑައިތުމަށް ނިންމެވި ނިންމުވުމަށް ރާނީ އެލިޒަބަތު ރުހުން ދެއްވައިފި އެވެ.


ޝާހީ އާއިލާ އިން އެ ނިންމުމާ ރުހިފައި މި ވަނީ ކުއްލި ގޮތަކަށް ހެރީގެ ދެކަނބަލުން މިދިޔަ ބުދަ ދުވަހު ނިންމެވި ނިންމެވުމުމާ ގުޅިގެން އާއިލާގެ ތެރޭގައި ވަރަށް ބޮޑު ނުތަނަސްކަމެއް އުފެދި އެކަން ފިނިކުރަން ހޯމަ ދުވަހު ރާނީ އިސްކޮށް ހުންނަވައިގެން ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމުގެ ތެރޭގަ އެވެ.

ހެރީ އާއި ބޭބޭފުޅު ޕްރިންސް ވިލިއަމާއި ބައްޕާފުޅު ޕްރިންސް ޗާލްސްގެ އިތުރުން މި ވަގުތު ކެނެޑާގައި ދަރިކަލުންނާ އެކު ހުންނެވި މާކަލް ފޯނުން ބައިވެރިވަޑައިގަތް ބައްދަލުވުމާ ބެހޭ ގޮތުން ބީބީސީން ބުނީ ހެރީގެ ދެކަނބަލުންގެ ނިންމެވުމާ ރާނީ ރުހިވަޑައިގަތް ނަމަވެސް އާއިލާއާ އޮންނަ ގުޅުމާއި ކުރިން ވެސް އަދާކުރެއްވި ޝާހީ ޒިންމާތައް އެ ބޭފުޅުން އަދާކުރެއްވުމަށް ރާނީ އެދިވަޑައިގަތް ކަމަށެވެ. އަދި ކެނެޑާ އާއި އިނގިރޭސިވިލާތަށް ދެ ކަނބަލުންގެ ދިރިއުޅުން ކުރިއަށް އޮތް ތަނުގައި ބިނާކުރައްވަން ނިންމަވައި، އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގަތުމަށް ނިންމެވިވުމަށް ރާނީގެ ތާއީދާއި އެއްބާރުލުން އޮންނާނެ ކަމަށް ވެސް ބުންޏެވެ.

ހޯމަ ދުވަހު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ޝާހީ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އާއިލާގެ ބޭފުޅުންނާ އެކު ސެންޑްރިގަމްގައި ބޭއްވި ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ.

"އަހަންނާއި މުޅި ޝާހީ އާއިލާ ޕްރިންސް ހެރީގެ ދެކަނބަލުންގެ ނިންމެވުމަށް ތާއީދު ކުރަން. އަދި ޒުވާން ދެމަފިރިންނާ އެކު މުޅި އާއިލާ އަބަދު ވެސް އޮންނާނެ،" ބަޔާނުގައިވެ އެވެ.

ނަމަވެސް ޝާހީ އާއިލާގެ ޒިންމާތަކާ ހެރީގެ ދެކަނބަލުން އެކަހެރިވަޑައިގަތް ގަތުން ރާނީގެ ބަޔާނުގައި ސިފަކޮށްފައި ވަނީ "ޓްރާންސިޝަން" މަރުހަލާއެއްގެ ގޮތުގަ އެވެ.