އިސްލާހު ކުރުމުގައި އުފާކުރުވަން އިސްކަން ދިނުން

އިސްލާމްދީނަކީ ކޮންމެ ކަމެއްގައިވެސް ވަޒަން ހިފަހައްޓާ ދީނެކެވެ. މިގޮތުން ދީނުގެ އެކިއެކި ހުކުމްތައް ބަޔާންކޮށް ވައުޒު ދިނުމުގައި ވެސް ވަޒަން ހިފަހައްޓަ އެވެ. އެހެންވެ ހިތްތަކަށް ބިރުވެރިކަން ވަންނަން ޖެހޭ ކަންކަމުގައާއި ހާލަތްތަކުގައި ބިރުވެރިކަން ވެއްދުމާ އެކު އެނޫން ކަންކަމާއި ހާލަތްތަކުގައި އުފާކުރުވުން އިސްކުރަން އިސްލާމްދީން ބާރު އަޅަ އެވެ. އަނަސްގެފާނުގެ ކިބައިން ރިވާ ވެގެންވާ ހަދީސެއްގައި ވެ އެވެ. "ތިޔަބައިމީހުން މީސްތަކުންނަށް ލުއިފަސޭހަ ކުރާށެވެ! ދަތި އުނދަގޫ ނުކުރާށެވެ! އަދި އުފާވެރި ޚަބަރު ދޭށެވެ! ނަފުރަތްތެރި ނުކުރުވާށެވެ!" މުޢާޛު ބުނު ޖަބަލް އާއި އަބޫމޫސަލް އަޝްޢަރީ ޔަމަނަށް ފޮނުއްވެވި ހިނދު ވެސް ކީރިތި ރަސޫލާ އެދެބޭފުޅުންނަށް ހަމަ މިވަސިއްޔަތް ކުރެއްވި އެވެ.


ދީން އުނގަންނައިދީ ވައުޒު ދިނުމުގައި އުފާ ކުރުވުމޭ ބުނާ ބަހުގެ މުރާދަކީ އުފާވެރި ކަމުގެ ޚަބަރުތައް ދިނުމެވެ. އެފަދަ ޚަބަރުތަކަކީ އޭގެ ސަބަބުން މާތްﷲ އާ މެދު އަޅުތަކުންގެ ހިތްތަކުގައި ލޯބި އުފެދި އަޅުކަން ކުރުމަށް ޝައުގުވެރިވެ ސީދާވެގެންވާ މަގުގައި ހުރުމަށް އެހީވެދޭ ޚަބަރުތަކެވެ. އެއީ އިންޒާރުގެ އިދިކޮޅެވެ. އެހެންނަމަވެސް މި ދެ ކަމަކީ ވެސް އިންސާނުން ތަރުބިޔަތު ކުރުމުގައި ހަމަ މުހިންމު ދެކަމެވެ. މިހެންވެ ނަބީންނާއި ރަސޫލުން ދީން އުނގަންނައި ދެއްވުމުގައި އުފާވެރި ޚަބަރު ދިނުމާ އެކު އިންޒާރު ވެސް ދެއްވި އެވެ. ކީރިތި ޤުރުއާނުގައި ވަނީ އެބޭކަލުން މުބައްޝިރުންނާއި މުންޛިރުންގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. ސަބަބަކީ އީމާންވެ ކިޔަމަންގަތް މީހުންނަށް އާޚިރަތުގައި ސުވަރުގޭގެ ނިއުމަތްތަކާއި ދުނިޔޭގައި އުފާވެރި ދިރިއުޅުން ލިބޭނެ ކަމުގެ އުފާވެރި ޚަބަރުތައް ދެއްވީތީ އެވެ. އަދި ކާފިރުވެ އުރެދުނު މީހުންނަށް ނަރަކައިގެ އަޒާބުތަކާއި ދުނިޔޭގެ ހަޔާތުގައި ވޭންދެނިކަން ހުރި ކަމުގެ އިންޒާރުތައް ދެއްވީތީ އެވެ.

