އެންމެ ކުރު ފިރިހެނަކީ ކޮލަމްބިއާ މީހެއް، އިސްކޮޅުގައި 2.4 ފޫޓު

މި ވަގުތު ދުނިޔޭގައި ހުރި، އިސްކޮށްލުން އެންމެ ކުރު ފިރިހެނަކީ ކޮލަމްބިއާގެ އެޑްވަޑް ނިނޯ ހެނަންޑޭޒް ކަމަށް ގިނިސް ވޯލްޑް ރިކޯޑުން ބުނެފި އެވެ.


މި މަހުގެ 10 ވަނަ ދުވަހު 34 އަހަރު ފުރުނު އެޑްވަޑަށް ރެކޯޑްގެ ރަސްމީ ލިޔުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ 2 ފޫޓް 4.3938 އިންޗި އެވެ.

މިއީ އޭނާގެ ނަން ދުނިޔޭގެ ރިކޯޑް ފޮތަށް އެރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެޑްވަޑަށް އެންމެ ކުރު ފިރިހެން މީހާގެ ރެކޯޑް ލިބުނީ އުމުރުން 24 އަހަރުގައި 2010 ގަ އެވެ. އޭރު އޭނާގެ އިސްކޮޅުގައި ހުރީ 2 ފޫޓް 3.64 އިންޗި އެވެ.

އެޑްވަޑް ބުނެފައިވާ ގޮތުގައި އޭނާ އިސްކޮޅުން ދިގުނުވާކަން ފާހަގަވާން ފެށީ އުމުރުން 4 އަހަރުގަ އެވެ. އޭރު އެކުގައި އުޅެމުން ދިޔަ ކުދިން ބޮޑުވަމުންދާ ތަން ފެނި، އޭނާގެ އިސްކޮޅު ކުރުކަމުން ދެރަވާ ކަމަށް ބުންޏެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް އިސްކޮޅާ ދޭތެރޭ ކުރަމުން ދިޔަ ފިކުރުތައް ދޫކޮށްލަން ފެށި އެވެ.

އެޑްވަޑް ބުނީ އިސްކޮޅުން ކުރުވުމަކީ މިހާރު މައްސަލައެއް ނޫން ކަމަށާއި އޭނާ އުޅެނީ ވަރަށް އުފަލުން ކަމަށެވެ. އެކަމަކު ކުޑައިރުގެ ދުވަސްތަކަކީ އިސްކޮޅުން ކުރުވުމުގެ ސަބަބުން ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ބުންޏެވެ.

އެޑްވަޑަކީ މިއުޒިކާއި ނެށުމާއި ވަރަށް ލޯބިކުރާ ޒުވާނެކެވެ. ގިނިސް ވޯލްޑް ރިކޯޑުން އޭނާ އަށް ލިޔުން ހަވާލުކުރަން ބޭއްވި ހަފުލާގެ ތެރޭގައި ވެސް އެޑްވަޑް ވަނީ ހުނަރު ދައްކާލައިފަ އެވެ.

އެޑްވަޑް ބުނީ އިސްކޮޅުން ކުރުވުމަކީ އެ މީހަކު ހާސިލުކުރަން ބޭނުންވާ ކަންކަމަށް ވެސް އޮތް ހުރަހެއް ނޫން ކަމަށާއި ކޮންމެ ކަމަކީ ވެސް ހާސިލުކުރެވިދާނެ ކަމެއް ކަމަށެވެ.

އޭނާ އަމިއްލަ އަށް ސިފަކުރަނީ "ހަށިގަނޑު ކުޑަ، ހިތުން ބޮޑު" މީހެއްގެ ގޮތުގަ އެވެ.

އެޑްވަޑަށް އެންމެ ފުރަތަމަ ލިބުނު ކުރު މީހާގެ ރެކޯޑް ގެއްލުނީ އޮކްޓޯބަރު 14، 2010 ގައި ނޭޕާލްގެ ޚަގެންދުރަ ތާޕާ މަގާރް އަށް އެންމެ ކުރު ފިރިހެން މީހާގެ ރެކޯޑް ލިބުމާ ގުޅިގެންނެވެ. އޭރު އޭނާގެ އިސްކޮޅުގައި ހުރީ 2 ފޫޓް 2.41 އިންޗި އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ 17 ގައި އޭނާ ވަނީ 28 އަހަރުގައި މަރުވެފަ އެވެ.

އެހެންވެ އަލުން އެންމެ ކުރު މީހާގެ ރެކޯޑް އެޑްވަޑަށް ލިބުނީ އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ ކުރު އަންހެނަކީ އިންޑިއާގެ ޖިއޯތީ އަމްގީ، 26، އެވެ. އޭނާގެ އިސްކޮޅަކީ 2 ފޫޓް 3.4 އިންޗި އެވެ.