އަތް ދޮންނަންވީ ދުވާލަކު ކިތައް ފަހަރު؟

ވީހާ ވެސް ގިނަގިނައިން އަތް ދޮންނަންވީ އެވެ. ކޮރޯނާވައިރަހުން މުޅި ދުނިޔެ އަށް ދިން މެސެޖަކީ ވެސް މިއެވެ. ގިނައިން އަތް ދޮވުނު ވަރަކަށް ބަލިތަކުން ބޮޑަށް ރައްކާތެރިވެވެ އެވެ. ކޮވިޑް-19 ފެތުރުމުގެ ކުރިން ވެސް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗޯ އިން ވެސް އާންމުކޮށް ދޭ އެއް އިރުޝާދަކީ މިއެވެ.


އެކަމަކު އަތް ދޮންނާނީ ދުވާލަކު ކިތައް ފަހަރު ހެއްޔެވެ؟ އިނގިރޭސިވިލާތުގައި ހަދާފައިވާ ދިރާސާއެއްގައި ބުނާގޮތުން ދުވާލެއްގެ މައްޗަށް 6-10 އާ ދޭތެރޭ އަދަދަކަށް އަތް ދޮންނަ ނަމަ ވަރަށް ގިނަ ބަލިތަކުން ރައްކާތެރިވެވޭނެ އެެވެ.

ވެލްކަމް އޯޕަން ރިސާޗްގައި ޝާއިއުކޮށްފައޮވާ އިނގިރޭސިވިލާތުގެ މެޑިކަލް ރިސާޗް ކައުންސިލުން 1،663 މީހުން ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު މަދުވެގެން ހަ ފަހަރު ސައިބޯނި ލައިގެން އަތް ދޮވުނު މީހުންނާއި އެއަށް ވުރެ މަދުން އަތް ދޮވުނު މީހުންގެ ސިއްހީ ހާލަތު ވަޒަންކުރި އިރު މަދުވެގެން ހަ ފަހަރު އަތް ދޮވުނު މީހުން އެކި ކަހަލަ އިންފެކްޝަންތަކާއި ރޯގާތަކާ ދުރުވިލެއް ބޮޑެވެ.

އެހެންވެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ރައްކާތެރިކަމުގެ ގޮތުން ވީހާ ވެސް ގިނައިން އަތް ދޮންނަންވީ އެވެ.

ދިރާސާ ޓީމުގައި ހިމެނޭ ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ޑރ. ސާރާ ބީލް ވިދާޅުވި ގޮތުގައި އަބަދު ވެސް ތިމާގެ އަތް ސާފުތާހިރުކޮށް ބެހެއްޓުމަކީ ކުރަންޖެހޭ ކަމެކެވެ.

"އެއީ ބަލީގެ އަލާމާތެއް ހުއްޓަސް ނެތަސް ގަވައިދުން ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ގިނަގިނައިން އަތް ދޮވުމަކީ ތިމާގެ ފަރާތުން އެހެން މީހުންނަށް ބައްޔެއް ފެތުރުން ވެސް ކޮންޓްރޯލްކޮށްދޭނެ ކަމެއް. އެހެންވެ މިކަން އެބަޖެހޭ ދިރިއުޅުމުގެ އާދަޔަކަށް ހަދަން."

ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) ފަދަ ތަންތަނުން މީގެ ކުރިން ވެސް ވަނީ އަތް ދޮންނާނެ ގޮތުގެ އިރުޝާދުތައް ކިޔައިދީފަ އެވެ. އެންމެ ރަނގަޅު ގޮތަކީ ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތަށް ދެ އަތް ރަނގަޅަށް އުނގުޅަމުނުން ދޮވުމެވެ. އެގޮތުން އަތުގެ ދެ ފުށާއި އިނގިލިތަކުގެ ދޭތެރޭ ވެސް ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.

ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމާއި ފާހާނާކޮށްގެން އަތް ދޮވުމާއި ކެއްސައި ކިނބިހިއެޅުމަށް ފަހު އަތް ދޮވުމާއި ގިނަ ބަޔަކު އަތްލާ އެއްޗެހީގައި އަތްލެވޭ ނަމަ ގިނަގިނައިން އަތް ދޮންނަން އާދަކުރަން ޖެހެ އެވެ. ކޮވިޑް-19އާ އެކު އަހަރެމެންގެ ދިރިއުޅުމަށް ވެސް އައި ބަދަލާ އެކު "ނިއު ނޯމަލް" ގެ ތެރެއަށްދާ އިރު، ގިނަގިނައިން އަތް ދޮވުމަކީ ކޮންމެ ދުވަހެއްގެ އާންމު ދިރިއުޅުމުގެ މުހިއްމު ކަމަކަށް އަތް ދޮވުން މިއޮތީ ހަދަން ވެސް ޖެހިފަ އެވެ. ގިނަގިނައިން މިކަން ކުރި ވަރަކަށް އާދަވެދާނެ އެވެ.