ފިރިހެނުންގެ އިސްކޮޅަކީ އަންހެނުންނަށް މައްސަލައެއް ނޫން

އަންހެނަކަށް ވުރެ ފިރިހެނަކު އިސްކޮޅުން ކުރުވުމަކީ ގިނަ ފަހަރަށް ވަރަށް ލަދުވެތި ކަމަކަށްވެ އެވެ. އެހެންވެ ބައިވެރިއަކު އިހުތިޔާރުކުރާ އިރު، ފިރިހެނުން އަބަދު ވެސް އެންމެ ބޮޑަށް ބަލާ އެއް ކަމަކީ އެ މީހަކަށް ވުރެ އިސްކޮޅުން ކުރު ބައިވެރިޔަކު ހޯދުމެވެ.


ނަމަވެސް ސާވޭއަކުން ދައްކަނީ މީގެ އިދިކޮޅެވެ. އިންޓަނެޓްގައި، ދެ ޖިންސުގެ 10،000 މީހުން ބައިވެރިކޮށްގެން ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި ބައިވެރިޔަކު އިހުތިޔާރުކުރާ އިރު އެ މީހަކީ ތިމާއަށް ވުރެ އިސްކޮޅުން ކުރު މީހެއްތޯ އަންހެނުން މިހާރަކު ނުބަލަ އެވެ. އަދި އިސްކޮޅަކީ އެ މީހުންނަށް މައްސަލައަކަށް ނުވެ އެވެ.

އުމުރުން 21-50 އަހަރާ ދެމެދުގެ މީހުން ބައިވެރި ސާވޭގައި 68 ޕަސެންޓް އަންހެނުން ބުނެފައިވާ ގޮތުގައި އިސްކޮޅުން ކުރު ފިރިހެނުންނަށް މާ ހިތްކިޔާ ގޮތެއް ހުރެ އެވެ. އަދި 82 ޕަސެންޓް އަންހެނުން ބުނި ގޮތުގައި އެ މީހުންގެ އިސްކޮޅާ އެއްވަރުގެ މީހަކު އިހުތިޔާރުކުރުމަކީ ވެސް މައްސަލައެއް ކަމަކަށް ނުދެކެ އެވެ. އަދި 61 ޕަސެންޓް އަންހެނުން ބުނި ގޮތުގައި އިސްކޮޅުގައި 5 ފޫޓް އަށް 8 އިންޗި ހުރުމަކީ ފިރިހެނުންނަށް އެންމެ ހެޔޮވަރު އިސްކޮޅެކެވެ.

ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 40 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް އެންމެ ކަމުދަނީ އެންމެ ކުރުވެގެން ވެސް 6 ފޫޓް ހުންނަ މީހުންނެވެ.

ޖުމްލަކޮށް މުޅި ސާވޭ އިން ދައްކަނީ ފިރިހެނުން އިސްކޮޅުން ކުރުވުމަކީ އަންހެނުންނަށް މައްސަލައެއް ނޫން ކަމެވެ.

ކެމްބްރިޖް ޔުނިވަސިޓީން ކުރިން ހަދާފައިވާ ދިރާސާއެއްގައި ބުނާގޮތުން ފިރިހެނުންނަށް އަންހެނުން އެންމެ ބޮޑަށް ކަމުދަނީ ފައި ޓޯންވެފައި، ފައި ދިގުކޮށް ތިބޭ ނަމަ އެވެ. އެކަމަކު ބައިވެރިޔަކު އިހުތިޔާރުކުރާ އިރު، ގިނަ ފިރިހެނުން އާންމުކޮށް ބަލާ އެއް ކަމަކީ ތިމާއަށް ވުރެ އިސްކޮޅުން ކުރު އަދި ވަރަށް ލޫޅާފަތިކޮށް ހުންނަ މީހަކު ހޯދުމެވެ.