ވަރީގެ ބަދަލުން އަންހެނަކު އޭޝިއާގެ ބިލިއަނަރަކަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އާއި އަންހެނުން މެކެންޒީގެ ކައިވެނި މިދިޔަ އަހަރުގެ ކުރީކޮޅު ރޫޅައިލުމާ ގުޅިގެން ލިބުނު ބަދަލާ އެކީ މެކެންޒީ އޭރު ހިމެނުނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގަ އެވެ.


މި ފަހަރު މިފަދަ ގޮތަކަށް އޭޝިއާގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުން ޖާގަ ލިބުނީ ޔުއާން ލިޕިންއަށެވެ. އޭނާ އަކީ ވެކްސިން އުފައްދާ ޗައިނާގެ ޝެންޒެންގެ ކުންފުނި ކަންގްޓާއިީ ބައޮލޮޖިކަލް ޕްރޮޑަކްޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން ޑޫ ވީމިންގެ ކުރީގެ އަންހެނުންނެވެ.

ދެ މީހުންގެ ކައިވެނީ ރޫޅާލައި، މިލްކިއްޔާތު ބައި އަޅަން ޖެހުނު އިރު ޑޫގެ 6.5 ބިލިއަން ޑޮލަރުގެ މިލްކިއްޔާތުން ޔުއާނަށް ވަނީ 3.1 ބިލިއަން ޑޮލަރު ދޭން ޖެހިފަ އެވެ، އެއީ ކުންފުނީގެ ހިއްސާ އިން ބަލާ ނަމަ 161.3 މިލިއަން ހިއްސާގެ އަގެވެ. އެ ފައިސާ އިން އަގު ކުރާ ނަމަ 3.2 ބިލިއަން ޑޮލަރެވެ.

ޔުއާން، 49، ފިރިމީހާގެ ގާތުން ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 29 ގަ އެވެ. ކެނެޑާގެ ރަށްވެހިކަން އޮތް ނަމަވެސް ޝެންޒެންގައި ދިރިއުޅެމުން އަންނަ ޔުއާން ވަނީ މެއި 2011 އިން އޮގަސްޓް 2018 އަށް ކަންގްޓާއިީ ބައޮލޮޖިކަލް ޕްރޮޑަކްޓްސްގެ ބޯޑްގެ ޑިރެކްޓަރެއްގެ މަގާމު އަދާކޮށްފަ އެވެ. އަދި މިހާރު އޭނާ އަކީ އެ ކުންފުނީގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ މިންހާއީ ބައޯޓެކްނޮލޮޖީގެ ވައިސް ޖެނެރަލް މެނޭޖަރެވެ.

ޔުއާނަކީ ބެއިޖިން ޔުނިވަސިޓީ އޮފް އިންޓަނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސް އިން ބެޗްލާޒް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ.

އުމުރުން 56 އަހަރުގެ ޑޫ އަކީ ޗައިނާގެ ޖިއާންގްޒީ ޕްރޮވިންސްގެ ދަނޑުވެރި އާއިލާއަކަށް އުފަން މީހެކެވެ.

ކޮލެޖްގައި ކެމިސްޓްރީ ކިޔަވާފައި އޭނާ އެންމެ ޒުވާން އުމުރުގައި ވަޒީފާއަދާކުރީ ކްލިނިކެއްގަ އެވެ. އަދި އޭގެ އަހަރުތަކެއް ފަހުން 1995 ގައި ބައޯޓެކް ކުންފުނީގެ ސޭލްސް މެނޭޖަރުގެ މަގާމު ލިބުނެވެ. އަދި އޭގެ އަހަރުތަކެއް ފަހުން 2004 ގައި ކަންގްޓާއިީ ބައޮލޮޖިކަލް ޕްރޮޑަކްޓްސް ކޮމްޕެނީ ވުޖޫދަށް ގެނަ އެވެ.