ވަގަކާ ބެހޭ މައުލޫމާތު ދީގެން 10،000 ޑޮލަރު

އެމެރިކާގެ ސްޓޭޓަކުން ވައްކަންކުރާތާ އަހަރެއްހާ ދުވަސްވީ މީހަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް އެ ގައުމުގެ ފެޑެރެލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން 10،000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ.


ވާޖިނިއާ ސްޓޭޓުން ވައްކަންކުރަމުންދާ މީހާ ހޯދަން އާންމުންގެ އެހީ އަށް އެދިފައިވާ އިރު އެފްބީއައި އިން ބުނީ އޭނާ އަކީ 1996 ގައި ނުކުތް ބިރުވެރި ފިލްމު "ސްކްރީމް" ގައި ފެންނަ ކަހަލަ މާސްކެއް އަޅައިގެން ބަޑިއެއް ވެސް ގެންގުޅޭ، އިސްކޮޅުގައި ފަސް ފޫޓް ހަތް އިންޗި ހުންނަ 20-30 އަހަރާ ދެމެދުގެ މީހެއް ކަމަށެވެ. އަދި އޭނާ ހުންނަނީ ނޫކުލައި އަންގިއެއް އަތަށް ލައްވައިގެން އާންމުކޮށް ކަޅު ހެދުމުގައި ކަމަށް ވެސް ބުންޏެވެ.

އެފްބީއައި އިން "ސްކްރީމް ޕަންޑިތު" ގެ ގޮތުގައި ސިފަކުރާ ކާކުކަން ނޭނގޭ މީހާއާ ބެހޭ ގޮތުން ބުނީ އޭނާ މިހާތަނަށް ހަ ތަނަކުން ވައްކަންކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވައްކަން ކުރަނީ އަތުގައި އޮންނަ ސެމީ-އޮޓިމެޓިކުން ބަޑިން ބިރު ދެއްކުމަށް ފަހު ކަމަށް ބުންޏެވެ.

އޭނާ އެންމެ ފުރަތަމަ ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އެންމެ ފަހުން ކުރި ތިން ވައްކަމުގެ ތެރެއިން ފަހު ވައްކަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނޯތު ޗެސްޓަފީލްޑް ހޭންރިކޯ ކައުންޓީގެ ކައިރީގައި އޮންނަ ރިޗްމޮންޑްގެ ގޭސް ސްޓޭޝަނަކުން ކަމަށް ވެސް އެފްބީއައި އިން ބުންޏެވެ.

އެފްބީއައި އިން ބުނީ ހަތިޔާރު ގެންގުޅޭ "ސްކްރީމް ބަންޑިތު" އަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށެވެ. އެހެންވެ އޭނާ ހައްޔަރުކުރަން، މައުލޫމާތު ފޯރުކޮށް ދޭން އާންމުންގެ އެހިއަކަށް އެދުނީ ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް ކުށްވެރިން ހޯދަން އެފްބީއައި އިން ފައިސާގެ އިނާމާ އެކު އާންމުންގެ އެހީ ހޯދާފައިވެ އެވެ. އެގޮތުން ބޭންކްތައް ފަޅަމުން ދިޔަ ވަގަކު ހޯދަން އެހީވާ މީހަކަށް މިދިޔަ މަހު އެފްބީއައި އިން 25،000 ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅާފައިވެ އެވެ.