ހަނީމޫނަށް އައިސް ރާއްޖޭގައި ތާށިވެ އިތުރުވީ ލޯބި!

ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިހާރު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. މުޅި އިގުތިސާދު ޓޫރިޒަމަށް ބަރޯސާވާ ރާއްޖެ މިހާރު އޮތީ ވަރަށް ވެސް ނާޒުކު ހާލަތެއްގަ އެވެ. ކޮރޯނާވައިރަހާ ހެދ ދުނިޔެ ހުއްޓުމަކަށް އައިމަ އެވެ.


މި ހުއްޓުމުގެ ތެރޭގައި ތާށިވެފައި ތިބި މީހުންގެ ތެރޭގައި ހަނީމޫނަށް ރާއްޖެ އަށް އައި ދެކުނު އެފްރިކާގެ ދެ ޓޫރިސްޓެއްގެ ތަޖުރިބާ އަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

މިދިޔަ މަހުގެ 22 ގައި ރާއްޖެ އައި ދެމަފިރިން ތިބީ އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތި، އެ މީހުން ޗުއްޓީ އަށް އައި ޅ. ސިނަމަން ވެލިފުށި މޯލްޑިވްސް އިން އެހެން ރިސޯޓަކަށް ބަދަލުކުރި އެވެ. އެ ރިސޯޓުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ތިބި ހަމައެކަނި ގެސްޓުންނަކީ އެ ދެމަފިރިންނެވެ. ކޮރޯނާވައިރަހުގެ ބިރަށް ގައުމުތައް ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓުމަކަށް އައުމުން ރާއްޖޭގައި ބަންދުވީ އެވެ.

އެ މީހުން މި މަހުގެ ފަސް ވަނަ ދުވަހު ބަދަލުކުރި ފަސް ތަރީގެ ރިސޯޓްގައި ދެކުނު އެފްރިކާގެ އެހެން ޓޫރިސްޓުންތަކެއް ވެސް އެބަތިއްބެވެ. އެހެންވެ ސްރީ ލަންކާގައި ހުންނަ ދެކުނު އެފްރިކާގެ އެމްބަސީ މެދުވެރިކޮށް ހުރިހާ އެންމެންނަށް ފުރޭނެ ގޮތެއް ވޯތޭ ވެސް ބެއްޔެވެ.

އެމްބަސީން ދިން ޖަވާބަކީ ހުރިހާ ޓޫރިސްޓުން އެއްބަސްވާ ނަމަ އަމިއްލަ ހަރަދުގައި ފްލައިޓެއް ޗާޓަރުކުރެވިދާނެ ވާހަކަ އެވެ. އެކަމަށް 104،000 ޑޮލަރު ހަރަދުވެ އެވެ. ނަމަވެސް ބައެއް މީހުން އެކަމަށް އެއްބަސްނުވުމުން އެ ފުރުސަތު ވެސް ގެއްލުނީ އެވެ. ސަބަބަކީ މަދު ބަޔަކު ފުރާ ނަމަ ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވުމެވެ.

ރައުލް އާއި އޮލީވިއާ.

އެހެންވެ މިހާރު އޮތް ގޮތަކީ އެނބުރި ދެވޭނެ ދުވަހަކަށް އިންތިޒާރުކޮށްގެން ކެތްތެރިކަމާ އެކު ތިބުމެވެ. އަދި މި ތަޖުރިބާ ޒުވާން ދެމަފިރިންނަށް ވަރަށް ވެސް ތަފާތެވެ. އަދި ދިރިއުޅުމާ ދޭތެރޭ ކުރިން ވިސްނާފައި ނެތް ވަރަށް ގިނަ ކަންކަމާ ދޭތެެރޭ ރާއްޖޭގައި ތިބެގެން ވަނީ ވިސްނަން ޖެހިފަ އެވެ. މި ވާހަކަ އެ މީހުން ވަނީ ނިއު ޔޯކް ޓައިމްސް އަށް ކިޔައިދީފަ އެވެ.

މިއީ ޖޮހަނަސްބާގަށް ނިސްބަތްވާ ރައުލް ޑި ފްރެއިޓަސް، 28، އާއި އޭނާގެ އަންހެނުން އޮލީވިއާ، 27، ގެ ވާހަކަ އެވެ. ކައިވެންޏަށް ފަހު ހަނީމޫނަށް ރާއްޖެ އައި އިރު ދެމަފިރިން މިފަދަ ގޮތަކަށް ރިސޯޓްގައި ތާށިވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް އުންމީދެއް ނުކުރެ އެވެ. އެކަމަކު ބުޗާއެއްގެ ގޮތުގައި މަސައްކަތްކުރާ ރައުލް އާއި ޓީޗަރެއްގެ ވަޒީފާ އަދާކުރާ އޮލީވިއާ އަށް ޖެހިފައި ވަނީ އެނބުރި ގައުމަށް ދެވެންދެން ކެތްކޮށްލައިގެން ތިބޭށެވެ.