އިންސާނުން ތަރުބިޔަތު ކުރުމުގައި މިދެކަންތައް އެކީ ބޭނުންވިއަސް އިސްލާމީ ނަޒަރުން ބަލާއިރު މީގެ ތެރެއިން އަބަދުވެސް އިސްކަން ދޭން ޖެހެނީ އުފާވެރި ޚަބަރު ދިނުމަށެވެ. މީގެ އެއް ހެއްކަކީ ކީރިތި ޤުރުއާނުގައި ނަބީންނާއި ރަސޫލުންގެ މިދެސިފަ އެކުގައި ބަޔާން ކުރާއިރު އަބަދުވެސް "މުންޛީރީން" ގެ ކުރިން "މުބައްޝިރީން" އަދި "ނަޛީރަން" ގެ ކުރިން "ބަޝީރަން" ނުވަތަ "މުބައްޝިރަން" އައިސްފައި ވުމެވެ. އަދި ނަބީންނާއި ރަސޫލުންވެސް އާންމު ހާލަތްތަކުގައި އިންޒާރަށް ވުރެ ކުރިން އުފާވެރި ޚަބަރު ދެއްވުމަށް އިސްކަން ދެއްވީތީ އެވެ. ވީމާ އިލްމުވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިން ވެސް މި ވަސީލަތަށް އިސްކަން ދޭންވާނެ އެވެ.

އުފާވެރި ޚަބަރު ދިނުމަށް އިސްކަން ދިނުން ފުރިހަމަ ވެގެން ދާނީ ނަފުރަތްތެރި ކުރުވާ ޒާތުގެ ވާހަކަތަކާއި ކަންކަމުން ދުރުހެލި ވެސް ވެގެންނެވެ. އުފާވެރި ޚަބަރު ދިނުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަސިއްޔަތް ކުރެއްވި ހިނދު ހަމައެކަނި އެހިސާބަށް ހުއްޓާ ނުލައްވައި އެއާ ވިދިގެން "ނަފުރަތު ނުކުރުވާށޭ" ހަދީސް ކުރެއްވުމުން ދޭހަވަނީ މީގެ މުހިންމު ކަމެވެ. ނަފްރަތު ނުކުރުވާށޭ ބުނާ ބަހުގެ މުރާދަކީ މާތްﷲ ގެ އަމުރުފުޅުތަކާ މެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވުމެވެ.

އުފާވެރި ޚަބަރު ދިނުމަށް އިސްކަން ދިނުން ފުރިހަމަ ވެގެން ދާނީ ނަފުރަތްތެރި ކުރުވާ ޒާތުގެ ވާހަކަތަކާއި ކަންކަމުން ދުރުހެލި ވެސް ވެގެންނެވެ. އުފާވެރި ޚަބަރު ދިނުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަސިއްޔަތް ކުރެއްވި ހިނދު ހަމައެކަނި އެހިސާބަށް ހުއްޓާ ނުލައްވައި އެއާ ވިދިގެން "ނަފުރަތު ނުކުރުވާށޭ" ހަދީސް ކުރެއްވުމުން ދޭހަވަނީ މީގެ މުހިންމު ކަމެވެ. ނަފްރަތު ނުކުރުވާށޭ ބުނާ ބަހުގެ މުރާދަކީ މާތްﷲ ގެ އަމުރުފުޅުތަކާ މެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވުމެވެ. މިސާލަކަށް ކީރިތި ޤުރުއާނުގައި ނިއުމަތާއި ރަހުމަތުގެ ވާހަކަ ބަޔާން ކުރާ އާޔަތްތައް ހުއްޓައި އެއަށް އެއްވެސް ވަރަކަށް އިޝާރާތް ނުކޮށް އަބަދުވެސް އަޒާބާއި ވައީދުގެ ވާހަކަ ބަޔާން ކުރާ އާޔަތްތައް އެކަނި ބޭނުންކޮށްގެން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމެވެ.

