ސެމްސަންގުގެ ފަތްޖެހޭ އާ ފޯނު ބާޒާރަށް

ދެކުނު ކޮރެއާގެ ސެމްސަންގުން މިދިޔަ އަހަރު ނެރުނު ފަތްޖެހި ފޯން "ގެލެކްސީ ފޯލްޑް" އަށް ފަހު، އެ ކުންފުނިން ތައްޔާރުކުރި ފަތްޖެހޭ އާ ފޯނު "ގެލެކްސީ ޒީ ފްލިޕް" ހުކުރު ދުވަހު ބައެއް ތަންތަނުން ވިއްކަން ފަށައިފި އެވެ.


މޭކަޕް ފައުންޑޭޝަން ދަޅު ސިފަވާ ކަހަލަ ބައްޓަމަކަށް ފަރުމާކޮށްފައިވާ އަދި އެގޮތަށް ހުޅުވައި ލެއްޕޭ 6.7 އިންޗީގެ އެމޯލެޑް ސްކްރީނެއް ހިމެނޭ ފޯނުގެ އަގަކީ 1،380 ޑޮލަރެވެ. ދެ ކެމެރާ އެކުލެވޭ މީގެ ތިން ކުލައެއް މިދިޔަ އަންގާރަ ދުވަހު ދައްކައިލި އެވެ. އެއީ ކަޅާއި ދަނބާއި ރަން ކުލަ އެވެ. ނަމަވެސް ހުކުރު ދުވަހު ފޯނު ވިއްކަން ފެށި އިރު، މި ވަގުތު އަދި ރަން ކުލަ ގަންނާކަށް ނުލިބޭނެ އެވެ.

"ގެލެކްސީ ޒީ ފްލިޕް" އާ ބެހޭ ގޮތުން ސެމްސަންގުން ބުނީ މި ފޯނަކީ ކުރިން ނެރުނު ފަތްޖެހި ފޯނަށް ދިމާވި މައްސަލަތައް ކުރިމަތިނުވާނެ ކަމުގެ ގެރެންޓީ އޮތް އުފެއްދުމެއް ކަމަށެވެ. އަދި ހުރިހާ ގޮތަކުން ވެސް ބޭނުންކުރަން ފަސޭހަ، ޒަމާނީ ފީޗާތައް ފޯނުގައި އެކުލެވޭނެ ކަމަށް ބުންޏެވެ.

މީގެ ހާއްސަ ފީޗާތަކަށް ބަލާ އިރު އޯއެސް އެންޑްރޮއިޑް 10 އާ އެކު، 256 ޖީބީގެ ސްޓޯރޭޖާއި އޮކްޓެ-ކޯ -ޕްރޮސެސާ އާއި 10 މެގަޕިކްސެލްގެ ފްރޮންޓް ކެމެރާއަކާއި 12 މެގަޕިކްސެލްގެ ރިއާ ކެމެރާ ފާހަގަކޮށްލެވެ އެވެ.

"ގެލެކްސީ ޒީ ފްލިޕް" އާ އެކު ސެމްސަންގުން ވަނީ އެމެރިކާފެ ނިއު ޔޯކްގެ ފެޝަން ބްރޭންޑް ތޮމް ބްރައުންޑް ރަމްޒުކޮށްދޭ ލިމިޓެޑް އެޑިޝަނެއްގެ ފޯނު ވެސް ދައްކާލައިފި އެވެ. ރިހި ކުލައިގެ މި ކަލެކްޝަނުގެ ފޯނުގެ ބޭރުގައި ރަތާއި ނުލާއި ހުދު ކުލައިގެ ރޮނގުތަކެއް ހިމަނާފައިވެ އެވެ.