ފަޔަށް ފަސޭހަ ހައި ހީލް އެއް ދެނެގަންނާނެ ގޮތް

ހައި ހީލް އަކަށް އަރައިގެން ހިނގާލަން ބޭނުން ބައެއް މީހުންނަށް އެކަން ނުވާ އެއް ސަބަބަކީ ފަޔަށް ލިބޭ އަނިޔާ ކަމަށް ވެދާނެ އެވެ. ހަން މަށައިގެން ދިއުމާއި ފޮޅުލުން އަދި ތަދުވުން ފަދަ އެތައް ކަމަކާ ހުރެ ހައި ހީލް އަކީ ބައެއް މީހުންނަށް ވޭނަކަށް ނޫނީ ނުވެ އެވެ.


ފައިގެ ސިއްހީ މައްސަލަތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އެމާ ސަޕްލް ވަނީ ފަޔަށް ތަދު ނުވާނެ ހައި ހީލް އެއް ދެނެގަންނާނެ ގޮތް "އިންޑިޕެންޑެންޓް" ނޫހަށް ކިޔައިދެއްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ މީހެއްގެ ފަޔާ ގުޅޭ ފައިވާނަށް އަރާ ނަމަ ފޮޅުލުން ފަދަ ކަންކަމާ ދިމާ ނުވާނެ ކަމަށެވެ.

ބައެއް އަންހެނުންނަކީ ފުންނާބު ވަރަށް އުސްކޮށް ހުންނަ ފައިވާނަށް އެރޭ ގޮތަށް ހަށިގަނޑު އުފެދިފައި ހުންނަ މީހުންނަށް ވިޔަސް އަނެއް ބަޔަކަކީ އެހާ އުސް ފުންނާބު ހުންނަ ފައިވާނާ ގުޅޭ ބައެއް ނޫނެވެ.

އެ މީހަކާ ގުޅޭ ފައިވާނެއް ވަރަށް ފަސޭހަ ތިން ކަމަކުން ދެނެގަނެވޭނެ ކަމަށް އެމާ ވަނީ ވިދާޅުވެފަ އެވެ. އަދި ހާއްސަކޮށް ޕާފެކްޓް ހައި ހީލް ހައިޓް (ޕީޕީއެޗް) ނުވަތަ އެ މީހަކާ އެންމެ އެކަށީގެންވާ އުސް މިނެއްގެ ފުންނާބެއް ހުރި ފައިވާނެއް ދެނެގަންނާނެ ފޯމިއުލާއެއް ވަނީ ކިޔައިދެއްވައިފަ އެވެ.

އެމާ ވިދާޅުވެފައިވާ ގޮތުގައި މި މިންގަނޑު ބިނާވަނީ ފަޔާއި ފައިތިލަ ގުޅުވައިދޭ ކަށިގަނޑުގެ މަޑުކަމުގެ މައްޗަށެވެ. މީހާ ހަމަޖެހިލައި، ފައި ތެދުކޮށް ދަމާލާފައި އޮންނައިރު ފުންނާބު ދިމާ ތިރިއަށް އިންނަ ނަމަ އެއީ ހައި ހީލް އަކަށް އަރައިގެން ފަސޭހަކަމާ އެކު އުޅެވޭނެ މީހެއް ކަމަށް އެމާ ވިދާޅުވެފައިވެ އެވެ.

ފުންނާބު މިހެން ނެތް ނަމަވެސް އެ މީހަކާ ގުޅޭ ހައި ހީލް އަށް އެރުމަކުން މައްސަލައެއް ނެތެވެ. އެކަން ދެނެގަންނާނެ ތިން ގޮތަކީ މިއީ އެވެ.

1 - ފައިވާން ބޭލުމަށް ފަހު އިށީނދެ، ކުރިމައްޗަށްވާ ގޮތަށް ފައި ދަމާލާށެވެ. ތަނެއްގައި ފުންނާބު ނުޖެހޭ ގޮތަށް ބަހައްޓާއިރު ފުންނާބު ސީދަލަށް އިނުމުގެ ބަދަލުގައި ކައްޗަށް ފަޔާ ދިމާވާ ހެޔޮވަރު އެންގަލް އަކަށް އިންނަ ނަމަ އެއީ އެހާ ފްލެކްސިބް ފައިތިލައެއް ނޫނެވެ. އެގޮތަށް ހުންނަ ނަމަ އެންމެ ރަނގަޅުވާނީ އެހާ އުސް ނޫން ފުންނާބެއް އިންނަ ފައިވާނެކެވެ. ފައިތިލަ ފައިގެ ބަނޑިއާ ގާތްގަނޑަކަށް އެއްވަރަށް ނުވަތަ ކައްޗަށް ހުންނަ ނަމަ އެއީ ފުންނާބު އުސް ފައިވާނަށް ކަމުދާ މީހެކެވެ.

2 - ހުސް ފަޔާ ކޮޅަށް ހުރެ، ފުންނާބުން ފެށިގެން ފައިގެ އިނގިލިތަކުގެ ބުޑާ ހިސާބަށް ހުރި ދިގުމިން ބަލާށެވެ.

3 - ކޮޅަށް ހުންނައިރު ފުންނާބުގެ މެދާ ހިސާބުން ފައިގެ އިނގިލިތަކުގެ ބުޑާ ހިސާބަށް ހުންނަ ދިގުމިން އެއީ އެ މީހަކަށް އެންމެ އެކަށީގެންވާ ހީލްގެ އުސްމިނެވެ.