ކޮވިޑް-19 އިން ރަނގަޅުވަނީ ކިތައް ދުވަހުން؟

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތަރު މިލިއަން ފަހަނަޅައި ގޮސްފައި ވާއިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ 1.6 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.


މި ބަލިން ރަނގަޅުވާ މުއްދަތު ބިނާވެގެން ވަނީ މި ބަލީގައި އެ މީހެއްގެ ހާލު ބޮޑުވާ މިންވަރެއްގެ މައްޗަށްކަން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ބޮޑަށް ބަލިވާ މީހުން ރަނގަޅުވާން ގިނަ ދުވަސް ނަގާއިރު ބަލީގެ އަލާމާތް ކުޑަކޮށް ފެންނަ މީހުން ވަރަށް އަވަހަށް ވެސް ރަނގަޅުވެ އެވެ.

މީގެ އިތުރުން، ރަނގަޅުވާ މުއްދަތު ބިނާވާ އެހެން ކަންކަމުގެ ތެރޭގައި އުމުރާއި ޖިންސާއި އެ މީހެއްގެ ސިއްހީ އެހެން މައްސަލަތައް ހުރި މިންވަރު ވެސް ހިމެނެ އެވެ.

ބީބީސީގެ ހެލްތު އެންޑް ސައިންސް ކޮރެސްޕޮންޑެންޓް ޖޭމްސް ގެލާގެ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެންމެ ލަހުން ރަނގަޅުވަނީ ފަރުވާ ދިނުމުގައި "އިންވޭސިވް" ނުވަތަ ހޭނެއްތުން/ހޭވެރިކަން ކުޑަކުރުން ފަދަ ކަންކަން ކޮށްގެން ބޭނުންކުރަންޖެހޭ ވަސީލަތްތަކާ އެކު ފަރުވާ ދޭ މީހުންނެވެ. އަދި މިފަދަ ފަރުވާގެ މުއްދަތު ދިގުވި ވަރަކަށް ބަލިން ފަސޭހަވާން ނަގާ މުއްދަތު ވެސް އިތުރުވެ އެވެ. މިސާލަކަށް ބުނާ ނަމަ، ހޭނައްތައިގެން ވެންޓިލޭޝަން ދޭ މީހުންނެވެ.

ބަލީގެ އަލާމާތް ވަރަށް ކުޑަކޮށް ހުރިއްޔާ؟

ކޮވިޑް-19 ޖެހޭ މީހުންގެ ތެރޭގައި ގިނައީ ބަލީގެ އަލާމާތް ވަރަށް ކުޑަކޮށް ފެންނަ މީހުންނެވެ. މި މީހުންގެ ކިބައިން އަލާމާތްތަކުގެ ގޮތުގައި ފެނުނަސް ފެންނަނީ އާދައިގެ ކެއްސުމެއް ނުވަތަ ހުން އައުން ފަދަ ކަމެކެވެ.

ކެއްސުން ފެށޭނީ ހިކި ކެއްސުމެއްގެ ގޮތުގަ އެވެ. ނަމަވެސް ބައެއް މީހުން ކެއްސަމުން ގޮސް، ވައިރަސްގެ ސަބަބުން ފުއްޕާމޭން މަރުވާ ސެލްތަކާ އެކު އަރިދަފުސް ވެސް އާދެ އެވެ. މި ކަންކަމަށް އާންމުކޮށް ފަރުވާ ކުރަނީ އަރާމުކުރުމާއި ދިޔާ އެއްޗެހި ގިނައިން ބުއިމާއި ޕެރެސެޓަމޯލް ފަދަ، ތަދު ކަނޑުވާ ބޭހެއް ދީގެންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ އެހީތެރިންތަކެއް މަސައްކަތުގައި

މިފަދަ އާދައިގެ އަލާމާތްތައް ހުންނަ މީހުން އާންމު ގޮތެއްގައި ވަރަށް އަވަހަށް ރަނގަޅުވާނެ އެވެ.

