ޔޫއޭއީގެ ބޭކަރީއެއްގައި ޕާން ފުށްގަނޑަށް ކުޅުޖެހި މައްސަލައެއް ބަލަނީ

ޔޫއޭއީގައި، ޕާން ފިހަން ފުށްގަނޑު މޮޑެމުން އެއަށް ގަސްތުގައި ކުޅު ޖެހި މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށައިފި އެވެ.


ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުށްގަނޑަށް ކުޅުޖެހީ އަޖްމަންގައި ހިންގާ ބޭކަރީއެއްގައި މަަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާ ފުށްގަނޑަށް ކުޅުޖެހި މައްސަލަ އަޖްމަން މުނިސިޕަލްޓީ އަށް ރިޕޯޓްކުރީ އެ މަންޒަރު ވީޑިއޯ ކުރި ކަސްޓަމަރެކެވެ. އޭނާ ވަނީ ހެއްކަކަށް ވީޑިއޯ ވެސް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި މުވައްޒަފު ހައްޔަރުކޮށް، ބޭކަރީ ވެސް ބަންދުކޮށްފައިވާ އިރު އަޖްމަން މުނިސިޕަލްޓީން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.

އަޖްމަންގެ އަލް-ޖާފް އަލް-ޝަމެލް ޕޮލިސް ސްޓޭޝަނުގެ ޑިރެކްޓަރު ލެފްޓިނަންޓް ކާނަލް މުހައްމަދު މުބާރަކް އަލް-ޣަފްލީ ޚަލީޖް ޓައިމް އަށް ވިދާޅުވީ ފުށްގަނޑަށް ކުޅުޖެހީ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ އެއްވެސް ވަނަވަރެއް ހާމައެއްނުކުރެ އެވެ.

މުބާރަކް ވިދާޅުވީ ހައްޔަރުކުރި މީހާގެ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުރިތޯ ޓެސްޓް ވެސް ކުރަން ނިންމާފައިވާ ކަމަށާއި ތަހުގީގަށް ފަހު އޭނާގެ މައްޗަށް ދައުވާކުރާނެ ކަމަށެވެ.

"މިއީ ހަގީގަތުގައި ވަރަށް ސީރިއަސް މައްސަލައެއް. އާންމުންނަށް ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާ ދޭތެރޭ މިފަދަ ކަންކަމާ ގުޅިގެން ސުވާލު އުފެދޭނެ،" އޭނާ ވިދާޅުވި އެވެ. "މިފަދަ ނޭއްގާނީ ކަންކަން ކުރުމަކީ އެތައް ބައެއްގެ ސިއްހަތު ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް. އަދި މީގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު."

މުބާރަކް ވަނީ މިފަދަ އަމަލުތައް އެއްވެސް ތާކުން ކުރާކަން އެނފޭ ނަމަ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދިނުމަށް އާންމުންނަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ.