ޝާހީ ޒިންމާތައް ދޫކޮށްލެއްވީ އެހެން ގޮތެއް ނެތިގެން: ހެރީ

ޝާހީ ޒިންމާތައް ދޫކޮށްލެއްވީ އެހެން ގޮތެއް ނެތުމުން ކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.


ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް މިދިޔަ ހަފުތާގައިވަނީ ޝާހީ ޒިންމާތައް ދޫކޮށްލައްވައި އަމިއްލަ މަސައްކަތުން ދިރިއުޅުއްވުން ބިނާކުރައްވަން ނިންމެވިކަން އިއުލާނުކުރައްވައިފަ އެވެ. އަދި އެއާ އެކު ރާނީ އެލިޒަބަތު އިސްވެ ހުންނަވައި ޝާހީ އާއިލާ އިން ވަނީ ހެރީއާ އެކު މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ހުރިހާ ކަމެއް ނިމުނު އިރު ހެރީގެ ދެ ކަނބަލުންގެ ޝާހީ ލަގަބު ވެސް ވަނީ ދޫކޮށްލައްވައިފަ އެވެ.

ހެރީ އާއި ޝާހީ އާއިލާއާ ދޭތެރޭ މައްސަލަތަކެއް އުޅޭ ކަމަށް މި ނިންމެވުންތަކާ އެކު މީޑިއާގައި ވާހަކަ ދެކެވުނެވެ.

މި ކަންކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހެރީ ވިދާޅުވީ ބޭނުންފުޅުވީ ރައްޔިތުންގެ ފައިސާ އިން ހަރަދު ނުކޮށް އަމިއްލަ ދިރިއުޅުމެއް އުޅުއްވަމުން ޝާހީ ޒިންމާތައް އަދާކުރައްވަން ކަމަށެވެ.

"ހިތާމަ އަކީ އެކަން އެގޮތަށް ކުރެވެން ނެތްކަން،" އެފްރިކާގައި ތިބި އެޗްއައިވީ ޖެހިފައި ތިބި ކުދިންނަށް އެހީވާން ހެރީ ހިންގަވާ ޗެރިޓީއެއްގެ ފަންޑް ރެއިޒިން އިވެންޓެއްގައި ހެރީ ވިދާޅުވި އެވެ.

ދެކަނބަލުން ގަސްތުކުރެއްވީ ފުލްޓައިމްކޮށް ޝާހީ ޒިންމާތައް އަދާ ނުކުރައްވައި، ހިދުމަތުގައި ދެމި ހުންނަވަން ކަމަށް ވެސް ހެރީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަންތައް ކޮންމެ ގޮތަކަށް ނިމިގެން ދިޔަ ކަމުގައި ވިޔަސް އިނގިރޭސި ވިލާތަކީ އޭނާ ލޯބިވާ އޭނާގެ ގައުމުގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ޝާހީ ޒިންމާތައް ދޫކޮށްލައްވައި، ދަރިކަލުންނަށް ވަގުތު ދެއްވުމަށް ކެނެޑާ އާއި އިނގިރޭސި ވިލާތުގައި ދިރިއުޅުއްވުން ބިނާކުރެއްވުމަށް ހެރީގެ ދެކަނބަލުން ވަނީ ނިންމަވައިފަ އެވެ.

ހެރީ ވިދާޅުވީ އޭނާއާ ބެހޭ ގޮތުން މީޑިއާގައި ދެކެވުނު ވާހަކަތައް ފިޔަވައި މިހާތަނަށް އާންމުންނަށް އެކަމާ ބެހޭ ގޮތުން އެނގުނު ކަމެއް ނެތް ކަމަށެވެ.

"އެހެންވެ އަޅުގަނޑު ބޭނުންވީ އަމިއްލަ އަށް މި ވާހަކަތައް ކިޔައިދޭން. އެކަމަކު ޕްރިންސެއްގެ ހައިސިއްޔަތަކުން ނޫން. ހެރީގެ ގޮތުގައި،" މާމާފުޅު ރާނީ އެލިޒަބަތަށް އަބަދުވެސް އިހުތިރާމްކުރައްވާނެކަން ފާހަގަކުރައްވަމުން ދެއްވި ތަގުުރީރުގައި ހެރީ ވިދާޅުވި އެވެ.

ހެރީ ވިދާޅުވި ގޮތުގައި ކަންތައް މި ހިސާބަށް މި އައީ ކުއްލިއަކަށް ނޫނެވެ. މިއީ އެތައް އަހަރެއްގެ ގޮންޖެހުންތަކަށް ފަހު އެތައް ދުވަހެއްގެ މަޝްވަރާ އާއި ވިސްނުންތަކަށް ފަހު، އޭނާ އާއި އަނބިކަނބަލުންނަށްޓަކައި ނިންމެވި ގޮތް ކަމަށެވެ.

ކަންތައްތައް ކޮންމެ ގޮތަކަށް ނިމިގެން ދިޔަ ކަމުގައި ވިޔަސް ހެރީ ވިދާޅުވީ އޭނާ ހުންނަވާނީ އޭނާގެ ގޮތުގައި ކަމަށެވެ.