ސެމްސަންގުން 600 މެގަޕިކްސެލް ކެމެރާ ސެންސަރެއް އުފައްދަނީ

މަންޒަރުތައް ތަފުސީލްކުރުމުގައި އިންސާނުންގެ ލޮލަށް ވުރެ ގާބިލު ކެމެރާ ސެންސަރެއް އުފައްދަން މަސައްކަތްކުރާ ކަމަށް ސެމްސަންގުން ބުނެފި އެވެ. މިއީ ކުރެވިދާނެ ކަމެއް ނަމަވެސް، ސްމާޓްފޯނެއްގައި ހަރުކުރަން ފުރިހަމަކުރަންޖެހޭ މަސައްކަތް ވަކިން ބޮޑު ކަމަށް ސެމްސަންގުން ބުނެ އެވެ.


ސްމާޓްފޯނެއްގައި، މިހައި ކުޅަދާނަ ސެންސަރެއް ހަރުކުރުމަށްޓަކައި، ސެންސަރުގެ ބައިތައް އިންތިހާ އަށް ކުޑަކުރަންޖެހެ އެވެ. މިއީ އަދި ދުނިޔޭގައި ނެތް ޓެކްނޮލޮޖީއެއް ނަމަވެސް، ސެމްސަންގުން ބުނާ ގޮތުގައި، އެ މީހުންގެ އިންޖިނޭރުންނަކީ އުފައްދާ ބައެކެވެ.

ސްމާޓްފޯން ކެމެރާ މާކެޓްގައި ސެމްސަންގަކީ ގަދަ ބާރެކެެވެ. ގެލަކްސީ އެސް މަރުކާގެ ފޯނުތަކަށް ބެލި ނަމަވެސް، މިކަން ކަށަވަރުވެ އެވެ. ސްމާޓްފޯންތަކަށް 64 އަދި 108 މެގަޕިކްސެލް ކެމެރާތައް އެންމެ ފުރަތަމަ ތައާރުފުކުރީ ސެމްސަންގުންނެވެ.

ސެމްސަންގުން ބުނާ ގޮތުގައި 600 މެގަޕިކްސެލް ކެމެރާއެއް އުފައްދަނީ ހަމައެކަނި ސްމާޓްފޯނުތަކަށް ވިސްނައިގެނެއް ނޫނެވެ. އިންސާނުންގެ ލޮލަށް ފެންނަ ވަރަށް ވުރެ ބޮޑަށް މަންޒަރުތައް ތަފުސީލުކުރުމަށްޓަކައި، ޒަމާން ފަހައަޅައި ދާން ޖެހިފައި ވާ ކަމަށް އެ ކުންުފުން ދެކެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި މަސައްކަތް ފަށައިގަންނަނީ ވަކި ތާރީޚަކަށް ނިންމާކަށް ނޫނެވެ. ތަޖުރިބާކުރެވިފައި ނެތް ކިތަންމެ ކަމެއް ދަސްކުރަން ޖެހިފައި ވާތީ މަސައްކަތްތައް ނިންމޭނެ ވަކި ދުވަހެއް ބުނަން ދަތި ކަމަށް ސެމްސަންގުން ބުނެ އެވެ.