އެންމެ ގޯސް ނިންމުމަކީ ޖެނިފާ ގާނާއާ ވަކިވުން: ބެން އެފްލެކް

ހަޔާތުގައި އަބަދު ވެސް އެންމެ ހިތާމަކުރާނެ ކަމަކީ ކުދިންގެ މަންމަ އަދި ބަތަލާ ޖެނިފާއާ ގާނާއާ ވަކިވުން ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބެން އެފްލެކް ބުނެފި އެވެ.


އޭނާ އާއި ޖެނިފާ 2005 ގައި ކުރި ކައިވެނި 2018 ގައި ރަސްމީކޮށް ރޫޅައިލި އިރު، ތިން ކުދިން ވެސް ލިބިފައިވެ އެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެފްލެކް ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ޖެނިއާ ވަކިވުމަކީ ލިބުނު އެންމެ ބޮޑު ދެރަކަމަށާއި އަބަދު ވެސް އެކަމާ ހިތާމަކުރާނެ ކަމަށެވެ.

"އެއީ އަބަދުވެސް އަހަރެންގެ އެންމެ ބޮޑު ރިގްރެޓަށްވާނީ،" އޭނާ ބުންޏެވެ. "އޭގެ ސަބަބުން ހަޔާތަށް ވަރަށް ނޭދެވޭ ބަދަކުތަކެއް ވެސް އައި."

މަސްތުވާތަކެއްޗާއި ރަލަށް ދެވިހިފައިގެން ރިހިބިލިޓޭޝަން ފަރުވާ ވެސް ތަކުރާރުކޮށް ހޯދާފައިވާ އެފްލެކް ބުނީ ހަޔާތުގައި ގޯސްތަކެއް ހެދުނަސް މާޒީ ހަނދާކޮށް ރުއިމަކީ ހައްލެއް ނޫން ކަމަށެވެ. އެހެންވެ ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށް ދެކޭ ކަމަށާއި ޕޮޒިޓިވް ވިސްނުން އަބަދުވެސް ވަރަށް ބޭނުންވާ ކަމަށް ބުންޏެވެ.

"މުހިއްމު ކަމަކީ ހެދުނު ގޯސްތަކުން އިބުރަތް ހާސިލުކޮށް ކުރިއަށްދާން މަސައްކަތްކުރުން." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު/ޑައިރެކްޓަރު ބުންޏެވެ.

އެފްލެކް، 47، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ހާއްސަ ފެނިލުމަކުން ފެނިގެން ދިޔަ މިދިޔަ އަހަރުގެ "ޖޭ އެންޑް ސައިލެންޓް ބޮބް ރިބޫޓް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި މަހުގެ 21 ގައި ރިލީޒްކުރާ "ދަ ލާސްޓް ތިން ވީ ވޯންޓެޑް" އާއި އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ދަ ވޭ ބެކް" އާއި ނޮވެމްބަރުގައި ރިލީޒްކުރާ "ޑީޕް ވޯޓަ" ހިމެނެ އެވެ.