އޮލީވިއާ.

އެ މީހުން ކިޔައިދިން ގޮތުގައި މި "ބަންދު" ގެ ތެރެއިން ލިބުނު އެއް ފުރުސަތަކީ އެކަކު އަނެކަކު ދަސްވާން މަގުފަހިވުމެވެ. ކައިވެނިކުރީ ރައްޓެހިވެގެން މާ ގިނަ ދުވަސްތަކެއް ނުވެ ކަމަށް ވާތީ، ދެ މީހުންގެ މިޒާޖު ކުރިއަކުން އެހާ ރަނގަޅަކަށް ނޭނގެ އެވެ.

"އެހެންވެ މިކަންވެގެން ދިޔައީ ދެ މީހުން އެކަކު އަނެކަކު ދަސްވާން ލިބުނު ރަނުގެ ފުރުސަތަކަށް އަދި މީގެ ސަބަބުން ލޯބިވީ އިތުރު. މިއީ ލައިފް ދެން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ވާހަކަ ދައްކައި މަޝްވަރާކޮށްލަން ވެސް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް." ރައުލް ބުންޏެވެ.

ރައުލް ރިސޯޓްގެ ރެސްޓޯރަންޓެއްގައި.

ދެމަފިރިން ކިޔައިދިން ގޮތުގައި ރިސޯޓްގައި ތިބެގެން މި ވަގުތު ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެހެންވެ ގައުމަށް ދެވެންދެން އޮތީ ކޮންމެ ދުވަހަކު އެއް ކަންތައްތަކެއް ތަކުރާރުކުރުމެވެ. އެއީ ކައިފައި ނިދާފައި، ހޭލާފައި، މޫދަށް އެރިލުން ކަހަލަ ކަންކަމެވެ.

"ދޭތެރެއަކުން އެބަ ލިބޭ ސްނޯކްލިން އަށް ދާނެ ފުރުސަތު. އަދި ބައެއް ފަހަރު ރިސޯޓްގައި ތިބި މީހުންނާއި ބައެއް މުވައްޒަފުންނާ އެކު ޓޭބަލް ޓެނިހާއި ފުޓްބޯޅަ އާއި ސްނޫކާ ކަހަލަ އެއްޗެހި ކުޅެލެވޭ." އޭނާ ބުންޏެވެ. "އަދި ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ މި ތަނުން އަހަރެމެންނާ ދޭތެރޭ ވަރަށް ބޮޑަށް އަޅާލާކަން. ސްޓާފުން ކޮންމެ ފަސް މިނިޓަކުން ކަހަލަ ގޮތަކަށް އައިސް ހާލު ބަލާލައި ހަދާތީ ވަރަށް ހިތްހަމަޖެހޭ."

ރައުލް.

ރައުލް ބުނި ގޮތުގައި އެ މީހުން މިހާރު ތިބީ އެޖެންޓުން ދޭނެ އުފާވެރި ޚަބަރެއްގެ އިންތިޒާރުގަ އެވެ. ރިސޯޓަށް ކުރި ހަނީމޫން ދަތުރާ އެކު ބޮޑު ބަލިމަޑުކަމާ ހެދި ގައުމަށް ނުދެވި ތާށިވެފައި ތިބުމުން ދެމަފިރިންނަށް އޮތް އެންމެ ބޮޑުު އެއް ހިތްހަމަޖެމަކީ ރިސޯޓުން އެ މީހުންނަށް ދޭ ހިދުމަތްތަކުން އަގުން ބޮޑު ބައެއް އުނިކޮށް ދިނުމެވެ.

"ބައެއް މީހުން ބުނެފާނެ ކަންނޭނގެ މިކަހަލަ ރީތި ކުޑަކުޑަ ޓްރޮޕިކަލް ރަށެއްގައި ބަންދުވެލައިގެން ހުންނަން ވަރަށް ބޭނުމޭ. އެއީ ނަސީބަކަށް ވެދާނެ." ރައުލް ބުންޏެވެ. "އެކަމަކު އެ ނަސީބު ގުޅިފައި ވަނީ އަނބުރާ ދެވޭނެ ކަމުގެ ގެރެންޓީ ވެސް އޮންނަ ނަމަ."