މިހާރުގެ ހާލަތު ދެމި އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ދެމި އޮވެއްޖެ ނަމަ ފަރުތައް އެއްކޮށް ހަލާކުވެގެންދާނެ މާ ގިނަ ދުވަހެއް ނެތް ކަމުގެ އިންޒާރު ދިރާސާއެއްގައި ދީފި އެވެ.


މި މަހުގެ 16 އިން ހުކުރު ދުވަހާ ހަމައަށް އެމެރިކާގެ ސެން ޑިއޭގޯގައި ކުރިއަށް ދިޔަ "އޯޝަން ސައިންސް މީޓިން 2020" އަށް ހަވާއި ޔުނިވަސީޓީން ހުށަހެޅި ދިރާސާ ރިޕޯޓެއްގައި ބުނިގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި، މިހާރު ހުރި މުރަކަ ފަރުތަކުގެ 70-90 ޕަސެންޓް ހަލާކުވެގެން ހިނގައިދާނެ އެވެ.

މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކަނޑުތައް ހޫނުވުމާއި ކުނިބުނިން ކަނޑުފަޅުތައް ތަޣައްޔަރުވުމާއި ކަނޑުފަޅުތަކަށް ބޭރުކުރާ ކެމިކަލްތަކުގެ ބާވަތްތަކުން ލިބެމުންދާ ގެއްލުންތަކެވެ. މިފަދަ ކަންކަމާ ގުޅިގެން މީގެ ކުރިން ވެސް ފަރުތަކަށް އެކި މައްސަލަތައް ކުރތިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް މައްސަލަ އަކީ މުރަކަތައް ހުދުވުމުގެ މައްސަލަ އެވެ.

"މިކަން މިހާރު ހުރި ނިސްބަތަށް ބަލާ އިރު ދެހާސް އެއްސަތޭކައާ ހަމައަށް އަންނަ އިރު، ފެންނަނީ ވަރަށް ވެސް ސީރިއަސް މަންޒަރެއް" ދިރާސާ ޓީމްގައި ހިމެނޭ ރެނީ ސެޓާ ވިދާޅުވި އެވެ.

މި މައްސަލައާ ދެކޮޅަށް މިހާރު ކޮންމެވެސް ވަރަކަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސައިންޓިސްޓުންނާއި ތިމާވެށީގެ އެކްޓިވިސްޓުން ލެބްތަކުގައި މުރަކަ އާލާކޮށް، މަރުވެފައިވާ މުރަކަތައް ދިރުވަން މަސައްކަތްކުރަމުންދާ ކަމަށް ބުންޏެވެ. ނަމަވެސް މިއީ އަދި މިކަމަށް އޮތް އެންމެ ރަނގަޅު ހައްލު ނޫން ކަމުގެ އިންޒާރު ދީފައިވެ އެވެ.

ރިޕޯޓްގައި ފާގަގަކޮށްފައިވާ ގޮތުގައި މުރަކަތައް އާލާކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އެ އެއްޗެހި ކަނޑުފަޅުގައި އާލާކުރަން އެކަށީގެންވާ ސަރަހައްދުތައް ފާހަގަކޮށް އެކަމަށް ބޭނުންވާ ފިނިހޫނުމިނާއި އެސިޑިޓީ އާއި އިންސާނުންގެ އާބާދީގެ ޑެންސިޓީ އާއި މަސްމަހާމެހީގެ ފްރިކްއެންސީ ފަދަ ކަންކަމަށް ރިއާޔަތްކުރަން ޖެހެ އެވެ. ނަމަވެސް މިހާރު ހާލަތު އޮތް ގޮތަށް ރިއާޔަތްކޮށް، ވަޒަންކުރާ އިރު 2045 އާ ހަމައަށް އަންނަ އިރު، މުރަކަތައް ކަނޑުފަޅުތަކުގައި އާލާކުރަން ދަތިވާނެ ކަމަށް ބުންޏެވެ.

"މާނަ އަކީ މުރަކަތައް މިހާރު ދިރުން ގެނެސްދީ އާލާކުރެވޭ މިންވަރު ދަށަށޭ ދާނީ ދެހާސް ސާޅީސް ފަހެކާ ހަމައަށްދާ އިރު،" ރިޕޯޓްގައި ބުންޏެވެ. "އޭގެ ނަތީޖާ އަކީ އިތުރު ފަންސާސް އަހަރު ފަހުން ހާލަތު އިތުރަށް ގޯސްވާނޭ."

ސެޓާ ވިދާޅުވި ގޮތުގައި ފަރުތަކަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް މިހާރުން މިހާރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ޖެހެ އެވެ. އެގޮތުން ކަނޑާއި މޫދަށް ކުނި ނޭޅުމާއި އެފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުމާއި ކްލައިމެޓް ޗޭންޖަށް މަގުފަހިވާ ކަންކަމަށް ރިއާޔަކޮށްގެން ކަންކަން ކުރުން ހިމެނެ އެވެ.

"މިއީ އެތައް ބަޔަކާ ގުޅިފައި އޮތް ކަމެއް. އެންމެން އެކައްޗެއް ކިޔައިގެން މިކަމާ ދެކޮޅަށް ވަކާލާތުނުކުރެވޭ ނަމަ މައްސަލަތަކަށް ލިބޭނެ ހައްލެއް ނެތް." އޭނާ ވިދާޅުވި އެވެ.