ހޮޓާތަކުގެ ކުލި ނުދައްކަން އުކުޅަކަށް ބޭނުންކުރީ މީދާ

ޓޫރިސްޓް ހޮޓާތަކަށް ޗުއްޓީ އަށް ގޮސްފައި ކުލި ނުދައްކައި ސަލާމަތްވުމުގެ ގޮތުން އެމެރިކާގެ މީހަކު ހޮޓާތަކުގެ ކޮޓަރިތަކަށް މީދާ ދޫކުރާ މައްސަލަ ފަޅާއެރުމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.


ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ޔުޓާ އަށް ނިސްބަތްވާ ރަޔަން ސެންޓެލް މިހާތަނަށް އޭނާ ޗުއްޓީ ހޭދަކުރި އެތައް ހޮޓަލެއްގެ ކޮޓަރިތަކުގެ ތެރެއަށް މީދާ ދޫކޮށްގެން، އެކަމުގެ ޝަކުވާކޮށް، ކުލި ނުދައްކަން އެކަން ބަހަނާއަކަށް ހަަދާފައިވެ އެވެ.

ރަޔަން ކުލިން ސަލާމަތްވާން އުކުޅެއްގެ ގޮތުގައި މީދާ ބޭނުންކުރަމުންދާ އިރު، އޭނާގެ މައިގަނޑު ޝަކުވާ އަކީ މީދާތައް ކޮޓަރީގެ ތެރޭގައި އުޅޭތީ އެކަމުގެ ސަބަބުން ގެއްލުންތަކާ ކުރިމަތިލާން ޖެހި، ހޮޓަލުގެ ހިދުމަތުގެ ފެންވަރާއި ސާފުތާހިރުކަން ވެސް ކުޑަވުމުގެ ޝަކުވާ އެވެ.

މިކަން ބަހަނާއަކަށް ހަދައިގެން ނާޖާއިޒު ފައިދާ ނަގަމުން ދަނިކޮށް ފަޅާއެރުމުން ރަޔަންގެ މައްޗަށް ވަނީ 10 ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި މަކަރާއި ހީލަތުން މަންފާ ހޯދުމާއި ހޮޓާތަކާ ބެހޭ ގޮތުން ދޮގު ޝަކުވާތައްކޮށް، އެތަންތަނަށް މާލީ ގޮތުން ވެސް ގެއްލުން ދިނުން ހިމެނެ އެވެ.

އޭނާގެ ފަރާތުން ގެއްލުން ލިބުނު ހޮޓާތަކުން ބުނެފައިވާ ގޮތުގައިި ރަޔަން ކޮޓަރިތަކަށް މީދާ ދޫކޮށްގެން އެ ތަކެތި މަރަން ޕެސްޓިސައިޑަށް ހަރަދުކުރަން ޖެހުމާއި މުވައްޒަފުން އެކަމަށް ވަގުތު ހުސްކުރަން ޖެހުން ފަދަ ބޭކާރު ކަންކަން ވަނީ ކުރަން ޖެހިފަ އެވެ.