އިސްތަށިގަނޑަށް އޮފުކަން ގެނެވޭނެ ތިން ގޮތެއް

އިސްތަށިގަނޑުގެ ކުލަ ފަނޑުވެ، ތާޒާކަމެއް ނެތް ގޮތަށް ފެނުމަކީ މޫނުމަތީގެ ތާޒާކަން ވެސް ގެއްލޭނެ ކަމެކެވެ. އެހެންވެ އަބަދުވެސް އިސްތަށިގަނޑު ރީތިކޮށް، އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބުޅި ނުވަތަ ފަން އިސްތަށިގަނޑަކަށް ވިޔަސް އިސްތަށިގަނޑުގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭނީ އޭގައި ހުންނަ އޮފުކަމުންނެވެ.


އެހެންވެ މިކަމަށް ގިނަ މީހުން އެކި ކަންކަން ކޮށް، ތަފާތު އެއްޗެހި ވެސް ބޭނުންކުރެ އެވެ. މީގައި އަންހެނެއް ފިރިހެނެއް ތަފާތެއް ވެސް ނެތެވެ.

އިސްތަށިގަނޑަށް އޮފުކަމާއި މަޑުކަން ގެންނަން މި ކިޔައިދެނީ ތިން ޕޭސްޓެކެވެ. މާ ގިނަ އެއްޗިއްސެއް ވެސް މި ޕޭސްޓްތައް ތައްޔާރުކުރާކަށް ބޭނުމެއް ވެސް ނޫނެވެ، އެހެންވެ މިއީ ހަރަދު ކުޑަކޮށް ބޭނުން ކުރެވިދާނެ ޕޭސްޓްތަކެކެވެ.

* ބޭނުންވާ ތަކެތި

2 ސައިސަމުސާ ކާށިތެޔޮ ނުވަތަ އާމަންޑް ތެޔޮ

1 ސައިސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތް:

ތެލާއި މާމުއި ބޯތައްޓަކަށް އަޅާފައި މައިކްރޯވޭވްކޮށްލާށެވެ. ނުވަތަ އުނދުނުގައި ވެސް ރަނގަޅަށް ހޫނުކޮށްލާށެވެ. އޭރުން ދެބައި ރަނގަޅަށް އެއްވާނެ އެވެ. އެއަށް ފަހު ހޫނުކަން ކެނޑުމުން ބޮލުގެ ނާށިގަނޑުގައި ރަނގަޅަށް ހޭކޭ ގޮތަށް އުނގުޅާފައި ރަނގަޅަށް މަސާޖްކޮށްލާށެވެ. ދެން ޝަރަވު ކެޕެއް އަޅާފައި ބައިގަޑިއެއްހާ އިރު ބަހައްޓާށެވެ.

އޭގެ ފަހުން ޝޭމްޕޫ ލައިގެން ރަނގަޅަށް ދޮވެލާނީ އެވެ. މި ޕޭސްޓް ބޭނުންކުރުމުން އިސްތަށިގަނޑު މަޑުވެ، އޮފްކަން އަންނާނެ އެވެ.

އިސްތަށިގަނޑު ދޮންނަ ދުވަސްދުވަހު އާދަކޮށް މި ޕޭސްޓް ބޭނުންކުރާ ނަމަ ނަތީޖާ ފެންނާނެ އެވެ.

* ބޭނުންވާ ތަކެތި:

1/2 ޖޯޑު ކާށިކިރު

3 ސަމުސާ ޒައިތޫނި ތެޔޮ

ހޫނުފެން

* ތައްޔާރުކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތް:

ހުރިހާ އެއްޗެއް ބޯތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޮލުގެ ހަންގަނޑުގައި ރަނގަޅަށް އުނގުޅައި، ކެޕެއް އަޅާފައި 20 މިނިޓްވަންދެން ބަހައްޓާނީ އެވެ. އޭގެ ފަހުން ރަނގަޅަށް ދޮވެލާނީ އެވެ.

* ބޭނުންވާ ތަކެތި:

2 ސައިސަމުސާ ޕްލޭން ޔޯގަޓް

ދޮޅު ސަމުސާ މާމުއި

1/2 ސައިސަމުސާ ކާށިތެޔޮ

* ތައްޔާރުކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތް:

ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު، ބޮލުގައި އުނގުޅާށެވެ. އަދި 10-15 މިނިޓް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާނީ އެވެ. މި ޕޭސްޓް ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭނުންކުރެވިދާނެ އެވެ. އާދަކޮށް ބޭނުންކުރަން ފެށުމުން ނަތީޖާ ފެންނަން ފަށާނެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކެއުމުގައި ވެސް ޒައިތޫނި ތެލާއި ކާށިތެލާއި ކާށިކިރާއި ޔޯގަޓް އަދި މާމުއި ބޭނުންކުރުމަކީ ދުޅަހެޔޮ އިސްތަށިގަނޑަކަށް މަގުފަހިވާނެ އެއްޗިއްސެވެ. އެހެންވެ ކާނާތައް ތައްޔާރުކުރާ އިރު ވެސް މި ބާވަތްތައް ބޭނުންކުރުން މުހިއްމެވެ.