މީގެ މާނައަކީ މިފަދަ އާޔަތްތަކުގެ ވާހަކަ ނުދައްކާށޭ އެއް ނޫނެވެ. އަދިކިއެއްތަ، އިންސާނުން ތަރުބިޔަތު ކުރުމުގައި ނުރަނގަޅު ސުލޫކުން ދުރުހެލި ކުރުވުމަށް ބިރު ދެއްކުމަކީ ނަފުސާނީ ގޮތުން ބަލާއިރުވެސް މުހިންމު ކަމެކެވެ. އެކަމަކު ހަމައެކަނި ބިރު ދެއްކުން އޮންނަ ނަމަ ދެން އޭގެ ސަބަބުން ނަފުސާނީ ގޮތުން ނުތަނަވަސް ވުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން މި ހާލަތުގައި ވަޒަން ހިފެހެއްޓުމަށްޓަކައި އުފާވެރި ޚަބަރުތައް ދޭން ޖެހެ އެވެ. އެކަމަކު މިކަމުގައި ވެސް އަނެއްކޮޅުން ގޮސް ހައްދުފަހަނަޅައި ހިސާބަށް ގޮސްގެން ނުވާނެ އެވެ. އެހެނީ ހުސް އުފާވެރި ޚަބަރު ދިނުމަކީ އިސްލާމީ ގޮތެއް ކަމަށް ނުވުމެވެ. އަދި ނަފުސާނީ ގޮތުން ބަލާއިރުވެސް އެއީ ނަފްސު ފާސިދުވެ ނުބައި ސުލޫކާ މެދު އެއްވެސް ފަރުވާލެއް ނުބެހެއްޓުމަށް ނަފްސު ހޭނޭނެ ކަމެކެވެ. ވީމާ ދެބައި ހަމަހަމަ ކުރަން ޖެހޭނެ އެވެ. އެކަމަކު އަބަދުވެސް ވީވަރަކުން އުފާވެރި ޚަބަރު ދިނުމަށް އިސްކަން ދޭން ޖެހޭނެ އެވެ. ވަކިން ހާއްސަކޮށް އަލަށް އިސްލާމްވާ މީހުންނާއި ނުބައި ތަރުބިޔަތެއްގެ ސަބަބުން ދީނާ ވަރަށް ބޮޑަށް ދުރުވެފައިވާ މީހުން އަލުން އަނބުރާ ދީނާ ގާތް ކުރުވުމުގަ އެވެ.

އުފާވެރި ޚަބަރުދީ ބިރުނުގަންނަވާށޭ ބުނުމުން މީގެ މާނަ އޮޅުވާލައިގެން ވެސް ނުވާނެ އެވެ. މިގޮތުން ކަށްވަޅާއި ނަރަކައިގެ އަޒާބުގެ ވާހަކަ ދެއްކުން ހުއްޓާލައިގެން ނުވާނެ އެވެ. ކީރިތި ޤުރުއާނުގެ މަންހަޖަކީ އެ ވާހަކަތައް ހުއްޓާލުމެއް ނޫނެވެ. އެވާހަކަތައް ބަޔާން ކުރުމެވެ. އެކަމަކު އެ ވާހަކަތަކުގެ ކުރިން އުފާވެރި ޚަބަރު ގެނެސްދިނުމެވެ. އުފާވެރި ޚަބަރަށް އިސްކަން ދިނުމެވެ.

