މައިކްރޮސޮފްޓް "މިކްސާ" ފޭސްބުކް ގޭމިންއާ ގުޅިއްޖެ

ވީޑިއޯ ގޭމްތަކަށް ހާއްސަ މައިކްސޮފްޓްގެ ލައިވްސްޓްރީމިން ސާވިސް "މިކްސާ" ބަންދުކުރުމަށް ފަހު، ފޭސްބުކް ގޭމިންއާ ގުޅެން ނިންމައިފި އެވެ.


"މިކްސާ" އިން މިގޮތަށް ނިންމާފައި ވަނީ ނިންޖާގެ ނަމުން މަޝްހޫރު އެމެރިކާގެ ޕްރޮފެޝަނަލް ގޭމާއާ އެކު މަލްޓި މިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ހެދިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. މައިކްރޮސޮފްޓްގެ މި ނިންމުމާ ގުޅިގެން ނިންޖާ އާއި އަދި މިކްސާގައި ހިއްސާވާ އެހެން ގޭމަރުން ފޭސްބުކާ އެކު ހެދި އެއްބަސްވުމުގައި ބައިވެރިއެއްނުވެ އެވެ. ނިންޖާ ކުރި ޓްވީޓެއްގައި ބުނީ "މިކްސާ" އިން ނިންމި ނިންމުމާ ގުޅިގެން ދެން އޭނާ ކުރިއަށްދާނެ ގޮތަކާ ދޭތެރޭ ވިސްނާނެ ކަމަށެވެ.

އެކަމަކު ފޭސްބުކާއި "މިކްސާ" އިން ބުނީ އެ މީހުން ބޭނުން ނަމަ އެކީގައި ކުރިއަށް ދެވިދާނެ ކަމަށާއި އެކަމަށް މަރުހަބާކިޔަން އޮތީ ތައްޔާރަށެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި މަހެއްހާ ދުވަހުގެ ތެރޭގައި "މިކްސާ" ހުއްޓައިލާނެ އެވެ. އެގޮތުން އަންނަ މަހުގެ 22 އން ފެށިގެން މިކްސާގެ އެޕާއި ވެބްސައިޓަށް ވަނުމުން ދެވޭނީ ފޭސްބުކް ގޭމިންއަށެވެ. ފޭސްބުކާ އެކު ހެދި އެއްބަސްވުނުގެ ދަށުން މައިކްރޮސޮފްޓުން އެކްސްކްލައުޑް ގޭމްސް-ސްޓްރީމިން ސާވިސް ފޭސްބުކް ގޭމިން އަށް ގެންނާނެ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން "މިކްސާ" އިން ނެރުނު ބަޔާނެއްގައި ބުނީ ކާމިޔާބީއަކަށް ވާނީ ހިދުމަތް ތަރައްގީކޮށް، ވީހާ ވެސް ބޮޑަށް ފުޅާކުރުން ކަމަށެވެ. އަދި "މިކްސާ" ގެ އަމާޒު ހުރީ އެ ދިމާއަށް ކަމަށާއި ވީޑިއޯ ގޭމް ސްޓްރީމިންގެ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުވަމުންދާނީ މިގޮތަށް މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ.

އެގޮތުން މައިކްރޮސޮފްޓްގެ އެކްސްބޮކްސް އާ އެކު "މިކްސާ" ފޭސްބުކް ގޭމިންއާ ބައިވެރިވުމަކީ ގޭމްގެ މައިދާން އިތުރަށް ވަރުގަދެވެގެންދާނެ ކަމެއް ކަމަށް ބުންޏެވެ.

ފޭސްބުކުން ބުނީ "މިކްސާ" ގޭމިން ކޮމިއުނިޓީގެ ތެރޭގައި ހަރަކާތްތެރިވާ ހުރިހާ އެންމެންނަށް ފޭސްބުކް ގޭމިން އަށް ދައުވަތުދޭ ކަމަށާއި އެއީ ފަހުރެއް ކަމަށް ވެސް ބުނެފަ އެވެ.

"އަދި މި ބަދަލާ އެކު ގޭމިން ކޮމިއުނިޓީ އުންމީދުކުރާ އަދި ބޭނުންވާ ކަހަލަ ބަދަލުތަކަށް އަހަރެމެން މަސައްކަތްކުރާނަން،" ފޭސްބުކުން ބުންޏެވެ.

"މިކްސާ" އަކީ ޖެނުއަރީ 5، 2016 ގައި "ބީމް" ގެ ނަމުގައި ތައާރަފުކުރި ހިދުމަތެކެވެ. އަދި "މިކްސާ" އަށް ނަން ބަދަލުކުރީ އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މައިކްރޮސޮފްޓުން ކުންފުނި ގަތުމަށް ފަހު އެވެ.