ހުންނަ އަންނަ މީހުން ވެސް، ހުން އައުން ހަފުތާއަކަށް ވުރެ އަވަހަށް ހުއްޓެ އެވެ. އެކަމަކު ކެއްސުން އެއަށް ވުރެ ގިނަ ދުވަހަށް ދިގު ދެމިގެންދެ އެވެ. ޗައިނާގައި ބަލި ޖެހުނު މީހުންގެ ބަލީގެ އަލާމާތްތައް ދިރާސާކުރުމަށް ފަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފައިވަނީ ބަލިން ރަނގަޅުވާން އެވްރެޖްކޮށް ހޭދަވަނީ ދެ ހަފުތާ ކަމަށެވެ.

މިއަށްވުރެ ބޮޑަށް ބަލިވެއްޖެ ނަމަ؟

ބައެއް މީހުންނަށް މި ބަލީގައި ބޮޑުވަރުވެ އެވެ. މި ހާލަތަށް މީހާ ދަނީ ބަލި ޖެހޭތާ 7-10 ދުވަސް ތެރޭގަ އެވެ. ބަލީގައި ބޮޑުވަރުވާ ހާލަތަށް ކުއްލިއަކަށް ދިއުމަކީ ވެސް ދިމާވާ ގޮތެކެވެ. ނޭވާލާން ކުއްލިއަކަށް އުނދަގޫވެ ފުއްޕާމޭ ދުޅަވެ އެވެ. މިހެން ދިމާވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ބަލީގެ ވައިރަހާ ދެކޮޅަށް ގަދަޔަށް މަސައްކަތް ފެށުމުންނެވެ. ހަގީގަތުގައި މިއީ ދިފާއީ ނިޒާމު، އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް މަސައްކަތް ފެށުމުން ނުވަތަ އޯވަރިއެކްޓްކުރަން ފެށުމުން ދިމާވާ ކަމެކެވެ.

މިހެން ވުމުން ބައެއް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އޮކްސިޖަން ދޭން ޖެހެ އެވެ.

މި ހާލަތު ދިމާވާ މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލިކޮށްލަ އެވެ. އަދި އެއްކޮށް ރަނގަޅުވާން 2-8 ހަފުތާ ނަގަ އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް

އައިސީޔޫގައި ފަރުވާދޭން ޖެހިއްޖެ ނަމަ؟

ޑަބްލިޔުއެޗްއޯގެ އަންދާޒާ އަކީ ބަލިޖެހޭ ކޮންމެ 20 މީހަކުން އެކަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި، ހޭނެއްތުމަށް ފަހު ވެންޓިލޭޓަރު ގުޅަން ޖެހުން ވެސް ހިމެނެ އެވެ.

އެއްވެސް ބައްޔެއްގައި އައިސީޔޫގައި ފަރުވާދޭން ޖެހިއްޖެ ނަމަ، ގިނަ ދުވަހު ފަރުވާ ހޯދަންޖެހެ އެވެ. އައިސީޔޫގައި ހޭދަކުރަންޖެހޭ މުއްދަތުގެ އިތުރުން، އޭގެ ފަހުން ވެސް އާންމު ވޯޑެއްގައި އިތުރަށް އޮބްޒާވްކުރުމަށް ވެސް ބާއްވަންޖެހެ އެވެ.

އިނގިރޭސި ވިލާތުގެ ފެކަލްޓީ އޮފް އިންޓެންސިވް ކެއާ މެޑިސިންގެ ޑީން ޑރ. އެލިސަން ޕިޓާޑް ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ބައްޔެއްގައި ވިޔަސް، އައިސީޔޫގައި ފަރުވާދޭންޖެހިއްޖެ ނަމަ އެ މީހަކު އެންމެ ކުރިން ހުރި ހާލަތަކަށް ދާން 12-18 މަސް ހޭދަވާނެ އެވެ.

ހޮސްޕިޓަލުގައި ގިނަ ދުވަހު އޮންނަން ޖެހުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ބާރު ދަށްވެ އެވެ. އެ ކަންކަން ރަނގަޅުވާން ވެސް ދިގު މުއްދަތެއް ނަގަ އެވެ. ބައެއް މީހުންނަށް މި ކަމުގައި ފިޒިއޮތެރަޕީ ވެސް ބޭނުންވެ އެވެ. އަދި ނަފްސާނީ ގޮތުން ލިބިފައި ހުންނަ ގެއްލުންތަކަށް ވެސް ފަރުވާ ހޯދަންޖެހޭ ފަހަރު އާދެ އެވެ. -- ބީބީސީ