ކީރިތި ރަސޫލާގެ ހަދީސް ގައިވާ "ނަފްރަތު ނުކުރުވާށޭ!" މިލަފުޒު ޝަރަހަ ކުރައްވަމުން އަލްއައްލާމާ އަލްޢައިނީ ވިދާޅުވަނީ ނަފްރަތު ނުކުރުވުމަކީ ބިރުވެރިކަމުގެ ވާހަކަތަކާއި ވައީދުގެ ބަސްފުޅުތައް ބަޔާން ކުރުމުގައި ނަފްރަތު ނުކުރުވުން ކަމަށެވެ. މިގޮތުން އަލަށް އިސްލާމްވާ މީހުންނާއި ބާލިޣުވާން ކައިރިވެފައިވާ ކުޑަކުދިންނާއި ކުށެއް ކުރެވިގެން ތައުބާވެފައިވާ މީހުންނާ މެދު ބިރުދެއްކުމުގެ ގޮތް ދޫކޮށްލައި އޯގާތެރި ކަމާ އެކު ތަފާތު ވައްތަރުގެ އަޅުކަންތަކަށް މަޑުމަޑުން ފިޔަވަޅަކުން ފިޔަވަޅަކުން ހާނުވަމުން ގެންދާ ނަމަ އެފަދަ މީހުން ފަސޭހަ ކަމާ އެކު ހެޔޮމަގަށް ގެނެސް އަޅުކަންތަކަށް އާދަ ކުރުވޭނެ އެވެ. އެކަމަކު އޭގެ ބަދަލުގައި އަބަދު ވެސް ބިރުދައްކައި ހަރުކަށި އުސޫލު ބޭނުން ކުރާނަމަ ހެޔޮމަގަށް ގެނުވަން އުނދަގޫވާނެ އެވެ. ނުވަތަ ހެޔޮމަގަށް ގަދަކަމުން ގެނެވުނަސް އެގޮތުގައި ދަމަހައްޓަން އުނދަގޫވާނެ އެވެ.

ވީމާ ބިރުދެއްކުމުގެ ގޮތަށް ވުރެ ލޯތްބާއި އިހުތިރާމާ އެކު މަޑުމަޑުން ފިޔަވަޅަކުން ފިޔަވަޅަކުން ގެންދިއުމަށް އިސްކަންދޭން ވާނެ އެވެ. އަދި އުފާވެރި ޚަބަރުދީ ބިރުނުގަންނަވާށޭ ބުނުމުން މީގެ މާނަ އޮޅުވާލައިގެން ވެސް ނުވާނެ އެވެ. މިގޮތުން ކަށްވަޅާއި ނަރަކައިގެ އަޒާބުގެ ވާހަކަ ދެއްކުން ހުއްޓާލައިގެން ނުވާނެ އެވެ. ކީރިތި ޤުރުއާނުގެ މަންހަޖަކީ އެ ވާހަކަތައް ހުއްޓާލުމެއް ނޫނެވެ. އެވާހަކަތައް ބަޔާން ކުރުމެވެ. އެކަމަކު އެ ވާހަކަތަކުގެ ކުރިން އުފާވެރި ޚަބަރު ގެނެސްދިނުމެވެ. އުފާވެރި ޚަބަރަށް އިސްކަން ދިނުމެވެ. ވީމާ މީހުން ދީނާ މެދު ނަފުރަތު ނުކުރުވާށޭ ބުނާއިރަށް މަލާމާތް ކުރުމުގެ ގޮތުން "އެހެންވިއްޔާ ކުދިންނަށް ނަފްސާނީ ބަލިޖެހިދާނެތީ ނަރަކައިގެ ވާހަކަ ނުދައްކާ ތިބެންވީހޭ" ފަދަ އިބާރާތް ތައް ބޭނުން ކުރުމަކީ އުފާވެރި ޚަބަރުދޭށޭ ބުނާ ބަހުގެ މާނަ އޮޅުވާލުމެވެ. އުފާވެރި ޚަބަރު ދޭށޭ ބުނަނީ އަބަދުވެސް އެކަމަށް އިސްކަން ދިނުމަށެވެ. ކިރިޔާވެސް މީހެއްގެ ހިތަށް ނަފުރަތެއް ނުވައްދައި ސަލާމަތް ވެވެން އޮތިއްޔާ އެކަން ދޫކޮށް އުފާވެރި ޚަބަރު ދިނުމަށް އިސްކަން ދިނުމަށެވެ.