ހިއްސާ ވިއްކައިގެން ލިބުނު 1.6 މިލިއަން ޑޮލަރު މުވައްޒަފުންނަށް ބަހައިލަނީ

ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ ތެރޭގައި ފާއިތުވި އަށް ދުވަހުގެ ތެރޭގައި ހިއްސާ ވިއްކައިގެން ލިބުނު 1.6 މިލިއަން ޑޮލަރު އެމެރިކާގެ ރިއަލްއެސްޓޭޓް ކުންފުންޏަކުން މުވައްޒަފުންނަށް ބަހާލަން ނިންމައިފި އެވެ.


ސީއެންއެން އިން ބުނި ގޮތުގައި މުވައްޒަފުންނަށް މި ވަގުތު ދިމާވެފައިވާ މާލީ ތާށިކަމަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން، ހިއްސާ އިން ލިބުނު އާމްދަނީ ބަހައިލަން ނިންމީ އޮހައިއޯގެ ދަ ކޮނާ ގްރޫޕުންނެވެ. އެތަނުގައި 400 އެއްހާ މީހުން ވަޒީފާއަދާކުރެ އެވެ.

ކޮނާ ގްރޫޕްގެ ވެރިޔާ ލެރީ ކޮނޯ އަށް ހިއްސާ އިން ލިބުނު 1.6 މިލިއަން ޑޮލަރު މުވައްޒަފުންނަށް ބަހަން ނިންމިކަން އިއުލާންކުރީ ވީޑިއޯ މެސެޖެއްގަ އެވެ. އޭގައި އޭނާ ބުނީ ފައިސާ ބަހަން ނިންމާފައި ވަނީ މުވައްޒަފުން އަދާކުރާ މަގާމާއި ވަޒީފާގައި ހޭދަކޮށްފައިވާ މުއްދަތަށް ރިއާޔަތްކޮށް ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް 2،000-9،000 ޑޮލަރާ ދެމެދުގެ އަދަދެއް ބޯނަހެއްގެ ގޮތުގައި ލިބޭނެ އެވެ.

"މިއީ އަހަރެމެން އެންމެންނަށް ވެސް ވަރަށް ޗެލެންޖިން ވަގުތެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ކުންފުނީގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ އަގުހުރި ރައުސުލްމާލެއް. އެހެންވީމާ މިފަދަ ދަނޑިވަޅެއްގައި އެ މީހުންގެ އިހުސާސްތައް ދަނެ، ދަތިކަމަށް ލުއެއް ގެނެސްދިނުމަކީ ކުންފުނީގެ ވެރިއެއްގެ ހައިސިއްޔަތުން ވެސް އަހަރެން ކޮށްދޭން ޖެހޭނެ ކަމެއް،" ލެރީ ބުންޏެވެ. "އަހަރެމެންގެ އަބަދު ވެސް މޮޓޯ އަކީ އެންމެން ހިނގާށޭ ރަނގަޅު ކަންކަން ކުރުން. މިއީ އެފަދަ ހާއްސަ ދަނޑިވަޅެއް."

ދަ ކޮނޯ ގްރޫޕަކީ ރިއަލް އެސްޓޭޓް ކުންފުންޏެއް.

ކޮނާ ގްރޯޕްގެ ތަރުޖަމާނު އަމަންޑާ ބްރައުން ބުނިގޮތުގައި ހިއްސާ އިން ލިބުނު 1.6 މިލިއަން ޑޮލަރު ބަހާއިރު އާމްދަނީ އަށް އަހަރަކު 150،000 ޑޮލަރު ލިބޭ މުވައްޒަފުން އިސްތިސްނާވާނެ އެވެ. އެގޮތުން ހިއްސާގެ ބޯނަސް ލިބޭ މުވައްޒަފުންނަކީ މުސާރައިގެ ގޮތުގައި އަހަރަކު 42،000 ޑޮލަރު ލިބޭ މީހުންނެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގައި މަސައްކަތްކުރާތާ 13 އަހަރުވެފައިވާ ސީނިއާ މެއިންޓަނަންސް ޓެކްނީޝަން މީމޯ އަލްބާ ބުނީ ކޮނާ ގްރޫޕް ދެކެނީ އަބަދު ވެސް އާއިލާއެއް ގޮތަށެވެ.

"އެހެންވެ އަހަރެން މި ކުންފުނި ދެކެނީ ލޯނިވަނީ. މި ތަނުގެ ވެރިޔާ އަކީ އަބަދު ވެސް އަހަރެމެންގެ އިހުސާސްތައް ދަންނަ މީހެއް،" އޭނާ ބުންޏެވެ. "މި ފަހަރު މި ލިބޭ ބޯނަހުން އަހަރެން ކުރާނެ ކަމަކީ ގެ އާބާތުރަފިލުވުން."