ލޯބިވެރިއަކު ހޯދަން ބިލްބޯޑެއްގައި އިޝްތިހާރުކޮށްފި

ޑޭޓިން އެޕްތައް މެދުވެރިކޮށް، ގަޔާވާ ކަހަލަ ލޯބިވެރިއަކު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އިނގިރޭސިވިލާތުގެ ފިރިހެނަކު ލޯބިވެރިއަކު ހޯދަން ބޮޑު ބިލްބޯޑެއް މެންޗެސްޓާގައި ބަހައްޓައިފި އެވެ.


"ޑޭޓް މާކް" ގެ ނަމުގައި ބެހެއްޓީ ހަ މީޓަރު ދިގު، ތިން މީޓަރު ފުޅާ ބިލްބޯޑްގައި އިނީ މާކް ރޯފްގެ ފޮޓޯ ވެސް ޖަހައިފަ އެވެ. ފޮޓޯގެ މަތީގައި ހުސްހަށިބައިތޯ ސުވާލެއްގެ ގޮތުގައި ހިމަނާފައިވާ އިރު، ޝެފީލްޑަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނާ މެންޗެސްޓާގެ ފެއާފީލްޑް ބިޒީ މަގުމަތީގައި ބިލްބޯޑް ބަހައްޓަން 425 ޕައުންޑް (561.20 ޑޮލަރު) ހަރަދުކޮށްފައިވެ އެވެ.

މާކްގެ ބިލްބޯޑްގައި ބުނެފައި ވަނީ ތި ހޯދާ މީހަކީ މިއީ ކަމަށް ވެދާނެ ކަމަށާއި ޝައުގުވެރިވާ މީހުންނަށް އޭނާގެ ވެބް ސައިޓް ޑޭޓިންމާކް.ކޯ.ޔޫކޭ މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށެވެ. ސްލޯގަންއަކަށް "ވަން މޭން، ވަން ބިލްބޯޑް، ވަން މިޝަން" ހިމަނާފައިވާ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މާކަކީ ވަރަށް ރީތި ހިތްހެޔޮ މީހެކެވެ. އަދި އޭނާގެ އިސްކޮޅަކީ ހަ ފޫޓެވެ.

ލޯބިވެރިއަކު ނެތި އަހަރެއްހާ ދުވަސްވެފައިވާ މާކް ބުނީ ޑޭޓިން އެޕްތަކުގެ އެހީގައި ހިތްއެދޭ ކަހަލަ ބައިވެރިއަކު ހޯދަން ވަރަށް މަސައްކަތްކުރެވިއްޖެ ކަމަށެވެ. އެކަމަކު ކަމުދާ ކަހަލަ މީހަކާ ދިމާނުވުމުން އެފަދަ އެޕްތައް ބޭނުންކުރުން ހުއްޓާލައި، ލޯބިވެރިއަކު ހޯދަން އާންމުކޮށް އިޝްތިހާރުކުރަން ނިންމީ ކަމަށް ބުންޏެވެ.

"މިއީ ބައެއް މީހުންނަށް ފަހަރުގައި ޖޯކަކަށް ވެސް ވެދާނެ. އެކަމަކު މިއީ ބައިވެރިއަކު ހޯދަން ވަރަށް ރަނގަޅު ގޮތަކަށް ވެދާނެ. ރައްޓެއްސެއްކާ ވާހަކަ ދައްކާފައި ބިލްބޯޑެއް ބަހައްޓަން ނިންމީ،" މާކް ބުންޏެވެ. "މިހާރު ވެސް ސަތޭކަ އަށް ވުރެ ގިނަ ހުށަހެޅުންތައް އެބަހުރި ލިބިފައި."